ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ ޑުރަގް ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ ޑުރަގް ނައްތާލައިފި އެވެ.
ފުލުހުން ބުނީ، އިއްޔެ ދޫނިދޫގައި ކުރިއަށްދިޔަ އެ ހަރަކާތުގައި 4،690 ރަބަރު ޕެކެޓާއި 2،768 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 335 ދަޅުގެ އިތުރުން 462 ބުލެޓާއި 3،437 މަނާ ބޭސްގުޅަ ހިމެނޭ ކަމަށާއި އޭގެ އިތުރުން ޑުރަގާ ގުޅުންހުރި އެހެނިހެން 1،809 އައިޓަމެއްވެސް ނައްތާލާފައިވާ ކަމަށެވެ.
މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ޑުރަގާއި ޑުރަގުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އަދި މި ހަރަކާތުގައި ނޫސްވެރިންނާއި ބައިވެރިވުމަށް ނަންނޯޓުކުރުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި އާންމު ރައްޔިތުން ވެސް ބައިވެރިވި ކަމަށް ފުލުހުން ބުނެ އެވެ.
ޑުރަގް ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑުރަގުގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ޑުރަގް ވީއެންމެ އަވަހަކަށް މިހާރު ނައްތާލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ