ބްރިޖު މަސައްކަތްކުރާ ކުންފުނިން ދަނީ އަދިވެސް ދަސްކުރަމުން: މުއްތަލިބް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ފެށުނީއްސުރެ މި ސަރުކާރުން މަސައްކަތް ކޮށްފައިވާނީ ކޮންޓްރެކްޓަކާއި އިންޑިއާ ސަރުކާރާއިއެކު މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ކަމަށާއި އަދި، ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ކުރިއަށް ދިއުމަށް ކަމަށެވެ.
އެހެންނަމަވެސް، މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަކީ، ކުރިން ކަނޑުގަދަ ސަރަހެއްދެއްގައި ބްރިޖު އެޅުން ފަދަ މަޝްރޫއެއް ހިންގާފައިނުވާ ކުންފުންޏަކަށް ވާތީވެ، އެކުންފުނިން މިމަސައްކަތްކުރާ ގޮތް ދަސްކުރަން ވަގުތު ނެގީކަމަށާއި، އެކަން އަދިވެސް ފެންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފުރަތަމަ މަގާމާއި ހަވާލުވެގެން ދިން ޕްރެސްކޮންފަރެންސްފައި ވިދާޅުވި ފަދައިން ކަނޑުގަދަ ސަރަހައްދެއްގައި ބްރިޖް އެޅުމަކީ ކޮންމެ ކޮންމެ ބަޔަކަށް ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށް. އެހެންވީމަ އެކަން ހަވާލުވެފައިވާ ކޮންޓްރެކްޓަރަކީ މީގެ ކުރިން އެފަދަ ކަމެއް ކޮށްފައިވާ ފަރާތަކަށް ނުވާތީ އެ ފަރާތްތަކުން ދަސްކުރަން ވަގުތު ނެގީ. އެކަންތައް އަދިވެސް އެބަ ފެނޭ."، މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މަޝްރޫއު ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށް އެ މުއްދަތު މާޗް މަހުގައި ހަމަވެގެން ދިޔައިރު ވެސް މަސައްކަތް ނުނިމޭ ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަނީ ކޮންޓްރެކްޓަރަށް އިތުރު ވަގުތު ދީގެން މަސައްކަތް ނިންމުމަށްކަމަށް ވިދާޅުވިއެވެ.
އަދި މިހާރު ޖޫރިމަނާކޮށް ކޮންޓްރެކްޓަރަށް ފިޔަވަޅު އަޅައިފިކަމަށްވާނަމަ މަޝްރޫއު ހުއްޓި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. އެހެންކަމުން ކޮންޓްރެކްޓަރާއި އިންޑިއާ ސަރުކާރާއި ގުޅިގެން މަސައްކަތް ނިންމުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ