ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
އެމަނިކުފާނު ވަނީ މިއަދު ހަވީރު ފްލެޓްތައް ބައްލަވާލައްވާފަ އެވެ. އަދި މަސައްކަތް ކުރިއަށް ދާ ގޮތް އޮޅުންފިލުއްވެވި އެވެ. ސަރުކާރުގެ އަމާޒަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ފްލެޓްތައް ހަވާލުކޮށް ނިންމުމެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ފްލެޓްތައް ދޭނެ 4,000 މީހަކު އޮތީ ކަނޑައަޅާފަ އެވެ. ނަމަވެސް އެ ލިސްޓްގެ ސައްހަ ކަމާމެދު ސުވާލު އުފަައްދާ އާ ލިސްޓެއް އެކުލަވާލަން މި ސަރުކާރުން ނިންމި އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް
އެ ނިންމުމާ އެކު އެތައް ބަޔަކު ލިސްޓުން އުނިވި އެވެ. ފްލެޓް ލިސްޓުން ގިނަ ބަޔަކު އުނިވީ މާލޭގައި 15 އަހަރު އުޅުކަން ސާބިތުކޮށް ނުދެވިގެންނެވެ.
އެކަމާ މައްސަލަ ބޮޑުވެފައި ވަނިކޮށް ފަހުން ސަރުކާރުން ނިންމީ ކުރީގެ ލިސްޓަށް ފްލެޓް ދޭށެވެ. އަދި ލިސްޓުން އުނިކުރާނީ ޝަރުތު ހަމަނުވާ މީހުން ކަމަށް ކަނޑައެޅި އެވެ.
އެންމެ ފަހުން އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި ދެމަފިރީން ވެސް ހިމެނިފައި އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ފްލެޓާއި ގޯތި އޮތް އެތައް ބަޔަކު ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކުރީ ސަރުކާރުް ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން ވެސް ހިމެނޭ ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާލެއްވުން -- ފޮޓޯ: ރައީސް އޮފީސް
އެ ތަފްސީލް މިނިސްޓަރު ވަނީ ވިދާޅުވެ ދެއްވާފަ އެވެ.
* 391 ދެމަފިރީންނަށް ލިސްޓްގައި ހިމެނޭ
* ގޯއްޗާއި ފްލެޓް އޮތް 302 މީހަކު ހިމެނޭ
* ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު 305 މީހަކު ހިމެނޭ
މީގެ އިތުރުން އޮޅުވާލައިގެން ފްލެޓް ލިސްޓްގައި ނަން ހިމަނާފައިވާ މީހުން ތިބި ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ