ގުރައިދޫ ދާއިރާގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ތިން ދައުރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެން ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ވަނީ ހުސްވެފަ އެވެ. މިއަދު ކުރިއަށްދަނީ އެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ.
މި އިންތިހާބުގައި ވާދަކުރަނީ ތިން ޕާޓީއަކުން ތިން ކެންޑިޑޭޓުންނެވެ. އެއީ:
ހުސައިން ރިޒާ އާދަމް، ސީވީޑް/ކ. ގުރައިދޫ (ޕީޕީއެމް) - އޭނާ އަކީ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ
އިބްރާހީމް ޝާޒު، ފައިވްރޯސް/ކ. ގުރައިދޫ (އެމްޑީޕީ)
އަލީ އަރީފް، ފިޔާތޮށިގެ/ކ. ގުރައިދޫ (އެމްއެންޕީ)
ތަފްސީލް - މި ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ، ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގަ އެވެ.
ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ:
ގުރައިދޫ - ގުރައިދޫ ކައުންސިލް އިދާރާ (މީޓިން ރޫމް) އަދި ގުރައިދޫ ޔޫތު ސެންޓަރުގައި
ގުޅި - ގުޅީ ސްކޫލް
މާފުށި - މާފުށީ ސްކޫލުގައި ދެ ފޮއްޓެއް
މާލެ - އިއްޒުއްދީން ސްކޫލުގައި
މާލޭ ފިޔަވައި ދާއިރާގެ ހުރިހާ ރަށެއްގައި ވެސް މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ވަނީ ފަށާފަ އެވެ. މާލޭގައި ވޯޓުލުން ފެށީ 8:03ގަ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4އާ ހަމަައަށެވެ.
އެނގުން މުހިންމު - މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3،423 މީހަކަށެވެ. އެއީ:
ގުޅި - 615 މީހުން
މާފުށި - 1،224 މީހުން
ގުރައިދޫ - 1،133 މީހުން
މާލެ - 451 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ