ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން އެއްވަރުވެ، ޕޮއިންޓެއް ހޯދިިއިރު، ފުލަމް އިން 2-1 އިން ޗެލްސީ ބަލިކޮށްފި އެވެ.
ޖެހިޖެހިގެން ތިން މެޗުން ލީގުގައި ސިޓީ އެއްވަރުވިއިރު، ލީގުގެ ރޭހުގައި އާސެނަލަށް ވަނީ އެޑްވާންޓޭޖް ބޮޑުވެފަ އެވެ. އާސެނަލް އަށް 20 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް 21 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ ވެސް ރޭ ކްރިސްޓަލް ޕެލަސްއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އެ ޓީމަށް ވެސް 21 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ އާސެނަލުން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފިނަމަ، އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
ރޭގެ މެޗުގައި ސިޓީން 1-1 އިން އެއްވަރުވިއިރު، އެ ޓީމުން ލީޑުނެގީ ފުރަތަމަ ހާފުގައި އާލިން ބްރައުޓް ހާލަންޑް ވައްދާލި ޕެނަލްޓީންނެވެ. ޑިފެންސްގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ސިޓީ ކޮޅަށް ބްރައިޓަން އިން އެއްވަރުކުރި ގޯލު ޖަހާފައިވަނީ، ކައޯރޫ މިޓޯމާ އެވެ.
ޗެލްސީން ރޭގެ މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. ޗެލްސީގެ ވަގުތީ ކޯޗު ކަލުމް މެކްފާލޭންގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފަހު މެޗު ބަލަން، އެ ޓީމުން ދާދި ފަހުން ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި، ގެނައި ލިއަމް ރޮސެނިއާ އިންއިރު، މި މެޗުގެ 22 ވަނަ މިނިޓްގައި ޗެލްސީގެ މާކް ކުކުރޭއާ އަށް ވަނީ ރަތެއް ދައްކައިފަ އެވެ. އެއީ، ފުލަމްގެ ހެރީ ވިލްސަން އަށް ކުރި ފައުލަކަށެވެ.
ފުލަމް އިން ދެ ވަނަ ހާުފުގައި ރައުލް ހިމެނޭޒް ޖެހި ގޯލުން ލީޑުނެގިއިރު، ލިއަމް ޑެލަޕް ވަނީ ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. އެކަަމަކު، މެޗުގެ 81 ވަނަ މިނިޓްގައި ވިލްސަން ވަނީ ލަނޑު ޖަހައި ފުލަމް މޮޅުކޮށްދީފަ އެވެ.
ރުބެން އަމޮރިމް ވަކިކޮށް، ވަގުތީ ކޯޗު ޑަރެން ފްލެޗާާއާ އެކު ޔުނައިޓެޑުން ނުކުތް މެޗުގައި ބާންލީއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޔުނައިޓެޑްގެ އައިޑެން ހޭޑަން އަތުން ބައިކޮޅަށް ވަން ގޯލުން ބާންލީން ލީޑުނެގި މި މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ބެންޖަމިން ސެސްކޯ، 10 މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ޔުނައިޓެޑް ކޮޅަށް މެޗު އަނބުރާލި އެވެ. އެކަމަކު، 66 ވަނަ މިނިޓްގައި ބާންލީގެ ޖޭޑަން އެންތަނީ ވަނީ އެއްވަރުކޮށްފަ އެވެ.
ލީގުގައި ރޭ ބޯންމައުތުން ވަނީ، ފަހު ވަގުތު 3-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. މި މެޗުގައި ބޯންމައުތު މޮޅުވި ގޯލު ޖެހީ، ސިޓީ އަށް ސޮއިކުރަން ނިންމާފައިވާ އެންޓޮއިން ސެމެންޔޯ އެވެ. ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ އިތުރު ވަގުތުގައި ހާވީ ބާންސް ޖެހި ލަނޑުން 4-3 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެހެން މެޗުތަކަށް ބަލާއިރު، ވުލްވްސް އާއި އެވަޓަން 1-1 އިން އެއްވަރުވިއިރު، ބްރެންޓްފޯޑުން ވަނީ 3-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ. މި މެޗުގައި ބްރެންޓްފޯޑްގެ އީގޯ ތިއާގޯ ދެ ގޯލު ޖެހިއިރު، އޭނާ ވެފައިވަނީ، ޕްރިމިއާ ލީގުގެ އެއްް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ބްރެޒިލްގެ ކުޅުންތެރިޔާ އަށެވެ.
ސިޓީ އާއި ޔުނައިޓެޑަށް ޕޮއިންޓެއް، ފުލަމް އިން ޗެލްސީ ބަލިކޮށްފި ސިޓީ އާއި ޔުނައިޓެޑަށް ޕޮއިންޓެއް، ފުލަމް އިން ޗެލްސީ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ