ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އުފައްދާފައިވާ 'އައިޝާ" ވީޑިއޯ ޑޮކުމެންޓްރީއަކާ ގުޅިގެން 'އަދަދު' ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ވީކިހިނެއް؟ - މިދިޔަ މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އެގޮތުން:
އެ ތަހުގީގަށް އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ރޭ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތައް ފުލުހުން ވަނީ ގެންގޮސްފައި
އެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް، ރޭ ވަގުތެއްގައި އެ ތަނުގެ ސީއީއޯ އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ހިފަހެއްޓުމަށް ކޯޓު އަމުރެއް ނެރެފައިވޭ
ތަފްސީލް - އަދަދު ނޫހުގެ އެޑިޓަރު ހަސަނުގެ ޕާސްޕޯޓް އަދި ޓްރެވެލް ޑޮކިއުމަންޓްތައް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ އިއްޔެއިން ފެށިގެން އަންނަ 27 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަކަށެވެ. އެ ގޮތުން:
ހަސަން ފުރުން މަނާކޮށް ކޯޓުން ނެރުނު އަމުރުގައި، އޭނާގެ ބައިވެރިވުން ޑޮކިއުމަންޓަރީ ނެރުމުގައި އޮތް ކަމަށް ތުހުމަތުކޮށްފައިވޭ
ހަސަން ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވޭ
ހަސަންގެ ޕާސްޕޯޓް ހިފެހެއްޓި ސަބަބުތަކުގެ ގޮތުގައި ކޯޓު އަމުރުގައި ހިމެނޭ ސަބަބުތަކަކީ އެ ނޫހުގެ ސީއީއޯ ފިޔާޒުގެ ވެސް ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރުގައިވާ ސަބަބުތައް
ފިޔާޒާއި ހަސަން ހިމެނޭ ގޮތަށް އަދަދު ނޫހުގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ "ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއްކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ" އެވެ. ފުލުހުން ހަވާލާދެނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ އާއި 612 ވަނަ މާއްދާއަށެވެ. އެގޮތުން:
30 ވަނަ މާއްްދާ: ކުށުގެ ނިޔަތް އޮވެގެން ކުށެއް ކުރުމުގެ އަމަލު ހިންގާއިރު، މައުސޫމު/ޒިންމާއުފުލުމުގެ ގާބިލުކަމެއް ނެތް މީހަކު އެ އަމަލުގައި ބައިވެރިކުރުވުން؛ ނުވަތަ މީހަކު ކުރާ އަމަލަށް އެހެން މީހަކު މި ގާނޫނުގައި ނުވަތަ ކުށް ކަނޑައަޅާފައިވާ އެހެން ވެސް ގާނޫނުގައި ޒިންމާދާރުކުރުވާފައިވުން؛ ނުވަތަ ކުށްކުރި މީހާ ކުށްކުރިއިރު އޭނާއާ އެކު ބައިވެރިވި މީހެއް ކަމުގައިވުން
612 ވަނަ މާއްދާގެ (ހ): އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާ ގޮތަށް މީހަކު ޒިނޭކޮށްފި ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ބުނެ މީހަކާ މެދު ތުހުމަތުކޮށް، އެ ވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން
އެއީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް؛ އަސާސީ މިންގަނޑުން ބަލާއިރު، ސާބިތުވެއްޖެ ނަމަ، 1 އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކާ އެކު 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު ދިނުން ހިމެނޭ
ފަސް މަންޒަރު - 'އައިޝާ' ޑޮކުމެންޓްރީގައި އެ އޮފީހުގެ ސިޔާސީ ވަޒީފާގައި މަސައްކަތްކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެގޮތުން:
ޑޮކުމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައި؛ އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ، އެއީ "ކަނޑައެޅިގެން ދޮގު ކަމަށް"
"ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވި؛ އެއާ އެކު، ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށި
'އަދަދު' ނޫހުގެ މެނޭޖިން އެޑިޓަރު ހަސަންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ