ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފްލެޓްތައް ޖަނަވަރީ ތިނަކަށް ހުސްކުރަން ޖެހޭ، ނޫނީ އަތުލަނީ

ސޯޝަލް ހައުސިން ޔުނިޓް ހޯދުމަށް ފަހު އެތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނަށް އެ މީހުންގެ އަތުން އެ ތަންތަން އަތުލަން މުހުލަތެއް ދީފި އެވެ.
އެޗްޑީސީން މިރޭ ބުނި ގޮތުގައި ސޯޝަލް ހައުސިން ޔުނިޓްތައް ލިބިފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އެ މީހުންނަށް ލިބުނު ޔުނިތްޓްތައް ބިދޭސީންނަށް ކުއްޔަށް ދީފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ. އެއީ އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފު ކަމެއް ކަން ވަނީ ހަނދާން ކޮށްދީފަ އެވެ.
އެެހެން ކަމުން ސޯޝަލް ހައުސިންގެ ތެރެއިން ދޫކޮށްފައިވާ އެއްވެސް ތަނެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެތަންތަން ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރީން ހުސްކުރަން އެ މީހުންނަށް އަންގަން އެޗްޑީސީން ވަނީ އެދިފަ އެވެ.
އަދި ބުނީ އެ މުއްދަތުގެ ފަހުން އެއްވެސް ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެއްބަސްވުން އުވާލާނެ ކަމަށެވެ. އެއްބަސްވުން އުވާލުމުން އެތަންތަން އެޗްޑީސީއަށް ނަގާނެ އެވެ.
އެޗްޑީސީން ވަނީ ސޯޝަލް ހައުސިން ޔުނިޓްތައް ލިބިފައިވާ މީހުންނާއެކު ވެފައިވާ އެއްބަސްވުމަށް ފުރިހަމަ އަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
ސޯޝަލް ހައުސިންގެ ތެރެއިން ލިބޭ ޔުނިޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ ވަރަށް ބޮޑެވެ. ބައެއް މީހުން އެތަންތަން ހޯދަނީ ދިރިއުޅޭކަށް ނޫނެވެ. އެހެން ކަމުން އެފަދަ މީހުންގެ އަތުން އެތަންތަން އަތުލަން ގިނަ ރައްޔިތުން އެދެ އެވެ.
ސޯޝަލް ހައުސިން އަކީ އެކަމަށް އެންމެ ބޭނުންވާ މީހުންނަށް ފުރަތަމަ ފުރުސަތު ލިބޭ ގޮތަށް ހިންގާ ސްކީމެއް ނަމަވެސް ދޮގު މައުލޫމާތުތައް ދީ އެ މީހުންގެ އަސްލު ހާލަތު އޮޅުވާލައިގެން ބައެއް މީހުން ދަނީ ފްލެޓްެތައް ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ