ހުޅުމާލޭގައި އަޅާ 4،000 ފްލެޓްތައް ރައީސް ބައްލަވާލައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ 4،000 ފްލެޓް މަޝްރޫއުގެ ބައެއް ޔުނިޓްތައް ރައީސް މުހައްމަދު މުއިައްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އެ ފްލެޓްތައް ރައީސް ބައްލަވާލެއްވީ މިއަދު ހަވީރު ސަރުކާރުގެ ވަފުދަކާ އެކު އެ ސަރަހައްދަށް ވަޑައިގެންނެވެ. ރައީސްގެ މި ޒިޔާރަތުގައި މި މަޝްރޫއުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބުނީ ކީކޭ؟ - ރައީސްގެ މި ޒިޔާރަތާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 4،000 ފްލެޓް މަޝްރޫއު ހިނގަމުންދާ ސައިޓަށް ރައީސް މުއިއްޒު މިއަދު ވަޑައިގެން، އެ މަޝްރޫއު ކުރިއަށްދާ ގޮތް އެ މަނިކުފާނު ބައްލަވާލެއްވި ކަމަށެވެ. އަދި މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލުތައް ރައީސްއާ ހިއްސާ ކުރި ކަމަށް ވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ މެެއި މަހު ސަރުކާރުން ބުނެފައިވާ ގޮތުގައި، އެހާތަނަށް ނިމިފައިވަނީ 4،000 ފްލެޓްގެ ތެރެއިން 1،000 ފްލެޓެވެ. އެ ނިމުނު ތަންތަނުގައި އަންނަ މަހު ދިރިއުޅެވޭ ވަރު ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓް މުރާޖާ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މިދިޔަ މަހު ނިންމާފައިވަނީ އެ ސަރުކާރުގައި އެކުލަވާލި ލިސްޓަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން ބާކީ ވާނީ ހަމައެކަނި މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތައް އެކަނި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ