އާމިރުގެ ފިލްމު 'އޭކް ދިން'ގައި އަރިޖީތުގެ ލަވައެއް
މިދިޔަ މަހު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފައިވާ އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްގެ ލަވައެއް ފިލްމު "އޭކް ދިން"އިން ފެންނާނެ ކަމަށް އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ކުންފުނިން އިއުލާނުކޮށްފިއެވެ. ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނިން އާމިރު ޚާން އަދި މަންސޫރު ޚާން ޕްރޮޑިއުސްކޮށް ސުނިލް ޕާންޑޭ ޑައިރެކްޓްކޮށް ގެނެސްދޭ "އޭކް ދިން" އާމިރުގެ ދަރިފުޅު ޖުނައިދު ޚާން ލީޑް ރޯލް ކުޅޭ ފިލްމެކެވެ. މި ފިލްމުގެ ޓައިޓްލް ލަވަ ރިލީޒްކޮށްފައިވާއިރު މި ލަވައިގެ ރެކޯޑިންގް ކުރިއަށް ދިޔައީ މުރްޝިދުއާބާދުގައި ހުންނަ އަރިޖީތުގެ އާއިލާ ދިރިއުޅޭ ގޭގައެވެ. މި ލަވައިގެ ރެކޯޑިންގްގައި އާމިރު ޚާން އަމިއްލައަށް ބައިވެރިވެ އަރިޖީތު އަދި ލަވަކިޔުންތެރިޔާގެ އާއިލާއާ އެކު ވަގުތު ހޭދަކޮށްފައިވާ ވީޑިއޯއެއް އާމިރު ޚާން ޕްރޮޑަކްޝަންސްއިން ވަނީ އާއްމުކޮށްފައެވެ. ފިލްމު "އޭކް ދިން"ގެ މަންޒަރެއްގައި ޖުނައިދު ޚާން އަދި ސައި ޕައްލަވީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ އެ ވީޑިއޯ ފެށުމުގެ ގޮތުން އާމިރު ވަނީ ފިލްމުތަކަށް ލަވަކިޔުން ހުއްޓާ ނުލުމަށް އަރިޖިތުގެ ގާތުގައި އެދިފައެވެ. އަރިޖިތުގެ އެ ނިންމުމަކީ އާމިރު ފަދަ ފިލްމު ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "އޭކް ދިން"އަށް އަރިޖިތު ކިޔައިދިން މި ޓައިޓްލް ލަވަ އަކީ އޭނާ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނު ކުރުމަށްފަހު މަސައްކަތްކުރި ފުރަތަމަ ލަވައެވެ. އެ ލަވަ އަކީ ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނުކުރުމުގެ ކުރިން އަރިޖިތު މަސައްކަތް ފަށާފައިވާ ލަވައެއް ކަމެއް ނުވަތަ ނޫންކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި އަހަރުގެ މެއި މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "އޭކް ދިން"އަކީ ޒަމާނީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޖުނައިދުއާ އެކު މި ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ ސައުތު އިންޑިއާގެ ފިލްމީ ތަރި ސައި ޕައްލަވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ