ރަޖްނީކާންތުގެ ފިލްމު 'ޖެއިލާ'ގެ ދެވަނަ ފިލްމުގައި ނޯރާގެ ހާއްސަ ލަވައެއް

މީގެ ތިން އަހަރު ކުރިން އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތު ބެލުންތެރިންނަށް ގެނެސްދިން ބްލޮކްބާސްޓަ ފިލްމު "ޖެއިލާ"ގެ ދެވަނަ ފިލްމު "ޖެއިލާ 2"ގެ ހާއްސަ ލަވަޔަކުން ނޯރާ ފަތެހީ ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓް ވެސް ތައްޔާރުކުރުމުގެ މަރުހަލާ ފެށިފައި ވާއިރު މި ސީކުއަލްއިން ނޯރާ ފެންނަ އައިޓަމް ލަވަ ފިލްމުގެ ސީންއަކާ ގުޅިފައިވާނެ ކަމަށާއި އެހެންކަމުން އައިޓަމް ލަވަޔަކަށްވުރެ ބޮޑަށް ހުނަރުވެރި ނެށުންތެރިޔާ ނޯރާ ފިލްމުގެ ވަރަށް މުހިއްމު ހިއްސާއަކަށްވާނެ ކަމަށް ވެސް ފިލްމީ ރިޕޯޓުތަކުން ބުނެފައިވެއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އީޓައިމްސްގައި ބުނެފައިވާ ގޮތުން ނޯރާ ފިލްމު "ޖެއިލާ 2"އިން ފެންނާނެކަން އެ ފިލްމުގެ ޓީމުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެއެވެ. މި ފިލްމުގައި ނޯރާ ކުޅޭ ލަވައަކީ އެކްޝަން ސީންތަކެއް ވެސް ފެންނާނެ ލަވައެއް ކަމުން ފިލްމުގެ ޝޫޓިންގް ވަރަށް އަވަހަށް އިންޑިއާގެ ޗެންނާއީގައި ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ. ރަޖްނީކާންތުގެ ފިލްމު 'ޖެއިލާ 2'ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް ރަޖްނީކާންތު ލީޑް ރޯލް ކުޅުނު 2023 ވަނަ އަހަރުގެ އެކްޝަން ކޮމެޑީ ފިލްމު "ޖެއިލާ"ގެ އައިޓަމް ލަވައަކުން ބަތަލާ ތަމަންނާ ބާޓިއާ ވެސް ވަނީ ފެނިފައެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 650 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު "ޖެއިލާ 2"އިން އެ އާމްދަނީގެ ދެގުނަ ހޯދާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. ފިލްމު "ޖެއިލާ" އަކީ 2023ގައި ރިލީޒްކުރި ތަމަޅަ ފިލްމުތަކުގެތެރެއިން އެންމެބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. ފިލްމު "ޖެއިލާ"ގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ފިލްމު ގެނެސްދިން ނެލްސަން ދިލިޕް ކުމާރެވެ. ދެވަނަ ބައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 12ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ