ދިރިއުޅުމަށް ކުރި ހަރަދަށް ކުރީގެ އަނބިމީހާ އެދޭ ނަމަ، ވަރީގެ ފަހުން ވެސް ދޭން ޖެހޭނެ: ސުޕްރީމް ކޯޓު

ދިރިއުޅުމަށްޓަކައި ދެމަފިރިން ކުރާ ހަރަދުގެ ތެރެއިން އަނބިމީހާ ކޮށްފައިވާ ހަރަދު ކައިވެނި ރޫޅުމަށް ފަހު ވެސް ކުރީގެ ފިރިމީހާގެ އަތުން ނަގަން ބޭނުންވާ ނަމަ، ކައިވެނީގެ މަތީގައި ވެފައިވާ އެއްބަސްވުމެއް ނެތް ނަމަވެސް އޭނާއަށް އެ ހަރަދަށް އެދެވިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
މައްސަލައިގެ ފެށުން - ދ. ކުޑަހުވަދޫން ގޯތި ދޫކުރިއިރު އެތަނުން ގޯއްޗަށް ދެމަފިރިިއަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން ފިރިމީހާއަށް ގޯތި ލިބުނީ މީހަކާ އިނދެގެން އުޅޭ ނަމަ ލިބޭ ޕޮއިންޓް ހިމަނައިގެންނެވެ. 
އަންހެންމީހާ ބުނާ ގޮތުން އެގޯތި އިމާރާތްކުރީ ދެ މީހުން ބައިވެރިވެގެން އޭނާގެ އަތުން ވެސް ގިނަ ހަރަދުތަކެއް ކޮށްގެންނެވެ. އެގޮތަށް ހަރަދުކުރީ ގޯތި ރެޖިސްޓްރީކުރާނީ ދެ މީހުންގެ ނަންމަތީގައި ކަމަށް ދެމަފިރިންގެ ދެމެދު އަނގަ ބަހުން އެއްބަސްވެގެން ކަމަށް ވެސް ކޯޓުގައި އަންހެންމީހާ ބުންޏެވެ.
އެކަމަކު އެ ގޯތި ރެޖިސްޓްރީކުރީ ފިރިހެންމީހާގެ އަމިއްލަ ނަން މައްޗަށެވެ. އަދި އަންހެންމީހާގެ ނަންމައްޗަށް ރެޖިސްޓްރީ ނުކުރެވި އުޅެނިކޮށް ދެ މީހުން ވަރިވީ އެވެ. ވަރިވުމަށް ފަހު އަންހެންމީހާ ބޭނުންވީ އެގެއިން ބައެއް ދެ މީހުންގެ ދެ ދަރިންނަށް ދިނުމަށެވެ. 
ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައި އަންހެންމީހާ ދައުވާކުރީ އެގޮތަށް ކުރީގެ ފިރިމީހާ އެއްބަސްނުވުމުންނެވެ. ކުޑަހުވަދޫ ކޯޓުގައި އަންހެންމީހާ އެދިފައި އޮތީ:
ގެ ހަދަން އޭނާ ކުރި ހަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ނަގައިދިނުމަށް
އެއީ އިމާރާތްކުރަން އޭނާގެ އަތުން ހޭދަވި ކަމަށް އަންދާޒާ ކުރާ މިންވަރު
ވީ ކިހިނެއް؟ މި ދައުވާއަށް އިންކާރުކޮށް ފިރިހެންމީހާ ކުޑަހުވަދޫ ކޯޓުގައި ބުނެފައިވަނީ އެގެއަށް އޭނާގެ ކުރީގެ އަންހެނުން ކުރި ހަރަދަކީ، އެއީ ފިރިމީހާގެ ގެއަކަށް ވެގެން ކުރި ހަަރަދެއް ނޫން ކަމަށާއި، އެއީ ދެ މީހުންގެ ދިރިއުޅުމަށް ކުރި ހަރަދެއް ކަމަށެވެ. ގެ ހަދަން ފިރިހެންމީހާ ވެސް ގިނަ ހަރަދެއް ކޮށްފައިވާނެ ކަމަށް ބުންޏެވެ.
މި މައްސަލާގައި:
ކުޑަހުވަދޫ ކޯޓުން ނިންމީ ގެ އިމާރާތްކުރަން އަންހެންމީހާ ހަރަދުކުރި ކަމަަށް ބުނާ މިންވަރުގެ ހެކި ލިބިފައިނުވާތީ އާއި އެއީ ދެމަފިރިން ކުރި ހަރަދެއް ކަމަށް ވާތީ މައްސަލާގައި އެދުނު ގޮތަށް ނިންމައިނުދެވޭނެ ކަމަށް
އެ ހުކުމް ހައި ކޯޓުގައި އަންހެންމީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ވެސް އޭނާއަށް ނާކާމިޔާބުވި
އެކަމަކު މައްސަލަ ދޫނުކޮށް ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފްކުރި
ތަފްސީލް - ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި މި މައްސަލާގައި މިއަދު އެ ކޯޓުން ހުކުމް އިއްވީ އަންހެންމީހާއާ އެއްކޮޅަށެވެ. އަދި ކުޑަހުވަދޫ ކޯޓާއި، ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރި އެވެ.
ސުޕްރީމް ކޯޓުން ހުކުމްކުރީ:
އިމާރާތް މިހާރު ހުރި ހާލަތަށް ބަލާ އިމާރާތުގެ އަގުގެ ދެބައިކުޅަ އެއްބައި އޭނާގެ ކުރީގެ އަންހެނުންނަށް ލިބިގެންވާ ކަމަށް ކަނޑައަޅަން ކުޑަހުވަދޫ ކޯޓަށް އަންގަން
ކުޑަހުވަދޫ ކޯޓުގެ ހުކުމާއި، ހައި ކޯޓުގެ ހުކުމް ބާތިލުކަމަށް ކަނޑައެޅި
މި ހުކުމް އިއްވީ ސުޕްރީމް ކޯޓުގައި އެމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން
ބުނީ ކީކޭ؟ މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވަނީ:
ގޯތި ލިބުނީ ދެމަފިރިންނަށް ޕޮއިންޓު ދޭ އުސޫލުގެ ދަށުން ކަމުން އެ ގޯތީގައި އަނބިމީހާގެ މަސްލަހަތު އޮންނާނެ
އެ ގޯއްޗަށް އަންހެންމީހާ ހަރަދު ކުރިކަން ފިރިހެންމީހާ އެއްބަސްވެފައިވޭ
ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކު ކުރާ އެފަދަ ހަރަދުތަކުގެ ލިޔެކިއުންތައް ބެލެހެއްޓުމަކީ އާންމު ގޮތެއްގައި ކުރާނެ ކަމެއް ކަމަކަށް ނުބެލެވޭ
އާއިލާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ވަރިކުރާއިރު 'ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދާ އަދުލުވެރި ބެހުމަކުން ބެހުމުގައި އަމަލުކުރާނެ އުސޫލުތަައް' ދަށުން ކައިވެނީގެ މަތީގައި ވެފައިވާ އެއްބަސްވުމެއް އޮތް ނަމަ މުދާ ބެހުމުގެ ބާރު ކޯޓަށް ލިބިގެންވޭ
އެކަމަކު މި މައްސަލާގައި އެފަދަ އެއްބަސްވުމެއް ނެތުމަކީ އަންހެންމީހާ އެދިފައިވާ ހަރަދު ހޯދައިދިނުމަށް އޮތް ހުރަހެއް ނޫން
ދެމަފިރިންގެ ތެެރެއިން ކޮންމެ މީހަކަށް ވެސް މުދާ ހޯދުމާއި މުދަލުން ހައްގު ހޯދުމުގެ ހައްގު ލިބިގެންވޭ
ދެމަފިރިންގެ ވަކިވަކި މުދަލަކީ ކައިވެނީގެ ސަބަބުން އަނެކާގެ މުދަލަކަށް ވާނެ ކަމެއް ނޫން ނުވަތަ މުދަލެއްގެ މިލުކުވެރިކަން ޝާމިލުވާނެ ކަމެއް ވެސް ނޫން
އެއްބަސްވުމަކާ ހަމަޔަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރި ހަރަދު ނުވަތަ ހައްގުވާ މިންވަރު ނަގައިދިނުމުގައި ގާނޫނީ ގޮތުން ބަނަދެވޭ އެއްބަސްވުމެއް އޮތުމަކީ ލާޒިމު ކަމެއް ނޫން
މި ހާލަތުގައި ލާޒިމުވަނީ އެ ހަރަދު ކުރިކަން ޝަރީއަތަށް ސާބިތުވުން އަދި އެ ހަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް މަންފާއެއް ލިބިފައިވުން
މި ހަރަދު އަނބުރާ ނުލިބިއްޖެ ނަމަ، އެ ހަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ނުހައްގު މަންފާއެއް ލިބިގެން ދިއުން
"މި އުސޫލުން މި މައްސަލަ ތަތުބީގުކުރާއިރު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތުމަކީ އަންހެންމީހާ ކުރި ހަރަދު އޭނާއަށް ނަގައިދިނުމަށް އޮތް ހުރަހެއް ނޫން،" އަނެއް ދެ ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ މި މައްސަލާގެ ތެރެއިން ޖަވާބު ހޯދަން އޮތް ސުވާލަކީ ކައިވެންޏެއްގެ މަތީގައި ދެމަފިރިން ދިރިއުޅުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދެއް ކައިިވެނީގެ އަގުދު ނިމުމަކަށް އައިސް ވަރިވުމަށް ފަހު ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމާ މެދު އޮތް ސުވާލު ކަމަށެވެ.
"ކައިވެންޏަކީ އަގުދެއް. އެއްބަސްވުމެއް. ނަމަވެސް މިއީ އާދައިގެ އެއްބަސްވުމެއް ނޫން. މިއީ މަތިވެރި އެއްބަސްވުމެއް. މި އެއްބަސްވުން ދެމިއޮތުމުގެ މައިގަނޑު އަސާސަކީ މަވައްދަތާއި ރަހުމަތް. ނުވަތަ ލޯތްބާއި އޯގާތެރިކަން،" މައްސަލައިގެ ހުކުމް އިއްވަން ފައްޓަވަމުން ރޫމު ސޫރަތުގެ 21 ވަނަ އާޔަތަށް އިޝާރަތްކުރައްވާ ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ ކައިވެންޏަކީ އާދައިގެ އެއްބަސްވުމެއް ނޫންކަމަށް އިޝާރާތްކޮށްފައިވަނީ އެހެން އެއްބަސްވުންތަކާ ހިލާފަށް އެ އެއްބަސްވުމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ޤުރުއާނުގައި އައިސްފައިވާ އައުމަށް އިޝާރާތް ކޮށް ކަމަށެވެ.
އެ އުސޫލުން ބަލާއިރު ފާހަގަކުރެވޭ ކަމަކީ ކައިވެނީގައި އަނބިމީހާއަށް ހަރަދުކޮށް ބެލެހެއްޓުން ޤުރުއާނުގައި ފިރިމީހާއަށް މަތިކޮށްފައި އޮންނަ އޮތުން ކަން ފާހަގަކުރައްވާ ފަނޑިޔާރު މަހާޒު ވިދާޅުވީ، އެކަމަކު އެއީ ކައިވެނީގައި ދެމަފިރިން އެކަކު އަނެކަކަށް ހަރަދުކުރުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ