އައިޔޫއެމްގެ ކެމްޕަހެއް ހުޅުމާލޭގައި އިމާރާތް ކުރަން ނިންމައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ އައު ކެމްޕަހެއް މާލެ ސަރަހައްދުގައި ގާއިމުކުރުމަށްޓަކައި، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސައިފިއެވެ.
އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ކެމްޕަސް އެޅުމަށް 35،000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ޑިޒައިން ކުރުމާއި ފަންނީ މަސައްކަތްތައް ކުރިއަށްގެންދާނެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމީން އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ބޭރުގެ ބޮޑެތި ޔުނިވަރސިޓީތަކެކޭ އެއްފަދައިން ހުރިހާ ވަސީލަތްތަކެއް ހިމެނޭ ކޮމްޕްލެކްސްއެއް ބިނާކުރެވޭނެ ކަމަށެވެ. މި އައު އިމާރާތް ނިމުމުން މާލޭގައި މިހާރު ހިންގަމުންދާ ބައެއް ފެކަލްޓީތައް އެތަނަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ. މި ކެމްޕަސް ފަރުމާކުރެވިފައިވަނީ ވަކިވަކި ދާއިރާތަކަށް ޚާއްޞަ އިމާރާތްތަކާއި، ދަނާލާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތައް ވެސް ހިމެނޭ ގޮތަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން، ފުރަތަމަ ފިޔަވަހީގައި ވެސް އައިޔޫއެމްގެ 8 ފަންގިފިލާގެ "ސަނާބީލް" އިމާރާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވުމަށް ތައްޔާރުވަމުންދާ މި އިމާރާތަކީ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ