ޑުރަގު ބޭނުންކުރުން ފަދަ 'ހެބިޗުއަލް' ކުށްތަކަށް ގިނަ އަދަބު ދެވޭ ދައުވާ ނުކުރާނެ: ޝަމީމް

އެތައް ސަތޭކަ އަހަރެއްގެ ޖަލު ހުކުމެއް އިއްވޭއިރު، އެހެން މީހަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ކުށްކުރުމުގެ އާދަ އަށަގެންފައިވުމުން ކުރެވޭ ކުށްތަކަށް ދައުވާކުރުމުގައި ތަފާތެއް ގެންގުޅެންޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. ޝަމީމްގެ ޕީޖީ ކަމުގައި ދައުވާކޮށް، ކޯޓަށް ހުށަހެޅި ބައެއް މައްސަލަތަކުގައި ހިމެނޭ މީހުން ވަނީ ސަތޭކައަށް ވުރެ ގިނަ އަހަރަށް ޖަލަށް ލާފައެވެ. އޭގެ ތެރޭގައި، ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި ދައުލަތުން ގިނަ ދައުވާތަކެއް އުފުލާފައިވާ ހުސެއިން ޝިފާއު 109 ޖަލަށް ލާން މިދިޔަ ޑިސެންބަރު 18 ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އޭގެ ފަހުން، އެ މަހުގެ 31ގައި، ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި, ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވެ، 397 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ. https://sun.mv/216098 އެ ކަމާ ގުޅިގެން އަމިއްލަ ބްލޮގުގައި ޝަމީމް ވަނީ ސަތޭކައަށް ވުރެ ގިނަ އަހަރަށް ޖަލަށް ލާން ހުކުމްކުރެވޭ ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދެއްވާފައެވެ. މިގޮތުން، ކުރިން އަމަލު ކުރަމުންދިޔަ ގާނޫނީ ނިޒާމުގައި އެއް ހާދިސާއެއްގައި ގިނަ ކުށްތައް ހިމެނުނަސް، ދައުވާ ކުރަނީ އެ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު ކުށެއްގެ މައްޗަށްކަން ޝަމީމް ފާހަގަކުރެއްވިއެވެ. ނަމަވެސް، އައު ޤާނޫނުލްޢުޤޫބާތުން ގެނައި އެއް ބަދަލަކީ، އެއް ހާދިސާއެއްގައި ހިމެނޭ ގިނަ ކުށުގެ މައްޗަށް، ދައުވާކުރެވޭނޭ ގޮތްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އެއް މިސާލަކަށް ދެއްކެވީ ނޮވެންބަރު 3، 1988 ގެ ހާދިސާއެވެ. އެ ޢުދުވާނީ ހަމަލާގައި 19 ދިވެހީން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަޚަމުކޮށްލިއިރު ދައުވާކުރި މީހުންނަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އެހެންވެ، އެ ހާދިސާއާ ގުޅޭ އެންމެން މިހާރު ތިބީ މިނިވަންވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ގޮތަށް ނިޒާމަށް ބަދަލު ގެނައީ ކޮންމެ އަމަލަކަށް ވަކިން ޖިނާއީ ޒިންމާ އުފުލަން ޖެހޭ ކަމަށް ނިޒާމު ގަބޫލުރާތީއެވެ. ޝަމީމް ވިދާޅުވީ، ޤާނޫނުލްޢުޤޫބާތަށް ކުރިން ފާޑުކިޔުން އޮތީ އަދަބުތައް ކުޑަވީމާ ކަމަށެވެ. ކުރީގެ ޕީޖީ ހުސައިން ޝަމީމާއި ހިޔާނާތުގެ ކުށްސާބިތުވެ 397 އަހަރަށް ޖަލަށްލި ހަސަން މަމްދޫހު: ޝަމީމް ވަނީ، ސަތޭކައަށް ވުރެ ގިނަ އަހަރަށް ޖަލަށް ލެވޭ ގޮތް ކިޔައިދެއްވާފައި-- "ނަމަވެސް، މުޅި ނިޒާމު ބައްޓަންކުރެވިފައި އޮތީ އެއް ޙާދިސާއެއްގައި ގިނަ ޢަމަލު ހިމެނޭ ނަމަ، އެ ކަންކަމަށް ވަކިން ދައުވާކުރުމަށް ކަމަށްވާތީ، ހުރިހާ ކުށެއްގެ އަދަބުތައް އެއްކޮށްލުމުން އަދަބު ކުޑަނުވާ ގޮތަށެވެ. ދާދި ފަހުން ނިންމު މައްސަލަތަކަށް ބެލުމުން އެކަން އެބަ ސާފުވޭ،" ޝަމީމް ލިޔުއްވާފައިވެއެވެ. އޭގެ އިތުރުން، ޤާނޫނީ ނިޒާމުގައި އެހެން މީހަކަށް ގެއްލުމެއް ނުލިބޭ ގޮތަށް، ކުށްކުރުމުގެ އާދަ އަށަގެންފައިވުމުން ކުރެވޭ ކުށްތަކަށް ދައުވާކުރުމުގައި ތަފާތެއް ގެންގުޅެންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމުގެ މިސާލެއް ދައްކަވައި ޝަމީމް ވިދާޅުވީ، އެންމެ ފަހަރަކު މަސްތުވާތަކެތި ބޭނުންކުރުމަކީ ވެސް ކުށެއް ކަމަށެވެ. ނަމަވެސް، ދައުވާކުރާއިރު ބަލާނީ ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރިޔަސް އެއް ކުށެއްގެ ގޮތުގައި ކަމަށާއި އެއީ ޤާނޫނީ ފަންނުގެ މީހުން ބުނާ "ހެބިޗުއަލް" ކުށަކަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، އަނިޔާވެރި ކުށްތަކާއި ބޮޑެތި އޮޅުވާލުންތަކާއި އެހެން މީހުންނަށް ގެއްލުންވާ ޒާތުގެ ކުށްތައް އެ ދަރަޖައިގެ ތެރެއަކަށް ނުވަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، އެ ފަދަ ކުށްތަކުގައި ބޮޑު އަދަބު ދޭ އުސޫލުން އަމަލުކުރުމުގައި ތަފާތެއް ގެންގުޅެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ