ބާސާއިން 28 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން 28 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ބާސާއިން ކާމިޔާބުކޮށްފައިވަނީ އެސްޕަންޔޯލާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްގެންނެވެ. މި ކާމިޔާބީއާ އެކު ލީގުގައި މިހާރު ބާކީ ދެ މެޗު އޮތްއިރު ބާސާއިން މިވަނީ ދެވަނައިގައި އޮތް މިދިޔަ ސީޒަންގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މިހާރު ރެއާލަށް ބާސާއާ އަރާ ހަމަކުރުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ބާސާއިންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް، މި ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ޚާއްސަކޮށް އެސްޕަންޔޯލްއަށް ލިބުނު ދެ ފުރުސަތެއް ފާހަގަވިއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ލަމީން ޔަމާލްވަނީ ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ނަގައިދީފައެވެ. މި މެޗުގެ 80 ވަނަ މިނެޓުގައި ޔަމާލްއަށް ކުރި ފައުލަކާ ގުޅިގެން އެސްޕަންޔޯލްގެ ލެއާންޑްރޯ ކަބްރޭރާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ބާސާއިން ކާމިޔާބު ކުރި ދެވަނަ ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފާމިން ލޯޕޭޒެވެ. މި ކާމިޔާބީއާ އެކު ބާސާއިން ވަނީ 28 ވަނަ ފަހަރަށް ލަލީގާގެ ތަށި ކާމިޔާބުކޮށްފައެވެ. ލީގުގައި ބާކީ ދެ މެޗު އޮއްވާ ބާސާއިން ލީގު ކަށަވަރުކުރިއިރު އެ ޓީމު އެއްވަނައިގައި އޮތީ 36 މެޗުން ލިބިފައިވާ 85 ޕޮއިންޓާ އެކުއެވެ. މި ސީޒަންގައި ކޮޕާ ޑެލް ރޭގެ އިތުރުން ސްޕެނިޝް ސުޕާ ކަޕް ވެސް ބާސާއިން ކާމިޔާބުކޮށްފައިވުމުގެ ސަބަބުން ހާންސީ ފްލިކްގެ ކޯޗުކަމުގެ ދަށުން ބާސާ ކުޅޭ ފުރަތަމަ ސީޒަންގައިމިވަނީ ޑޮމެސްޓިކް ހުރިހާ ތައްޓެއް ކާމިޔާބުކޮށްފައެވެ. ލީގު ކާމިޔާބު ކުރުމުގައި ވެސް ރެއާލްގެ މައްޗަށް ކުރި ހޯދިއިރު އަނެއް ދެ ތަށި ކާމިޔާބު ކޮށްފައިވަނީ ވެސް އެ ޓީމުގެ އެންމެ ވާދަވެރި ރެއާލް ބަލިކޮށްގެންނެވެ. މި ސީޒަންގައި މި ދެ ޓީމުގެ މެދުގައި ކުޅުނު އެލް ކްލަސިކޯގެ ހަތަރު މެޗު ވެސް ބާސާއިން ވަނީ ކާމިޔާބުކޮށްފައެވެ. ބާސާއަށް ލަލީގާގެ ތަށި ހަވާލުކުރުން އޮންނާނީ އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ވިޔަރެއާލާ ބައްދަލުކުރާ މެޗަށް ފަހުއެވެ. މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ތިންވަަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި އޮސަސޫނާއާ ބައްދަލުކުރި މެޗުން 2 ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އަދި ރެއާލް ބެޓިސްއާއި ރެއާލް ވަޔަކާނޯ ބައްދަލުކުރި މެޗު 2 ލަނޑު 2 ލަނޑުން އެއްވަރުވީއިރު އެތުލެޓިކް ބިލްބާއޯއާއި ގެޓާފޭ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބިލްބާއޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ