ގްރީންލޭންޑާ ގުލޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންގުޅެމުންއައި ހަރުކަށި ވިސްނުންތައް އެންމެފަހުން ދޫކޮށްލައިފިއވެެ.
ނޭޓޯގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކަށްފަހު ޓްރަމްޕް ވަނީ، ގްރީންލޭންޑާ ގުޅޭގޮތުން އެމެރިކާއިން ނަގަން ނިންމާފައިވާ ޓެރިފްތައް ކަނޑާލައި، އެ ސަރަހައްދުގައި އަސްކަރީ ބާރު ބޭނުންކުރުމާ މެދު ކުރަމުންދިޔަ ވިސްނުންތައް ދޫކޮށްލިކަން ހާމަކުރައްވާފައެވެ.
މި ނިންމުން ނިންމާފައި މިވަނީ ގްރީންލޭންޑާ މެދު އެތައް މަސްތަކެއް ވަންދެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާ ދެމެދު އިގްތިސާދީ އަދި އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެކަމުގެ ބިރު އުފެދިފައި އޮއްވައެވެ.
މި މައްސަލަ ފެށުނީ މިދިޔަ އަހަރު، ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެނައުމަށް ނުވަތަ އެތަނުގައި އެމެރިކާގެ އަސްކަރީ ބާރުވެރިކަން އިތުރުކުރުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރި ހިސާބުންނެވެ. މިކަމާ ގުޅިގެން، ގްރީންލޭންޑްގެ ބެލެނިވެރި ގައުމު ކަމަށްވާ ޑެންމާކާއި ޔޫރަޕްގެ އެހެން ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ނޭޓޯގެ ބައިވެރިންނާއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، ކުރިމަތިލުންތަކަށްވުރެ އެއްބާރުލުމާއި، އިހުތިރާމާއި، ހިކުމަތްތެރިކަން އިސްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެންމެންވެސް އެއްބަސްވާ ކަމަށެވެ.
އެމެރިކާއިން ދެން އިސްކަންދޭނީ ދެބަސްވުންތަކުގެ ބަދަލުގައި ބައިވެރިވުންތަކަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ، މި ނިންމުމަކީ އާކްޓިކް ސަރަހައްދުގެ ސަލާމަތާއި، މޫސުމީ ދިރާސާތަކާއި، އަދި ގްރީންލޭންޑްގެ ދެމެހެއްޓެނިވި ތަރައްގީއަށް ބަލައި ނިންމާފައިވާ ސްޓްރެޓީޖިކް ނިންމުމެކެވެ.
ޓްރަމްޕްގެ މި ނިންމުމާ ގުޅިގެން ޔޫރަޕްގެ ލީޑަރުން ވެސް ވަނީ މިކަމަށް މަރުހަބާ ވިދާޅުވެފައެވެ. މިއީ ނުތަނަވަސްކަން ކުޑަކުރުމަށް އެޅުނު ހެޔޮ ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ނޭޓޯގެ ތެރޭގައި އޮތް ބޭކާރު ހިޔާލުތަފާތުވުންތައް ނިމުމަކަށް އަންނާނެ ކަމަށް އެ ގައުމުންވެސް ވަނީ ބުނެފައެވެ. ކަމާއިބެހޭ މާހިރުން ދެކޭގޮތުގައި މި ބަދަލާއެކު، ވިޔަފާރިއާއި ދިފާއީ ޚަރަދުތަކާ ގުޅިގެން އެމެރިކާއާއި ޔޫރަޕާ ދެމެދު ގޯސްވެފައިވާ ގުޅުން ވެސް އަލުން ބަދަހިވާނެއެވެ.
މީގެ އިތުރުން، މި ނިންމުމުގެ ސަބަބުން ގްރީންލޭންޑްގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މިއީ އެތައް ދުވަހެއްގެ ހަރުކަށިކަމަށްފަހު ޓްރަމްޕް ދޫދިން މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
ގްރީންލޭންޑާ މެދު ގެންގުޅުނު ހަރުކަށި ސިޔާސަތު ޓްރަމްޕް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ