އިހުމާލުގެ ތުހުމަތަށް ޔުމްނާގެ ރައްދު: ހުކުރު މިސްކިތުގެ މަސައްކަތް ހުއްޓާލީ މި ސަރުކާރުން
މިދިޔަ ސަރުކާރުން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި ރައްކާތެރިކުރުމުގެ ތެރެއިން އެ މިސްކިތުގެ ބޭރުގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، އެ މަޝްރޫއު މަޑުޖެހުނީ މި ސަރުކާރު އައި ފަހުން ކަމަށް ވިދާޅުވެ، އޭރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ރައްދުދެއްވައިފިއެވެ. އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ހުކުރު މިސްކިތް މަރާމާތުކުރަން ކަންތައް ކޮށްފައިވާ ގޮތުން އެ މިސްކިތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް, ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އިއްޔެ ވަނީ ތުހުމަތުކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ މަސައްކަތް އޮތީ ހުއްޓައިލާފައެވެ. https://www.sun.mv/204850 އެ ކަމަށް ރައްދު ދެއްވައި، ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައިވަނީ، ހުކުރު މިސްކިތް އާބާތުރަ ފިލުވައި ރައްކާތެރިކުރަން މިދިޔަ ސަރުކާރުގައި ހިންގި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި: ހުކުރު މިސްކިތުގެ ޓެކްނިކަލް އެސެސްމެންޓް ހެދުން. މިސްކިތުގެ ހަރިންމަ ތެރޭ ހުރި ގަސްތަކުގެ މޫތަކުން މިސްކިތް ސަލާމަތް ކުރުމަށްޓަކައި މޫތައް ބުރިކޮށް ކޮންކްރީޓް "ބެރިއާ"އެއް ލުން. މިސްކިތުގެ ޤަބުރުސްތާނުގައި ހުރި ހިރިގަލު ޒިޔާރަތްތަކާއި މަހާނަ ގާތައް ސާފުުކުރުން. މިސްކިތަށް ޤަވާއިދުން ކަތުރުފަނީގެ ޓްރީޓްމެންޓް ދިނުން. ސަގާފީ ތަރިކަ މަރުކަޒާއި ސްޓެލްކޯއާ ގުޅިގެން ޤަވާއިދުން މުއްނާރު ސާފުކޮށް އުވަލުން. ހުކުރު މިސްކިތުގެ ލާގެއާއި އެތެރޭގެ ޓެކްނިކަލް އެސެސްމެންޓު ހަދައި ނިންމުން. މަރާމާތުކޮށް އާބާތުރަ ފިލުވުމަށް މާލޭ ހުކުރު މިސްކިތް 2019ގެ ސެޕްޓެމްބަރު މަހު ވަގުތީ ގޮތުން ބަންދުކުރިއެވެ. އެއީ ވަރަށް ގަދައަށް ކަތުރުފަނި އަޅައި، މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެ ކަންކަން ރަނގަޅު ކުރުމަށެވެ. ކުރީ ސަރުކާރުގައި 2019ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ ހުކުރު މިސްކިތް މަރާމާތު ކުރުމުގައި އެހީތެރިކަން ދެއްވުމަށް ވެސް ނިންމަވައިފައެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ. ޔުމްނާ ވިދާޅުވީ، ކޮވިޑު 19ގެ ހާލަތުގައި އެކި ފަހަރު މަތިން އެ މަސައްކަތް ހުއްޓައިލަން ޖެހުނަސް އިންޑިޔާއިން ޓީމުތައް ގެނެސް އެސެސްމެންޓުތައް ހަދައި، މަޝްރޫއަށް ބޭނުންވާ ތަކެތި މާލެ ވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެ މިސްކިތުގެ ބޭރުގެ ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. "މިސްކިތުގެ ލާގެއާ އެތެރޭގެ ޓެކްނިކަލް އެސެސްމެންޓު ނިންމައި، އަމަލީ މަސައްކަތް ނުފެށެނީސް ސަރުކާރު ބަދަލުވީ. ސަރުކާރު ބަދަލުވިފަހުން ހުކުރު މިސްކިތުގެ މަޝްރޫޢު ހުއްޓި، އެއްވެސް މަސައްކަތެއް ނުހިނގާ،" ޔުމްނާ ވިދާޅުވިއެވެ. https://x.com/yumna_maumoon/status/1912478868952477908 މި ސަރުކާރުގައި ހުކުރު މިސްކިތުގެ މަސައްކަތް އެއްކޮށް ހުއްޓިފައި އޮންނާތީ ޔުމްނާ ގެންދަވަނީ ދޭތެރެއަކުން އެ ކަން ސަރުކާރުގެ ސަމާލު ކަމަށް ގެންނަވަމުންނެވެ. މާލޭ ހުކުރު މިސްކިތް ބިނާކޮށްފައިވަނީ 1656 ވަނަ އަހަރެވެ. އެއީ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މިސްކިތް ވެސްމެއެވެ. ހިރިގަލުން ހަދާފައިވާ ހުކުރު މިސްކިތަކީ ދިވެހީންގެ މަސައްކަތްތެރިކަން ވަރަށް ބޮޑަށް ފެންނަން ހުރި ތަނެކެވެ. ހިރިގަލުގައި ކަނޑައިގެން ކުރަހާފައިވާ ކުރެހުންތަކާއި ލިޔެލާޖެހުމާއި މޮޅު ވަޑާމަކީ އެ މިސްކިތުގެ ޚާއްސަ ސިފަތަކެވެ. މި މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖްގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 2008 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ