ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކޮށް ނިމިފައިވާ 43 މީހެއްގެ މައްޗަށް "ގްރީން ނޯޓިސް" ނެރެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" އާންމު ކޮށްފައިވާ ކަމަށެވެ.
މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުން "ގްރީން ނޯޓިސް" ނެރެފައިވާ ކަމަށާ މިގޮތުން، މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެއީ މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، 18 ބިދޭސީންނެވެ.
އިންޓާޕޯލް ގްރީން ނޯޓިސް އަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ މީހުންނާއި ބެހޭގޮތުން، ހާއްސަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމުކަމަށް ވާއިރު، މި މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުންވެސް ބަލައި، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން މިފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެގައުމުތަކަށް ލިބެއެވެ.
ހާއްސަކޮށް، ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުންނަށްވުމާއެކު އެއް ގައުމެއްގައި މިފަދަ ކުށުގެ އަމަލެއް ހިންގުމަށްފަހު އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭ ހާލަތްތަކުގައިވެސް އެމީހެއްގެ މައްޗަށް ގްރީން ނޯޓިސްއެއް ނެރެފައިވާނަމަ ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާތައް ދިނުން ހުއްޓުވައި، އެފަދަ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ފުރުސަތު ލިބެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކޮށް ނިމިފައިވާ 43 މީހެއްގެ މައްޗަށް "ގްރީން ނޯޓިސް" ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ