ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) އުފައްދައި، އޭނާ
ކޯޗުކޮށްދޭ އެޓޯލްސް އެފްސީ މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ
ފައިނަލަށް ދަތުރުކޮށްފި އެވެ.
މީގެ ތިން އަހަރު ކުރިން ވުޖޫދަށް ގެނައި އެޓޯލްސް އެފްސީން ފައިނަލުގެ ޖާގަ
ހޯދީ ސެމީ ފައިނަލުގައި އިއްޔެ ހަވީރު މާފަންނު ޓާފް ދަނޑުގައި ޖީބީ ސްޕޯޓްސް
އަތުން 4-0 އިން މޮޅުވެގެންނެވެ. ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ ޓީއެފްޓީއާ
އެވެ.
ސްކޫލް ދައުރުގައި މޮޅަށް ފުޓްބޯޅަ ކުޅުނު އަލީ ވަހީދު ވަނީ ނިއު ރޭޑިއަންޓުގެ
ޗެއާމަންކަމާއި، ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފަ އެވެ. ނިއުގެ
ތާރީހުގެ އެންމެ ކާމިޔާބު ދުވަސްތަކުގެ ތެރޭގައި އޭނާ އެ ޓީމު ގެންގުޅުނު އަހަރުތައް
ހިމެނެ އެވެ.
މި ފަހުން އިނގިރޭސި ވިލާތުގައި އުޅުނުއިރު އަލީ ވަހީދު ވަނީ ޔުއެފާ ސީ ލައިސަންސް
ކޯޗިން ކޯސް ހަދައި، އެ ގައުމުގެ ނޮން ލީގުގެ ޓީމަކަށް ކޯޗުކޮށްދީފަ އެވެ.
އިއްޔެގެ މެޗުގައި އެޓޯލްސްގެ ޒައިން ދެ ލަނޑު ޖެހި އިރު ރައުހާން އާއި
އަހްސަން، ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ގޯލު ޖަހައިފަ އެވެ.
ޓީއެފްޓީ ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ބްލޫ ސްޕޯޓްސް
ކްލަބާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ. ނިއުގެ ކުރީގެ ޗެއާމަން އަހުމަދު
ވާސިފްގެ ބްލޫ ކޮޅަށް ޓީއެފްޓީގެ ދެ ލަނޑު ވެސް ޖެހީ ކުރިން އެއް ވަނަ
ޑިވިޝަންގައި ކުޅުނު އަހުމަދު ޝުހެއިލް (ބަންބުޗު) އެވެ.
މިއީ ޓީއެފްޓީ ތިން ވަނަ ޑިވިޝަންގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. އެ
ޓީމުގެ ކޯޗަކީ ކުރިން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު ފަރުހާދު އިސްމާއިލް (ފަރޭ)
އެވެ.
މި އަހަރުގެ ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ދެ ވަނަ
ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ. އެޓޯލްސް އާއި ޓީއެފްޓީ ބައްދަލުކުރާ ފައިނަލް
މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގަ އެވެ.
އަލީ ވަހީދުގެ ކޯޗުކަމުގައި އެޓޯލްސް ތިން ވަނަ ޑިވިޝަނުގެ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ