ސެމީ ފައިނަލުގައި ސީދާ ތިން ސެޓުން ބަންގްލަދޭޝް އަތުން މޮޅުވެ، ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ރާއްޖޭން ވިމެންސް ކާވާ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ތިން މުބާރާތެއްގެ ފައިނަލުގައި ވާދަކޮށް، ރިހި މެޑަލް އިން ފުއްދާލަން ޖެހުނުއިރު، މި ފަހަރުގެ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދިއުމަކީ ތާރީހީ ރަން މެޑަލެއް ހޯދުމަށް ކުރާ ދަތުރުގައި ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.
ޖުމްލަ އެކު، ހަތަރު ގައުމާ އެކު، މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕްގެ ފައިނަލުގައި މާދަމާރޭ ރާއްޖޭން ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ކާވާ ވިމެންސް ޗެލެންޖް ކަޕް ފަައިނަލުގައި 3-2 ސެޓުން ރާއްޖެ ވަނީ ކިރްގިސްތާން އަތުން ބަލިވެފަ އެވެ.
އެކަމަކު، މި ފަަހަރުގެ ކާވާ ކަޕްގެ ލީގު ބުރުގައި ރާއްޖޭން ވަނީ ކިރްގިސްތާން އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. މިއީ، ފާއިތުވި ހަ އަހަރު ތެރޭ ކިރްގިސްތާން އަތުން ރާއްޖެ އަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި، މާލޭގައި ކުޅެގެން ކިރްގިސްތާން ބަލިކުރި ފުރަތަމަ ފަހަރެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު ސެމީ ފައިނަލުގައި ރާއްޖޭން ސެޓުތައް ގެންދިޔައީ، 25-17، 25-12 އަަދި 15-12 އިންނެވެ. ރާއްޖޭން އެއްވެސް ޕްރެޝަރެއް ނެތި މިރޭގެ މެޗުގައި ކުޅެލިއިރު، ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ވަނީ ޓީމު ރޮޓޭޓުކޮށް ވީހާވެސް ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ވަގުތު ލިބޭ ގޮތަށް ކުޅުން ކުރިއަށްގެންގޮސްފަ އެވެ.
ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި ވައިސް ކެޕްޓަން، ޖޫޒާން ޒަރީރުގެ އިތުރުން އައިމިނަތު އަރީޝާ އަދި ޝަހާ ޝާމިން މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، މި މުބާރާތުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ނަރީމާ އިދުރީސް (ނަންނި) އާއި މާޔާ ހުސެއިންގެ ރަނގަޅު ކުޅުން މި މެޗުގައި ވެސް ފެނިގެންދިޔަ އެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ކިރްގިސްތާނުން، މިއަދު ހަވީރު ވަނީ އަފްގާނިސްތާން އަތުން 3-1 ސެޓުން މޮޅުވެފަ އެވެ.
ރާއްޖޭން ފުރަތަމަ ފަހަރަށް ކާވާ މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ އަހަރު ވާދަކުރާއިރު، މި ފަހަރުގެ މުބާރާތުގައި ޓީމަށް ލިބެމުން އަންނަ ތަރުހީބާއި ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅެވެ. މާދަމާ ހަވީރު މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ބަންގްލަދޭޝާއި އަފްގާނިސްތާނުން ކުޅޭއިރު، އެންމެ ފަހުން ސެންޓްރަލް ޒޯން އަންހެން މުބާރާތް ކާމިޔާބުކުރި ކިރްގިސްތާނުން މާދަމާރޭ ފައިނަލުގައި ރާއްޖެއާ ބައްދަލުކުރާނެ އެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރާއްޖޭން ވިމެންސް ކާވާ ކަޕް ފައިނަލަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރާއްޖޭން ވިމެންސް ކާވާ ކަޕް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ