ތަމްރީނުވާ ނަރުހުންގެ އަދަދާއި އަޅާބަލާއިރު ޚިދުމަތާއި ގުޅޭ ނަރުހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ސިއީއޯ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ނަރުހުންގެ ޚިދުމަތަކީ ޞިއްޙީ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބައްވާއިރު އެޚިދުމަތުގެ އަގުވަޒަންކޮށް އިތުރަށް ހަރުދަނާކުރަން ޖެހޭކަމަށެވެ. ނަރުސްކަމަކީ އިންސާނިއްޔަށްތައްޓަކައި ކުރެވޭ މަތިވެރި ޚިދުމަތެއްކަމަށާއި އެއީ އިންސާނުންގެ ފުރާނަޔާއި ގުޅިފައިވާ މުހިންމު ދާއިރާއަކަށްވާއިރު މި ދާއިރާއިން ފަރުވާތެރިކަމާއެކު ތައުލީމު ހާސިލްކުރުމަކީ މާދަމާ ޚިދުމަތަށް ނިކުންނައިރު އޭގެ ފައިދާ ފެންނާނެކަމެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މިއީ ފެންވަރު ރަނގަޅު، ކަމަށް ކަމޭހިތާ ނަރުހުންތަކެއް ހިދުމަތާއި ގުޅުމުގެ އެންމެ މުހިންމު އެއް ފިޔަވަހިކަމަށާއި މީގެ ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް ލިބިދޭ ޞިއްޙީ ފެންވަރު މަތިވެ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ވެގެންދިޔުންކަމަށް ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލަށް އަންނަ ހިސާބުން ފެށިގެން ޑިސްޗާޖު ކުރަންދެން ގާތުން ޚިދުމަތްދީ ބަލިމީހާގެ ހޮސްޕިޓަލް ތަޖުރިބާއަކީ ހިތްހަމަޖެހޭ އޯގާތެރި ތަޖުރިބާއަކަށް ހެދުމުގެ އެންމެ އަސާސީ ދައުރު އަދާކުރަނީ ނަރުހުން ކަމަށެވެ. ނަރުހުންގެ ދައުރު ފުޅާއިރު މިދާއިރާއިން ތަމްރީނުވާ ނަރުހުންގެ އަދަދާ އަޅާބަލާއިރު ޚިދުމަތާއި ގުޅޭ ނަރުހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއްކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ތަމްރީނުވާ ނަރުހުންގެ އަދަދާއި އަޅާބަލާއިރު ޚިދުމަތާއި ގުޅޭ ނަރުހުންގެ އަދަދު މަދުވުން. ޚިދުމަތާއި ގުޅުމަށްފަހުވެސް ވަޒީފާގައި ދެމިތިބޭ ނަރުހުންގެ ނިސްބަތް ދަށްކަން ފާހަގަކޮށްލަން. އަޅުގަނޑުމެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ފުޅާ ކުރަމުން ގެންދާއިރު ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ވަރަށް ގިނަ ޚިދުމަތްތަކެއް ފުޅާކޮށްގެން އެ ޚިދުމަތްތައް ފެށުމައްޓަކައި ނަރުހުން ރެކްރޫޓްކުރުމަށް ހުޅުވާލި ހުޅުވާލުމަށް އެކަށީގެންވާވަރަށް ނަރުހުން ނުލިބުމުގެ ސަބަބުން ރާއްޖެއިން ބޭރުން ގާތް ގަނޑަކަށް 75 ނަރުހުން ރެކްރޫޓްކުރިން. މިއީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ބޭނުންވާ ކަމެއްނޫން" އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ބޭނުންވަނީ ޞިއްޙީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި ޑޮކްޓަރުންނާއި ނަރުހުންގެ އަތްމަތީގައި މިކަން ފުރިހަމަވެގެން ދާތަން ދެކުންކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާގައި ސަރުކާރުން އަލަށް ޤާއިމްކުރާ ހޮސްޕިޓަލްތަކާއި ޞިއްޙީ ފަރުވާދޭ ތަންތަނާއި ޖީޕީ ކްލިނިކްތަކާއި އަދި ވިލިމާލޭގައިވެސް މި ޤާއިމްކުރާ ހޮސްޕިޓަލްގައިވެސް ބޭނުންވަނީ ދިވެހި ނަރުހުން މިޚިދުމަތުގައި ޤާއިމްވެ ތިބުންކަމަށް ފާހަގަކުރެއްވިއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ނަރުހުންގެ ދާއިރާ މިއަދު ފުޅާވަމުން ދިޔަނަމަވެސް ފުރަތަމަ ޑިގްރީއަށްފަހު ވަކި ޚާއްސަ ދާއިރާތަކުން ތަމްރީނުވެ ސްޕެޝަލައިޒްވާ ނަރުހުން މަދުކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން ފަންނީ ތަމްރީނުތަކުގެ ފުރުސަތުތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރާ މިންވަރު މަދުވުމަކީ މި ފަންނު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ. އަދި އަމިއްލަ ހުނަރާއި އަމިއްލަ ޤާބިލްކަން އިތުރުކުރުމަކީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ޖެހޭ މުހިންމު މަސައްކަތެއްކަމަށާއި ސްޕެޝަލައިޒްވެގެން ޚިދުމަތް ދިނުމުގެ އަޒުމް ހުރިހާ ނަރުހުންވެސް ކަނޑައަޅަން ޖެހޭކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
ޚިދުމަތާ ގުޅޭ ނަރުހުން މަދުވުމަކީ ކަންބޮޑުވުމެއް: ސީއީއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ