ވޯލްޑް ބޭންކުން ސީރިއާއަށް ނަގާފައިވާ ދަރަނިތައް ދެއްކުމަށް ސައުދީ އަރަބިއްޔާއިން ނިންމާފައިވާ ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ ތިން މީހަކު ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ކަމަށް އެ އެޖެންސީން މިއަދު ބުނެފި އެވެ.
އެއާ އެކު ވީރާނާވެފައިވާ ސީރިއާ އަލުން އާރާސްތުކޮށް، އާންމު ހިތުމަތްތައް އަލުން ރުޖޫއަކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގު ތަނަވަސް ވާނެ ކަމަށް އެކި މަސްދަރުތަކުން ބުނެ އެވެ.
މީގެ ކުރިން ރިޕޯޓްކޮށްފައި ނުވާ މި ޕްލޭންތަކަކީ ސީރިއާގެ އޭރުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން އިސްލާމީ ހަނގުރާމަވެރިން ވައްޓާލި ފަހުން ސައުދީން ސީރިއާއަށް ފޯރުކޮށްދޭ ފުރަތަމަ އެހީ އެވެ.
މީގެ އިތުރުން، ސީރިއާއަށް ގަލްފުގެ އަރަބިންގެ މުހިންމު އެހީތެރިކަން ކުރީގެ ރޭވުންތަކަށް ފަހު ހަގީގަތަކަށް ވާން ފަށާފައިވާ ކަމުގެ ނިޝާނަކަށް ވެސް ވެދާނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، މުސާރައަށް ހަރަދު ކުރުމަށް ގަތަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ވެސް ހިމެނެ އެވެ.
މިދިޔަ މަހު ގަތަރުން ވަނީ ސީރިއާއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އުރުދުން މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
ސައޫދީގެ ފިނޭންސް މިނިސްޓްރީގެ ތަރުޖަމާނަކު ރޮއިޓާސްއަށް ވިދާޅުވީ އެ ބޭފުޅުން ތޯތޯކޮށް ދައްކާ ވާހަކަތަކަށް ކޮމެންޓެއް ނުކުރައްވާ ކަމަށާއި ނަމަވެސް އެކަން ރަސްމީވެއްޖެ ނަމަ އިއުލާނުކުރައްވާނެ ކަމަށެވެ.
ވޯލްޑް ބޭންކަށް ސީރިއާ އިން ލިބެންޖެހޭ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ބައިނަލްއަގުވާމީ އިދާރާތަކުގެ ހިލޭ އެހީ އާއި އެ ނޫން ފައިސާ ލިބޭނީ އެ ދަރަނި ދެއްކުމުންނެވެ.
ސީރިއާގެ ވޯލްޑް ބޭންކުގެ ދަރަނިތައް ސައުދީން ދައްކައިދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ