އިންޑިއާގެ ސްޓޭޓެއްގައި ސްކޫލް ކޮއްތުން ބިސް އުނިކުރުމުން ސިޔާސީ ބޮޑު މައްސަލައަކަށް

އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލްގެ ސަރުކާރު ސުކޫލުތަކުގައި ދަރިވަރުންނަށް ދޭ މެންދުރުގެ ކެއުމުން ބިސް އުނިކުރުމާ ގުޅިގެން އެކަން ސިޔާސީ މައްސަލައަކަށް ވެއްޖެ އެވެ. 
ވެސްޓް ބެންގާލްގައި އެންމެ މަގުބޫލު ކާނާތަކުގެ ތެރޭގައި ހިމެނޭ ބިސް، ސުކޫލްގެ މެނޫއިން އުނިކުރީ ދާދިފަހުން އެ ސްޓޭޓްގެ ވެރިކަމަށް އައި ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން، ދީނީ ޗެރިޓިއަކާ ހަވާލުކޮށްގެން ސަރުކާރު ސުކޫލުތަކުގައި ހިލޭ ވެޖިޓޭރިއަން (މަހާއި ބިސް ނުހިމެނޭ) ކެއުން ދޭން ނިންމުމާ ގުޅިގެންނެވެ.
ދުނިޔޭގެ އެންމެ ބޮޑު އާބާދީގައި ކާނާ އާއި ދީން އަދި ނިއުޓްރިޝަނާ  ގުޅޭގޮތުން ޒަމާނުއްސުރެ އޮންނަ މި އާ އިންތިޒާމުގެ ސަބަބުން ވަނީ އަލުން ފެށިފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ސަރުކާރަށް ތުހުމަތުކުރާ ގޮތުގައި، މިއީ ސުކޫލް ކުދިން މަޖުބޫރުން ވެޖިޓޭރިއަން ކުރަން އުޅުމުގެ އަމަލެކެވެ.
މެއި މަހު ބޭއްވި ސަރަހައްދީ އިންތިހާބުގައި ވެސްޓް ބެންގާލްގެ ވެރިކަމަށް ފުރަތަމަ ފަހަރަށް އައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ދަނީ އެ މީހުންގެ ގައުމީ އެޖެންޑާގެ ބައެއްގެ ގޮތުގައި ވެޖިޓޭރިއަންވުން ޕްރޮމޯޓްކުރަމުންނެވެ. ނަމަވެސް، އިންޑިއާގެ ގިނަ ހިންދޫންނަކީ އެއްގަމު އަދި ކަނޑު މަސް ކައި އުޅޭ މީހުންނެވެ. އަދި ހިންދޫން އާންމުކޮށް ވެޖިޓޭރިއަން ނޫން ކާނާއެއްގެ ގޮތުގައި ބަލާ ބިހަކީ، އިންޑިއާގައި ވަރަށް އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ.
ވެސްޓް ބެންގާލްގައި 15 އަހަރު ވަންދެން ވެރިކަން ކުރެއްވުމަށްފަހު މެއި މަހުގެ އިންތިހާބުން ނާކާމިޔާބުވި ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) ޕާޓީގެ ކުރީގެ ޗީފް މިނިސްޓަރު މަމަތާ ބެނަޖީ ވަނީ، ސުކޫލް ކޮއްތުން ބިސް އުނިކުރުމަކީ 100 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އެ ސްޓޭޓްގެ "ސަގާފަތާ ހިލާފު" ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
"ބީޖޭޕީ ސަރުކާރުން މި އުޅެނީ ސުކޫލު ކުދިންގެ މައްޗަށް ވެޖިޓޭރިއަންވުން މަޖުބޫރުކުރަން،" ޓީއެމްސީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޑޯލާ ސެން އޭއެފްޕީއަށް ވިދާޅުވި އެވެ.
ބައެއް ޓީޗަރުން ވަނީ ކުދިން ސުކޫލަށް ހާޒިރުވާ މިންވަރަށާއި އެ ކުދިންނަށް ލިބޭ ނިއުޓްރިޝަނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ސަރުކާރުގެ ޕްރައިމަރީ ސުކޫލްތަކަށް ކުދިން ދާހިތްވާ އެންމެ ބޮޑު އެއް ސަބަބަކީ މެންދުރުގެ މި ކެއުން،" ޓީޗަރެއް ކަމަށްވާ ރާޖާ ދޭ ވިދާޅުވި އެވެ.
ސަރުކާރު ސްކޫލުތަކުގައި ބިސް ދިނުމާއި ކުދިން ހާޒިރުވުމާ ހުރި ގުޅުން ދައްކުވައިދޭ ގައުމީ ފެންވަރުގެ ތަފާސްހިސާބެއް ނެތަސް، ޓީޗަރު ދޭ ވިދާޅުވި ގޮތުގައި ބިސް ހުންނަ ދުވަސްދުވަހު ސުކޫލަށް ހާޒިރުވާ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އެވެ.
ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ މިދިޔަ އަހަރުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ހަފުތާއަކު ހަ ދުވަހު ބިސް ދޭން ފެށުމުން ކުދިން ހާޒިރުވާ މިންވަރު 93.5 ޕަސެންޓުން 98.97 ޕަސެންޓަށް މަތިވި އެވެ.
ވެސްޓް ބެންގާލްގައި ކުރިން ހަފުތާއަކު އެއްފަހަރު ދެމުންދިޔަ ބިހުގެ ބަދަލުގައި، މިދިޔަ މަހުން ފެށިގެން، ގަސްގަހާގެހިން އުފައްދާ ކާނާ ދޭން ފެށީ، ސަރުކާރުން ސުކޫލް ކެއުން ތައްޔާރުކުރުން "އިންޓަނޭޝަނަލް ސޮސައިޓީ ފޯ ކްރިޝްނާ ކޮންޝަސްނަސް" (އިސްކޮން) — ނުވަތަ އާންމު ނަމުން ނަމަ ހަރޭ ކްރިޝްނާ މޫވްމަންޓް — އާ ހަވާލުކުރުމުންނެވެ.
އިސްކޮންއަކީ އިންޑިއާގެ ސުކޫލްތަކަށް ކެއުން ފޯރުކޮށްދޭ އެންމެ ބޮޑު ޖަމާއަތެވެ. އދ. އިން ބުނާ ގޮތުގައި މިއީ ދުނިޔޭގައި ހިންގާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޖަމާއަތުން ފޯރުކޮށްދެނީ ހަމައެކަނި ވެޖިޓޭރިއަން ކާނާ އެވެ.
މި މެންދުރުގެ ކޮއްތު ޕްރޮގްރާމުގެ ސަބަބުން މުޅި ގައުމުގައި، ސުކޫލުތަކަށް ކުދިން ވައްދާ މިންވަރު 15 ޕަސެންޓަށް އިތުރުވެފައިވާކަން ގިނަ ދިރާސާތަކުން ކަށަވަރުވެ އެވެ. މީގެ އިތުރުން ސިއްހީ ގޮތުން ވެސް ބޮޑެތި ފައިދާތަކެއް ކުރެ އެވެ. އިންޓަނޭޝަނަލް ފުޑް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓްގެ 2021 ގެ ރިޕޯޓެއްގައިވާ ގޮތުން، މި ޕްރޮގްރާމުގެ ސަބަބުން އިންޑިއާގެ ކުދިންގެ މެދުގައި، އެކަށީގެންވާ ވަރަށް ހަށިގަނޑު ބޮޑުނުވުމުގެ މައްސަލަ މަދުކުރުމަށް ބޮޑު އެހީއަކަށް ވެފައިވެ އެވެ.
ނަމަވެސް މެނޫއިން ބިސް އުނިކުރުމުން، ފަގީރު އާއިލާތަކުގެ ކުދިންނަށް — އޭގެ ސަބަބުން ޕްރޮޓީން އަދި އެހެނިހެން މުހިންމު މާއްދާތައް ލިބުން މަދުވެދާނެ ކަމުގެ އިންޒާރު އާންމު ސިއްހަތާ ބެހޭ މާހިރުން ދެ އެވެ.
އިސްކޮން ޖަމާއަތުން ވަނީ މި ވާހަކަތަކަށް ރައްދުދީ، ސޯޔާ ޗަންކްސް، ކޮޓޭޖް ޗީޒް އަދި މުގަކީ ވެސް އެވަރަށް ނިއުޓްރިޝަން އެކުލެވޭ ތަކެތި ކަމަށް ބުނެފަ އެވެ.
"ބިހުން ކުއްޖާއަށް ލިބޭ ހުރިހާ މާއްދާއެއް، އަހަރެމެން ދޭ ކެއުމުގައި ހިމެނޭ މަތީ ފެންވަރުގެ ޕްރޮޓީން އަދި ވިޓަމިންސް އިން ލިބޭނެކަން ނުވަތަ އެއަށްވުރެ އިތުރުވާނެކަން އަހަރެމެން ކަށަވަރު ކުރާނަން،" އިސްކޮންގެ އިސް މެންބަރެއް ކަމަށްވާ ސުރޮވިޖޯއި ގޮވިަންދާ ދާސް އޭއެފްޕީއަށް ވިދާޅުވި އެވެ.
ސްޓޭޓްގެ އެޑިއުކޭޝަން މިނިސްޓަރު ދީޕަކް ބަރްމަން ވިދާޅުވީ، "އަހަރެމެންގެ ގައުމުގައި ވެޖިޓޭރިއަން ކާނާ ކައިގެން ދުޅަހެޔޮ ސިއްހަތެއްގައި އުޅޭ ބައިވަރު މީހުން އެބަތިބި" ކަމަށެވެ.
ނަމަވެސް ބައެއް ނިއުޓްރިޝަނިސްޓުން މިކަމާ ހިޔާލު ތަފާތުވެ އެވެ. ކޮމިއުނިޓީ ހެލްތު ފިޒީޝަނެއް ކަމަށްވާ ސިލްވިއާ ކަރްޕަގަމް 'ފްރަންޓްލައިން' މަޖައްލާއަށް ވިދާޅުވި ގޮތުގައި ބިހަކީ "ޕްރޮޓީންގެ ފެންވަރު ބެލުމުގައި އެންމެ މަތީ މިންގަނޑު (ނުވަތަ ގޯލްޑް ސްޓޭންޑަޑް)" އެވެ. ކަށަވަރޔ މައުލޫމާތު ނެތި މިފަދަ ނިންމުންތައް ނިންމުމުން، ސިއްހީ ނޭދެވޭ ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
މެއި މަހުގެ އިންތިހާބުގެ ކުރިން ޓީއެމްސީ ޕާޓީން ވަނީ މޯދީގެ ބީޖޭޕީން މަހާއި ބިހުގެ ކާނާ މުޅިން މަނާކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފަ އެވެ. ވެރިކަން ކުރާ ޕާޓީން އެކަން ދޮގުކުރި ނަމަވެސް، މިދިޔަ މަހު ގެނައި މެނޫގެ ބަދަލާ އެކު އެ ކަންބޮޑުވުންތައް އަލުން ވަނީ ފެންމަތިވެފަ އެވެ.
މިހާރު މި މައްސަލަ ވަނީ ހައިކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ކޯޓުން ވަނީ ސުކޫލް ކޮއްތު ޕްރޮގްރާމް އިސްކޮންއާ ހަވާލުކުރި މައްސަލާގައި ސްޓޭޓް ސަރުކާރުގެ ސްޓޭންޑް ސާފުކޮށްދިނުމަށް އަމުރުކޮށްފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ