ރަޖިސްޓްރީ ނުކުރާ މެޑިކަލް ކޮލެޖަކަށް ދަރިވަރުން ނަގާތީ ސަމާލުވާން އެދިއްޖެ

'އެސްއޭއެސް މެޑިކަލް ކޮލެޖު' ގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކީ ރަޖިސްޓްރީނުކޮށް ހިންގާ ތަނެއް ކަމަށާއި، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ އެކަމަށް ސަމާލުވާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. މިނިސްޓްރީ ކުރި އިއުލާނެއްގައި ބުނީ 'އެސްއޭއެސް މެޑިކަލް ކޮލެޖު' ގެ ނަމުގައި ރާއްޖޭގައި ހިންގަނީ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ތަނަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވަސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. "އާންމުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް މި ދެންނެވި 'އެސްއޭއެސް މެޑިކަލް ކޮލެޖު' ގެ ފަރާތުން އިޝްތިހާރުކުރަމުންދާތީ، މިކަން ދަރިވަރުންނާއި އާންމުންގެ ސަމާލުކަމަށް ގެނެސް އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަން،" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ