އައްޑޫ ފޭދޫ ސްކޫލުގައި ރޯވެ، ލައިބްރަރީގައި ހުރި ގިނަ ފޮތްތަކަށް ގެއްލުންވެއްޖެ

އައްޑޫސިޓީ ފޭދޫ ސްކޫލުގައި މިއަދު އަލިފާން ރޯވެ، އެ ސްކޫލުގެ ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފޭދޫ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތް ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫ ސްކޫލުގައި އަލިފާން ރޯވެފައިވަނީ މިއަދުގެ ހެނދުނު 8:20 ހާއިރުއެވެ. 'ސަން'އަށް މައުލޫމާތު ދެމުން ފޭދޫ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، އަލިފާން ރޯވަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށެެވެ. ނަމަވެސް ބޮޑަށް ޝައްކުކުރެވެނީ އެގްޒޯސްޓުން ކަރަންޓު ސޯޓުވުމުގެ ސަބަބުން އަލިފާން ރޯވީ ކަމަށް ޕްރިންސިޕަލް ވަނީ މައުލޫމާތު ދެއްވައިފައެވެ. އެ ހާދިސާގައި ސްކޫލުގެ ލައިބްރަރީގައި ހުރި ކޮމްޕިއުޓަރު ސިސްޓަމަކާއި ބައެއް ތަކެއްޗަށް ގެއްލުން ލިބުނުއިރު، ލައިބްރަރީގައި ހުރި ގިނަ ފޮތްތަކަށް އަލިފާނުގެ ސަބަބުން ގެއްލުންވެފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. ސ. ފޭދޫ ސްކޫލުގައި އަލިފާން ރޯވެ ބައެއް ސާމާނަށް ގެއްލުންވެފައި --- ފޮޓޯ: އެމްއެންޑީއެފް ޕްރިންސިޕަލް ވިދާޅުވީ މި ހާދިސާގައި ސްކޫލުގެ އެއްވެސް ޓީޗަރެއްގެ އިތުރުން، އެއްވެސް ދަރިވަރަކަށްވެސް އަނިޔާއެއްވެފައި ނުވާކަމަށެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ސްކޫލްގެ ކުދިން ބޭރަށް ނެރުނު ނަމަވެސް، ފަހުން ކިޔެވުން ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ ސްކޫލުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު 8:20 ހާއިރި ކަމަށެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން 8:56 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެމްއެންޑީއެފްއިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ލައިބްރަރީގެ ބޭރުގައިވާ އޭސީގެ އައުޓްޑޯވެސް ވަނީ ހަލާކުވެފައެވެ. އަދި އަލިފާނުގެ އަސަރުކޮށްފައިވާ ފޮތްތަކަކާއި އެހެނިހެން ބައެއް ތަކެތިވެސް ފޮޓޯތަކުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ