ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށް

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ހުމާލެ ތިންވަނަ ފިޔަވަހިން ބިން ދޫކުރަން ކަނޑައެޅީ އެ ސަރަޙައްދު ނުހިއްކައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް އެކި ފަހަރުމަތިން ފަށި ނަމަވެސް، އެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. އަދި ހުޅުމާލެ 2ވަނަ ފިޔަވަހިން ގޯތިތައް ކަނޑާ ދޫކުރަމުންދިޔައިރު، ތިންވަނަ ފިޔަހިން ގޯތި ލިބުނު މީހުންނަށް ބިން ލިބުމުގެ ޝަކުވާ އެސަރަޙައްދުން ގޯތި ލިބުނު މީހުން ދިޔައީ ހުށައަޅަމުންނެވެ. އެހެންކަމުން އަދުގެ ސަރުކާރު އެ މަސައްކަތް އެމްއޭސިއެލްއާ ހަވާލުކޮށް، ހަލުވި ދުވެލީގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ހިއްކަން ފެށި ބިން ހިއްކުމުގެ އެމަޝްރޫއު ހުއްޓިފައިވަނިކޮށް، އަދުގެ ސަރުކާރުން އެމަޝްރޫޢު އަލުން ފައްޓަވައި، ހުޅުމާލެ 3ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފަވަނީ މިދިޔަ ޖެނުއަރީ މަހުގެ 25ވަނަ ދުވަހުއެވެ.
ނިމުނު ސަރުކާރުގައި ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެއިން 1300އަށްވުރެ ގިނަ ގޯތި ދޫކުރަން ކަނޑައަޅާފައިވެއެވެ.
ހުޅުމާލެއިން އަލަށް ހިއްކި ފޭސް 3 ސަރަޙައްދުން 698 ގޯތި ދޫކުރުމަށް ނިންމާފަވެއެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ އެ ބިމުން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމުގެ މަސައްކަތްތަކެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން، އެޗްޑީސީން ވިދާޅުވީ، އެ މި ސަރަހައްދު ސާރވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި ގުޅިގެން އެޗްޑީސީން ކުރަމުންދާކަމަށެވެ. ހުޅުމާލެ 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ ގޯތި ދޫކުރެއެވެ.
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފަވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.
މިހާރު ކުރަމުންދަނީ ގޯތީގެ އެގްރިމަންޓްތަކުގައި ސޮއިކޮށް، ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ