އީރާނުން އެމެރިކާ ލަދުގަންނަވާލައިފި: ޖަރުމަނުގެ ޗާންސެލަރު

އީރާނުގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާގެ އޮފިޝަލުން އެއްވެސް ނަތީޖާއެއް ނުނިކުންނަ މަޝްވަރާތަކަށް ދަތުރުކުރަން މަޖުބޫރުކުރުވައިގެން ތެހެރާނުން އެމެރިކާ ލަދުގަންނަވާލާފައިވާ ކަމަށް ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާރްޒް އިއްޔެ ވިދާޅުވެއްޖެ އެވެ.
"އީރާނުން މަޝްވަރާ ނުކޮށް ތިބުމަށާއި އެމެރިކާ މީހުން އިސްލާމްއާބާދަށް ދަތުރުކުރުވުމަށް ފަހު އެއްވެސް ނަތީޖާއެއް ނެތި އަނބުރާ ފޮނުވާލުމަށް ވަރަށް ކުޅަދާނަ. އީރާނުގެ ލީޑަޝިޕުން ގައުމެއް ލަދުގަންނަވާލައިފި،" މާރްސްބާގްގައި ދަރިވަރުންނާ ވާހަކަ ދައްކަވަމުން މާރްޒް ވިދާޅުވި އެވެ.
މީގެ އިތުރުން، ހަނގުރާމައިގައި ވޮޝިންޓަނުން ގެންގުޅޭ ފުޅާ ސިޔާސަތާ މެދު ސުވާލު އުފައްދަވަމުން، އެމެރިކާއިން ގެންގުޅޭ އެގްޒިޓް ޕްލޭން ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ ރޭވުމަކީ ކޮބައިކަން ފެނިވަޑައިނުގަންނަވާ ކަމަށް މާރްޒް ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަތަކުން އެމެރިކާ އާއި ޔޫރަޕްގެ ނޭޓޯގެ ބައިވެރިންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް ބޮޑުވަމުންދާކަން ހާމަވެގެންދިޔަ އެވެ.
މި ވާހަކަތައް އައިސްފައިވަނީ، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ ޕާކިސްތާނަށް ކުރަން އޮތް ދަތުރު ރައީސް ޑޮނަލްޑް ޓްރަމްޕް ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ. ޕާކިސްތާނާއި އޮމާންގައި ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވުމުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އިއްޔެ ވަނީ ރަޝިޔާއަށް ވަޑައިގެންފަ އެވެ.
މިދިޔަ 28 ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމުގެ ކުރިން ޔޫރަޕާ މަޝްވަރާކޮށްފައި ނުވާ ކަމަށް މާރްޒް ވިދާޅުވި އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތަކުގައި މައިން ވަޅުލާފައިވާ ކަމަށް ތުހުމަތުކުރައްވައި އެ ސަރަހައްދު ސާފުކުރުމަށް ޖަރުމަނުގެ މައިންސްވީޕާ އުޅަނދުތައް ފޯރުކޮށްދިނުމަށް ޔޫރަޕުން ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައިގެ ސަބަބުން ޖަރުމަނަށް ގިނަ އަދަދެއްގެ ފައިސާ އާއި ޓެކްސް ދައްކާ މީހުންގެ ފައިސާގެ އިތުރުން އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ