ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ 5.5 ބިލިއަން، ފައިދާއަށް 785 މިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ ހިސާބުތައް ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅައިބަލާއިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި، ބަންކަރިން ހިމެނޭ ގޮތަށް އެ ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމާއި، ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވުން ހިމެނޭ ކަމަށެވެ.
އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 785 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ ކުރީ ކުއާޓަރާ އަޅައިބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. ހިންގުމުގެ ފައިދާ 14 އިންސައްތައިން އިތުރުވެ، 368 މިލިއަން ރުފިޔާއަށް އެރި އިރު، ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާ އެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ކުރީ ކުއާޓަރާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 276 މިލިއަން ރުފިޔާ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ