ދުނިޔޭގެ އެންމެ މީހުން ނުދާ ގައުމުގައި ފުރަތަމަ އޭޓީއެމް ބަހައްޓައިފި
މުޅި ދުނިޔެއިން ވެސް އެންމެ މަދުން މީހުން ޒިޔާރާތް ކުރާ ގައުމު ކަމަށްވާ ޓުވާލޫގައި ފުރަތަމަ ފަހަރަށް އޭޓީއެމް މެޝިނެއް ބަހައްޓައިފިއެވެ. ޕެސިފިކް ކަނޑުގައި އޮސްޓްރޭލިއާ އާއި ހަވާއީ އާ ދެމެދު އޮންނަ މި ގައުމަކީ ދުނިޔެއިން އެންމެ ވަކިވެފައި އޮންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ގައުމު ކުޑަ ވެފައި އެހެން ގައުމުތަކާ ދުރުގައި އޮތުމުގެ ސަބަބުން މި ގައުމަކީ ގިނަ ބަޔަކަށް ޒިޔާރާތް ކުރުމަށް ފަސޭހަ ގައުމެއް ނޫނެވެ. އަދި އޭގެ އިތުރުން މި ގައުމަކީ ގިނަ ބަޔަކު ދާން ވެސް ބޭނުންވާ ގައުމަކަށް ނުވެއެވެ. ޓުވާލޫ އަކީ އެންމެ ތަރައްގީ ގައުމަށް ނުވާތީ އެކި ކަހަލަ ޚިދުމަތްތަކަކީ ރަށުން ހޯދަން ނުލިބޭ ޚިދުމަތްތަކެކެވެ. އޭގެތެރެއިން އެއް ޚިދުމަތަކީ އޭޓީއެމްގެ ޚިދުމަތެވެ. ނަމަވެސް ނިމިގދިޔަ ހަފުތާގައި އެގައުމުގައި ފުރަތަމަ އޭޓީއެމް ވަނީ ގާއިމްކޮށްފައެވެ. ޓުވާލޫގެ ފުރަތަމަ އޭޓީއެމްއެއް ތައާރަފުކޮށްފައި ވަނީ އެގައުމުގެ މައި އެއް ރަށް ކަމަށްވާ ފުނަފުޓީއަށެވެ. ފުނަފުޓީއަށް ފުރަތަމަ އޭޓީއެމް ތައާރަފުކުރިކަން ވަނީ ހާއްސަ ރަސްމިއްޔާތަކާއެކު ފާހަގަކޮށްފައެވެ. އެގައުމުގެ ގައުމީ ބޭންކުގެ ޖެނެރަލް މެނޭޖަރު ސިއޯސީ ޓިއޯ ހާމަކޮށްފައިވާ ގޮތުގައި މިއީ އެގައުމު އިގުތިސޯދީ ގޮތުން ދުނިޔެއާ ގުޅުވާލުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. އަދި މިއީ އިގުތިސޯދީ ގޮތުން ރައްޔިތުން ބާރުވެރިކުރުމަށް ވެސް އެޅޭ ބޮޑު ފިޔަވަޅެއް ކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ. ޓުވާލޫ އަކީ 11،200 ރައްޔިތުން ދިރިއުޅޭ ގައުމެކެވެ. ޓުވާލޫގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމަކީ ފަތުރުވެރިންނަށް އެންމެ އެކުވެރި މަންޒިލަކަށް ނުވެއެވެ. އެގޮތުން 2023ވަނަ އަހަރުގައި ވެސް އެގައުމަށް ޒިޔާރާތް ކޮށްފައިވަނީ އެންމެ 3،000 ފަތުރުވެރިން ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ