ހީނާ މި ފަހަރު ރާއްޖެ އައިސް ވައްކޮށް ރޮށި ދަމަން ދަސްކޮށްފި
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާގެ ޓެލެވިޒަން ތަރި ހީނާ ޚާން ޗުއްޓީ ހޭދަކޮށްލަން އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ. ބެލެވޭ ގޮތުގައި ހީނާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ހީނާ ވަނީ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ހީނާއާ އެކު ހީނާގެ ޓީމުގެ ބައެއް މެމްބަރުން މިދަތުރުގައި ބައިވެރިވެފައިވާއިރު މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ޅ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ކޮކޫން މޯލްޑިވްސްގައެވެ. ހީނާ ވަނީ ކޮކޫންގެ ޝެފްއަކާ އެކު ދިވެހި ކެއުން ތައްޔާރުކުރާގޮތް ދަސްކޮށް އެކަމަށް ޚާއްސަ ކެއްކުމުގެ ކްލާހެއްގައި ވެސް ބައިވެރިވެފައެވެ. ހީނާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބަތަލާ ވައްކޮށް ރޮށި ދަމަން ދަސްކުރާކަމަށް ބުނެ ރޮށި ދަމަން ހުންނަ ވީޑިއޯއެއް ވަނީ ދައްކާލާފައެވެ. ހީނާ ޗުއްޓީ ހޭދަކުރަމުން އަންނަ ކޮކޫން ރިސޯޓުގައި ދިވެހި ކެއުންތައް ކައްކަން ދަސްކުރާ ހާއްސަ ކްލާހެއްގައި ބައިވެރިވަނީ--ފޮޓޯ/އިންސްޓަގްރާމް ހީނާ ވަނީ މިދިޔަ އަހަރު ވެސް ދެ ފަހަރު މަތިން ރާއްޖެއަށް އައިސްފައެވެ. މިދިޔަ ޑިސެމްބަރު މަހު ހީނާ ވަނީ ފިރިމީހާ ރޮކީ އަދި ބަތަލާގެ އާއިލާގެ މެމްބަރުންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ހީނާ ޚާން ފާހަގަކޮށްލެވެނީ އިންޑިއާގެ ޓެލެވިޒަން ބަތަލާއިންގެ ތެރެއިން ވަރަށް ގިނައިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތް ކުރަމުން އަންނަ ބަތަލާއެއްގެ ގޮތުގައެވެ. ސްޓާ ޕްލަސްގެ މަގުބޫލު ޑްރާމާ ސީރީސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި ކުޅުނު އަކްޝަރާގެ ކެރެކްޓާއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ ވަނީ ބައެއް ފިލްމުތަކުންނާއި ރިއަލިޓީ ޝޯތަކުން ވެސް ފަހުން ފެނިފައެވެ. ހީނާ ކޮކޫން ރިސޯޓުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމޮ ހީނާއަށް ގިނަ ބައެއްގެ ސަމާލުކަން މިފަހުން ލިބެންފެށީ މިދިޔަ އަހަރު ޖޫން މަހުގެތެރޭ ބަތަލާއަށް ކެންސަރު ބަލި ޖެހިފައިވާކަން އިއުލާނުކޮށް ބައްޔަށް ފަރުވާ ހޯދަމުންދިޔައިރު ކުރެވުނު ތަޖުރިބާތައް އާއްމުންނަށް ހިއްސާކުރަން ފެށި ހިސާބުންނެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ ވަނީ ހުރިހާ ކީމޯ ތެރަޕީ ސެޝަންތަކެއް ނިންމުމަށްފަހު އެކަމަށް ޚާއްސަ ސާޖަރީއެއް ވެސް ކޮށްފައެވެ. ބަތަލާ މިހާރު އަންނަނީ އިމިއުނޯތެރަޕީ ސެޝަންތަކެއް ފުރިހަމަކުރަމުން ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކެންސަރު ބައްޔާ ހަނގުރާމަ ކުރުމުގައި ދެމިހުންނާނެ ކަމަށް ހީނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ