ނޫސްވެރިކަމަށް ފުލުހުން ހަމަލައެއް ނުދޭ؛ އެ ނަގަހައްޓަނީ ގާނޫނުއަސާސީ: މިނިސްޓަރު

ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ އުފައްދާފައިވާ ވީޑިއޯ ޑޮކުމެންޓްރީއަކާ ގުޅިގެން 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަނުމަކީ ނޫސްވެރިކަމަށް ދިން ހަމަލާއެއް ނޫން ކަމަށާއި ފުލުހުން އެ ނަގަހައްޓަނީ ގާނޫނުއަސާސީ ކަމަށް، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުން މިދިޔަ މަހު ފަހުކޮޅު އާންމު ކުރި ޑޮކިއުމެންޓްރީގައި އެ އޮފީހުގެ ސިޔާސީ ވަޒީފާގައި މަސައްކަތްކުރި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތައް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ދޮގުކުރެއްވި އިރު، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދިވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެއާ އެކު، ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައި ރޭ ވަނީ އެ ނޫހުގެ އޮފީހަށް ވަދެފަ އެވެ.
ބުނީ ކީކޭ؟ - މައްސަލައިގައި ފުލުހުން އަމަލުކުރަމުންދާ ގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމަކު އެކަން ދިފާއު ކުރައްވަމުން އިހްސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:
ރާއްޖޭގެ ވެރިޔާގެ މައްޗަށް އެ ފަދަ ދޮގު ތުހުމަތުތަކެއް ފެތުރި، އިދާރާއެއްގެ ހެޑް އޮފީސް ބަލައި ފާސްކޮށް، ޖިނާއީ ތަހުގީގެއް ހިންގުމުގެ ފުރިހަމަ ހައްގު ފުލުުހުންނަށް ލިބިފައިވޭ
އެއީ ފުލުހުންގެ މައްޗަށް އޮތް ޒިންމާއެއް 
"ފުލުހުން ނޫސްވެރިކަމަަކަށް ހަމަލާއެއް ނުދޭ. އެ ބޭފުޅުން އެ ނަގަހައްޓަނީ ގާނޫނުއަސާސީ،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުލުހުން އެ މަސައްކަތް ކުރަނީ، ރައްޔިތެއް އަދި [މި ހާލަތުގައި ދައުލަތުގެ ވެރިޔާ]ގެ އަބުރު ރައްކާތެރިކޮށް، މީޑިއާގެ މިނިވަންކަމަކީ ޒިންމާދާރުކަމާ އެކު ބޭނުންކުރާ އެއްޗެއްކަން ކަށަވަރުކޮށްދީ، ދޮގު ފެތުރުމަށް އެ މިނިވަން ނުނެގޭނެކަން ކަށަވަރު ކުރުމަށެވެ.
އިހުސާން ވިދާޅުވީ ރައީސްގެ ބޮލުގައި އެ ފަދަ ސީރިއަސް ދޮގު ތުހުމަތުތަކެއް އެޅުވުމަކީ ނޫސްވެރިކަން ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ އަމިއްލަ ކަރާމާތަށާއި އާއިލާއަށާއި މަގާމަށް ވެސް ދޭ ހަމަލާއެއް ކަމަށެވެ. އަދި އެ ފަދަ އަސާސެއް ނެތް ދައުވާތަކުގެ ސަބަބުން އާއްމުންގެ އިތުބާރު ގެއްލި، މުޖުތަމައު ބައިބައިވެ، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި:
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކެއް، އެކަމަކު އެއީ ހައްދެއް ނެތް މިނިވަންކަމެއް ނޫން
ހިޔާލު ފާޅުކުރުމުގެ މި ހައްގުތަކާއެކު ޒިންމާތަކާއި ސާފު ހުދޫދުތަކެއްވޭ؛ ހާއްސަކޮށް، ޝާއިއުކުރާ ލިޔުންތަކުން މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ނަމަ އެ ހުދޫދު ހުރަސް ކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ