އަނިޔާއާ ހެދި ކައިފް އަށް މޮރޮކޯ މުބާރާތުގައި ވާދަނުކުރެވޭނެ އަނިޔާއާ ހެދި ކައިފް އަށް މޮރޮކޯ މުބާރާތުގައި ވާދަނުކުރެވޭނެ

މޮރޮކޯގައި މި މަހު ފަށާ މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު އަނިޔާގެ ސަބަބުން، މުހައްމަދު ކައިފް އަށް ގެއްލިއްޖެ އެވެ.
އެހެން ނަމަވެސް ޓީމާ އެކު، މޮރޮކޯ އަށް އޭނާ ދަތުރުކުރާނެ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފި އެވެ.
"އަދަދު ސްޕޯޓްސް" އަށް އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް)، ވިދާޅުވީ، ޕޫލުގައި ކުރިއަށްދިޔަ އެންޑިއުރަންސް ސެޝަނެއްގެ ތެރެއިން ކައިފްގެ އަތަށް އަނިޔާވެފައިވާ ކަމަށާއި އެހެންވެ، މުބާރާުތުގައި ވާދަނުކުރެވޭނެ ކަމަށެވެ. އެކަމަކު، ކައިފް، ޓީމާ އެކު، މޮރޮކޯ އަށް ދަތުރުކުރާނެ ކަމަށް ރަޝް ވަނީ ވިދާޅުވެފަ އެވެ.
މިހާރު މި އޮތް ގޮތުން، މޮރޮކޯ މުބާރާތުގެ ޖޫނިއާ މެންސް ރައިސިން ސީރީސްގައި ވާދަކުރާނީ، އެންމެ ފަހުގެ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ލީގު ޗެމްޕިއަން، އިޔަން އަހުމަދު އެވެ. އަދި، ޕްރައިމް ސީރީސްގައި ވާދަކުރާނީ ގައުމީ ސީނިއާ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، އަދި، އަޝްރަފް ހަސަން އެވެ.
ކައިފް އަށް އަނިޔާއާ ހެދި މުބާރާތުގެ ފުރުސަތު ގެއްލިގެންދިޔައިރު، އޭނާގެ ކޮނޑުހުޅު ނައްޓައިގެން ގޮސްގެން ލިބުނު އަނިޔާއަކާ ހެދި އަލުން ރިކަވާވެގެން ވާދަކުރަން ފެށީ ދާދި ފަހުންނެވެ. އަދި، މޮރޮކޯ މުބާރާތުގައި ވާދަކުރަން ކައިފް އައީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ.
މޮރޮކޯ މުބާރާތުގެ ވައިލްޑް ކާޑް އެންޓްރީގެ ފުރުސަތު ލިބިފައިވަނީ ރާއްޖޭގެ ކުޑަ އައްޔަ އަށެވެ. އެ ގޮތުން، އައިބީސީން ބުނެފައިވަނީ، ރާއްޖޭގެ ގައުމީ ލެވަލްގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ކުޑަ އައްޔަ އަށް ވައިލްޑް ކާޑް ލިބިފައިވާއިރު، އޭނާ އަކީ، 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕްރޯ މުބާރާތުގައި ފަސް ވަަނަ ހޯދާފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ މައިދާނުގައި މީގެ ކުރިން ރާއްޖޭގެ ބޮޑީބޯޑަރުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
އެ ގޮތުން، މީގެ ކުރިން 2023 ވަނަ އަހަރު އާމިން، ވަނީ ދުނިޔޭގެ ޖޫނިއާ ރޭންކިންގެ 10 ވަނަ އަށް ޖެހިލަައިފަ އެވެ. އައިބީސީ ވޯލްޑް ޓުއާގައި 11 މުބާރާތެއް ހިމެނޭއިރު އޭގެ ތެރެއިން ހަ މުބާރާތެއްގައި ޖޫނިއާ ޑިވިޝަން ހިމެނެ އެވެ. މި ހަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތެއްގައި، އެ ފަހަރު އާމިން ވާދަކުރި އެވެ. އެއީ، ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯ އާއި ފްރާންސްގައި އޮތް ލަ ސަލީ ޕްރޯ އާއި ޕޯޗުގަލްގެ ސިންޓްރާ ޕްރޯ އާއި ޓުއާގެ ފަހު މުބާރާތްކަމަށްވާ ފްރޮންޓޮން ކިންގް 2023 އެވެ.
ރާއްޖެ އަށް ބައިނަލްއަގުވާމީ ގޮތުން، ބޮޑީބޯޑިންގެ ގިނަ ފުރުސަތުތައް ލިބެން ފެށީ، 2022 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ފަހު އެވެ. މީގެ ތިން އަހަރު ކުރިން، ބޭއްވި ފުރަތަމަ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކޮށް، ކުޑަ އައްޔަ ވަނީ ޑްރޮޕްނީ ޑިވިޝަނުން ދުނިޔޭގެ ރޭންކިން 12 ވަނަ އަށް ޖެހިލައިފަ އެވެ.
ގައުމީ ޓީމެއްގެ ގޮތުގައި، 2020 ވަނަ އަހަރު ރަޖިސްޓްރީވި ފަހުން، ރާއްޖެ ތަމްސީލް ކުރަން ޓީމެއްގެ ގޮތުގައި ދިއުމަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބިފައި މި ވަނީ މޮރޮކޯ މުބާރާތުގަ އެވެ. މި މަހު 31 ވަނަ ދުވަހު ފަށާ މުބާރާތް ނިމޭނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. މުބާރާތުގައި ވާދަކުރަން މޮރޮކޯ އަށް ދިއުމަށް މާދަމާ ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ