ކެންދޫގެ އިންޖީނުގެ ނުނިމިވަނީ ޕްރޮޖެކްޓަށް ފައިސާ ހަމަނުޖައްސާ ފެށުމުން: ވަޒީރު ޠާރިޤް

ބ.ކެންދޫގެ އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުއްޖައްސާ މަޝްރޫޢު ފެށުމުންކަމަށާއި މައްސަލަ ހައްލުކޮށް އަލުން ފެށުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މޫސުމީ ބަދަލުތަކާ ތިމާވެށްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކެންދޫގެ އައު އިންޖީނުގެ މަސައްކަތް ލަސްވަމުންދާތީ، އެ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް މަޖިލީހުގައި ޖަވާބުދެއްވަމުންނެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ކެންދޫ އައު އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދަނީ، ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން އަދި އެކުންފުނިން ސަބް ކޮންޓްރެކްޓްކޮށްގެންކަމަށެވެ. މިގޮތުން އެ މަސައްކަތް 8 މިލިއަން ރުފިޔާއަށް، ސީ ސައިޑް ޕްރައިވެޓް ލިމިޓެޑްއާއި މަސައްކަތް ހަވާލުކުރީ 11 ޖުލައި 2021ގައެވެ. ކޮންޓްރެކްޓަރާ އެ މަސައްކަތް ހަވާލުކުރީ 1 މެއި 2022ގައި މަސައްކަތް ނިންމާގޮތަށެވެ.
ފެނަކައާއި ހަވާލާދީ ވަޒީރު ވިދާޅުވީ 2022ވަނަ އަހަރު މަޝްރޫޢު ނިންމަން ހަވާލުކުރިނަމަވެސް، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމާއި އީއައިއޭގެ މަސައްކަތްތަކަށްވެސް ދިގު މުއްދަތެއް ހޭދަވިކަމަށެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2022ވަނަ އަހަރު ނިމުމަކާ ގާތްވެފައިވަނިކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮންޓްރެކްޓަރުގެ އެދުމުގެމަތިން ޕްރޮޖެކްޓް ނިންމަން ކަނޑައެޅި މުއްދަތު 31 މޭ 2023އަށް އިތުރުކޮށްދީފައިވާކަމަށާއި، އޭގެފަހުންވެސް އިތުރު 6 މަސް ދުވަސް އިތުރުކޮށްދީފައިވަނިކޮށް، އިތުރު ދެ ފަހަރެއްގެ މަތިން މުއްދަތު އިތުކުރުމަށް ކޮންޓްރެކްޓަރު އަލުން އެދިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޠާރިޤް އިބްރާހީމް ވިދާޅުވީ ޕްރޮޖެކްޓް ފަށައި 3 އަހަރު ވެގެންދިޔައިރު މަޝްރޫޢުގައި ނިމިފައިވަނީ ޖުމްލަ %55 މަސައްކަމަށެވެ. މިހާތަނަށްބެލި ބެލުމުން އެ މަސައްކަތް ނުނިމިވާ އެންމެ ބޮޑު ސަބަބަކީ އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާގޮތުގައި ހަމަޖައްސާފައިނެތުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޕްރޮޖެކްޓަށް ގެނައި ވޭރިއޭޝަންތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އަރާފައިވޭ. މިހާރު މަޝްރޫޢުގެ އަގު 10 މިލިއަން ރުފިޔާއަށް އަރާ. މިހާތަނަށް 3މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ. މަސައްކަތް ހުއްޓިފައިވަނީ ފައިސާ ނެތުމުންކަމަށް ފެނަކައިން މަޢުލޫމާތު ދޭ." ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަޝްރޫޢުގެ މަސައްކަތްތައް އަލުން ފެށުމަށް ފެނަކައިން މިހާރު ގޮތްތަކެއް ހޯދަމުންދާކަމަށެވެ. އެގޮތުން ފައިސާ ހަމަޖައްސާތާ 6 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމާނެކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވާކަމަށް ހަކަތައާބެހޭ ތިމާވެށްޓައި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ