ޖުލައި މަހު ހިދުމަތް ފަށާއިރު ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަ ކާރުގެ ބްރޭންޑާއި ކާރުގެ އަގު ވެސް އަދި ނޭނގޭ ޖުލައި މަހު ހިދުމަތް ފަށާއިރު ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަ ކާރުގެ ބްރޭންޑާއި ކާރުގެ އަގު ވެސް އަދި ނޭނގޭ

ޓެކްސީ ދިނުމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، އަންނަ ޖުލައި މަހު ހިދުމަތް ފަށަން ހަމަޖެހިފައި އޮތް ނަމަވެސް ކާރު ގަންނަ ކުންފުނި، ކާރުގެ އަގު އަދި ބްރޭންޑެއް ވެސް އަދި ނޭނގޭ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އަދަދު އިން ފޮނުވި އާރްޓީއައިއެއްގެ ޖަވާބުގައި އެމްޓީސީސީއިން ބުނީ ޓެކްސީ ލައިނަށް ގެންނަ ކާރުގެ "ބްރޭންޑު އަދި ޔަގީންނުވާ" ކަމަށެވެ. ކާރުތައް ގަންނަން ހަމަޖެހިފައިވާ ކުންފުނި އަދި ކާރުތަކުގެ ފުރިހަމަ އަގު ވެސް އަދި ކަށަވަރުވެފައިނުވާ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 100 ކާރު ގެންނަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. އަދި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ކާރު ގެންނަ ކުންފުނި އަދި ކާރުގެ އަގާއި ބްރޭންޑު ޔަގީންނުވާ ކަމަށް އެމްޓީސީސީއިން ބުނާއިރު، އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާމުން ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވި އެވެ.
އެމްޓީސީސީއިން ބުނީ ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދު އަދި ހަމަޖައްސާފައިނުވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މާލެ ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ދުއްވާނެ ކާރުތަކުގެ އަދަދު ވެސް ހަމަޖައްސާފައިނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަ ކާރުތައް ޕާކު ކުރާނެ ސަރަހައްދު ސަރުކާރުން ކަނޑައަޅާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. ކާރުތައް ޕާކު ކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިނުން ދަތުރުފަތުރުކުރުމުގެ ހިދުމަތް ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާ އަގެއްގައި ކަމަށް ވެސް އެމްޓީސީސީއިން ބުނެ އެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިނުގައި ދުއްވާނީ ކަރަންޓު ބޭނުންކޮށްގެން ޗާޖު ކުރެވޭ ކާރު ކަމަށެވެ. ކަރަންޓު ބޭނުންކޮށްގެން ދުއްވާ ކާރު ޗާޖު ކުރެވޭނެ ވަސީލަތްތައް ވެސް އެއިރުން ގާއިމް ކުރަންޖެހޭނެ އެވެ.
ރަސްމީކޮށް ރަޖިސްޓްރީކޮށްގެން މާލޭގައި 1590 ޓެކްސީ ދުއްވަ އެވެ. އޭގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް ވެސް ވަރަށް ގިނަ ބަޔަކު ޓެކްސީ ހިދުމަތް ދެ އެވެ.
ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމާ ދެކޮޅަށް މާލޭގައި ޓެކްސީ ދުއްވާ މީހުން އިހުތިޖާޖެއް ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ