ލާމަރުކަޒީ ނިޒާމުގެ އަގުވައްޓައިލަން ރައީސް ދައްކަވާ ވާހަކަތައް ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓައިލަން ރައީސް ދައްކަވާ ވާހަކަތައް ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފި

ލާމަރުކަޒީ ނިޒާމަށް ކުޑައިމީސް ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވަނީ ކައުންސިލަރުން އިންތިހާބު ކުރުމުގެ ބާރު ރައްޔިތުންގެ އަތުން އަތުލައި ކައުންސިލަރުންނަކީ އައްޔަނުކުރާ ބަޔަކަށް ހެދުމުގެ ހީލަތްތެރި ރޭވުމުގެ ދަށުން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ލާމަރުކަޒީ ނިޒާމު ހިންގަން ހުރި ދަތިތަކުގެ ވާހަކަ ދައްކަވަމުން ގެންދިޔުމަށްފަހު، ވެރިކަން ލިބިވަޑައިގަތުމުން ތަފާތު އެކި ތަންތަނުގައި ލާމަރުކަޒީ ނިޒާމަށް ކުޑައިމީސް ވާގޮތަށް ރައީސް މުއިއްޒު ވާހަކަދައްކަވަމުން ދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެގޮތުން ޑިމޮކްރެޓްސް އިން ވަނީ 'ރައްޔިތުންނާއެކު' ޕޮޑްކާސްޓުގައި އިއްޔެ ރައީސް ދެއްކެވި ވާހަކަ އާއި ޖުމްހޫރީ ދުވަހު ރައީސް ދެއްކެވި ވާހަކަ ފާހަގަކޮށްފަ އެވެ.
އިއްޔެ ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީ، ބްލޮކް ގްރާންޓު ނަގައިގެން ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށެވެ. ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓު ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ ހޭދަކުރަނީ ބެލޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށާއި އެކަމުގައި ފިނޭންސް މިނިސްޓްރީގެ ދައުރެއް ބޭއްވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ،" ރައީސް ވިދާޅުވި އެވެ.
އެ ދަތުރުތައް ކައުންސިލްތަކުން ދަނީ "އަމިއްލަ އުފަލަށް" ކަމަށް ރައީސް ވިދާޅުވި އެވެ. ބައެއް ކައުންސިލްތަކުން އެ ގްރާންޓު ހަރަދު ނުކޮށް ބަހައްޓާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ދައުރު ނިމޭއިރުގައި، ބްލޮކް ގްރާންޓް ސޭވްކުރަން އެބަ ބޭނުންވޭ. ހަރަދު ނުކޮށް ބަހައްޓަން. ބްލޮކް ގްރާންޓް މިއީ، ގާނޫނުގައި، ލާމަރުކަޒީ ގާނޫނުގައި، ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައި އޮތް ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާ. ވަރަށް ގިނަ ޒިންމާތައް ހުންނާނެ. އެ ކަންކަން ކުރަންދޭ ފައިސާ ވެސް ހަރަދުނުކޮށް، ބެންކޮކަށް ދިޔުމާއި، ސޭވްކުރުން،" ރައީސް ވިދާޅުވި އެވެ.
"ގާނޫނުގައި ބުނެފައި އޮތް ކަންކަން ކުރަން. އެހެންވީމާ، ސޭވް ވެސް ކުރަނީ. އަނެއްކާ ދަތުރު ވެސް ދަނީ. އަމިއްލަ އުފަލަށް ދަތުރު ދަނީ."
މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސް، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް ރާއްޖެއަށް އެކަށީގެންވާ މިންވަރަކަށް ކުޑަކުރަންޖެހޭ ކަމަށެވެ.
"100 މީހުން ތިބޭ ރަށުގައި ވެސް 5 ކައުންސިލަރުން އެބަ ތިއްބޭ. ކައުންސިލްގައި ތިބެނީ. ބައްޕަ އާއި މަންމަ އާއި ދަރިންނާ. އެކަކު ދަނީ މަހަށް. އެއީއެއް ނޫން އަޅުގަނޑުމެން ބޭނުންވާ ގޮތަކީ," ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް ކުޑައިމީސް ވާގޮތަށް ރައީސް ވާހަކަދެއްކެވުމުގެ އިތުރުން އެމަނިކުފާނު ކޮންޓްރޯލް ކުރައްވާ ބައެއް މަޖިލިސް މެންބަަރުން ލައްވައި، ކުރިން ކަތީބުން ތިބިއިރު، މާ ރަނގަޅު ކަމަށް ބުނެ ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށް ވެސް ޑިމޮކްރެޓްސްއިން ބުންޏެވެ.
އެ ޕާޓީން ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ވެވަޑައިގެންނެވި ވައުދުތައް ހަނދާން އާކޮށްދީ އެ ވައުދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް އެމަނިކުފާނަށް ނަސޭހަތްތެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ