މިދިޔަ ޑިސެމްބަރު މަހު، ހދ. ކުޅުދުއްފުށި ސިޓީގައި، ގައުމީ ބީޗްހޭންޑްބޯޅަ ޓީމު އެކުލަވާލުމުގެ މަސައްކަތްތައް ފެށިގެންދިޔައިރު، ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ރަށެއްގައި ގައުމީ ޓީމެއް އެކުލަވާލުމުގެ ކަންކަން ކުރާތީ، އެކި ޝުއޫރުތައް ފާޅުކޮށް، ތަފާތު ގޮތްގޮތަށް ވާހަކަތައް ދިޔަ އެވެ. އެ ހުރިހާ ކަމަކަށް ބެލުމެއް ނެތި، ހޭންޑްބޯޅައިގެ ގައުމީ ޖަމިއްޔާ، ހޭންޑްބޯލް މޯލްޑިވްސް އިން ނިންމީ، ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު، އާސިމް ރަޝީދުގެ ބެލުމުގެ ދަށުން ކުޅުއްދުށީގައި ބީޗްހޭންޑްބޯޅަ ގައުމީ ޓީމުގެ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރުމަށެވެ.
އެންމެ ފުރަތަމަ ގައުމީ ބީޗްހޭންޑްބޯޅަ ޓީމު އެކުލަވާލީ، ފެބްރުއަރީ މަހު ޕާކިސްތާންގައި ކުރިއަށްދިޔަ، ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތަކަށެވެ. އެކަމަކު، ފަހު ވަގުތު އެ މުބާރާތް ނުކުޅެވޭ ގޮތް ދިމާވުމުން، ބީޗްހޭންޑްބޯޅަ ޓީމުގެ މަސައްކަތްތައް ކުރިއަށްގޮސް، މި މަހު، އޮމާންގެ މަސްކަޓުގައި ބޭއްވި އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން، ސްޕޯޓްސް މިނިސްޓްރީގެ އެހީތެރިކަމާ އެކު، ހޭންޑްބޯލް މޯލްޑިވްސް އިން ނިންމި އެވެ.
ކޯޗު އާސިމްއާ އެކު، ޕްލޭނެއްގެ ދަށުން ބީޗްހޭންޑްބޯޅަ ރާއްޖޭގައި ކުރިއަށްގެންދިއުމަށް، އޭޝިއާ ބައްރުގެ މުބާރާތަށް ރާއްޖެ ނުކުތީ، ބީޗްހޭންޑްބޯޅައިގެ ވަރުގަދަ ބާރުތައް ހިމެނޭހެން، އަށް ގައުމަކާ ވާދަކުރުމަށެވެ.
އެ ގޮތުން، އޭޝިއާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި، ރާއްޖޭން، ފުރަތަމަ މެޗުގައި އޮމާން އަތުން ބަލިވީ، 2-0 އިންނެވެ. އެއީ، 22-08، 22-06 އިން ސެޓުތައް ނިމިގެންނެވެ. ދެ ވަނަ މެޗުގައި، ސައުދީ އަރަބިއްޔާ އަތުން 2-0 އިން ބަލިވިއިރު، އެ މެޗުގެ ސެޓުތައް ދިޔައީ، 20-12، 18-08 އިންނެވެ. ގްރޫޕްގެ ތިން ވަނަ މެޗުގައި، ހޮން ކޮންގް އަތުން 2-0 އިން ބަލިިވިއިރު، ސެޓުތައް ނިމިފައިވަނީ، 18-12، 20-14 އިންނެވެ.
ރޭންކިން ކަނޑައެޅިއިރު، ގަދަ އަށް ޓީމުގެ ތެރޭގައި ރާއްޖެ ހިމެނޭތީ، ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިގެންދިޔަ އެވެ. ކުއާޓާ ފައިނަލުގައި ރާއްޖެ ނުކުތީ، ވަރުގަދަ އީރާނާ ދެކޮޅަށެވެ. އެ މެޗުން، 2-0 އިން ބަލިވިއިރު، ސެޓުތައް ދިޔައީ، 14-08، 32-15 އިންނެވެ.
އޮމާންގެ މަސްކަޓުގައި ކުރިއަށްދިޔަ އޭޝިއަން ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރި ޓީމާއި ރާއްޖޭގެ ކޮންޓިންޖެންޓް.--- ފޮޓޯ: ނަވާޒް އައްސަދު/ ހޭންޑްބޯލް މޯލްޑިވްސް
ރޭންކިން ބުރުގައި، ސައުދީ އަރަބިއްޔާ އަތުން ރާއްޖެ 2-0 އިން ބަލިވިއިރު، ސައުދީން ސެޓުތައް ގެންދިޔައީ، 21-18، 14-11 އިންނެވެ. އޭގެ ފަހުން، އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު، ދެން ރާއްޖޭން އިއްޔެ ވަނީ، ހޮން ކޮންގާ ދެކޮޅަށް ރޭންކިން މެޗު ކުޅެގެން ކާމިޔާބު ހޯދައިފަ އެވެ. ހޮން ކޮންގް އަތުން ރާއްޖެ މޮޅުވީ، ދެ ޓީމު އެއްވަރުވެ، ޝޫޓްއައުޓަށް ގޮސްގެންނެވެ. ފުރަތަމަ ސެޓު، 14-22 އިން ހޮން ކޮންގް ގެންގޮސްފައިވަނިކޮށް، ރާއްޖޭން ދެ ވަނަ ސެޓު، 21-17 އިން ގެންގޮސް އެއްވަރުކުރި އެވެ. ނަތީޖާ ނެރުނު ޝޫޓްއައުޓްގައި، ރާއްޖެ މޮޅުވީ 9-8 އިންނެވެ.
މުބާރާތް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން ކޯޗު، އާސިމް އާއި ކެޕްޓަން އަހުމީމް އަލީ އަދި، އެސިސްޓަންޓް ކޯޗު، މުހައްމަދު އިހުސާން ވަނީ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.
އެ ގޮތުން، އޭޝިއާގެ ނުވަ ގައުމެއް ވާދަކުރި މުބާރާތުން އެއްވެސް ތަޖުރިބާއެއް ނޫނީ ފަރިތަކުރާނެ މެޗުތަކެއް ނުލިބި ރާއްޖޭން ހަތް ވަނަ ހޯދުމަކީ ކާމިޔާބެއްގެ ގޮތުގައި ޓީމުން ފާހަގަކުރެ އެވެ. އަދި، ކުޅުދުއްފުށި ސިޓީގައި ގައުމީ ބީޗްހޭންޑްބޯޅައިގެ ކަންކަން ކުރިއަށްދިޔަ ގޮތާ މެދު އިންޑޯ ހޭންޑްބޯޅައިގައި އުޅޭ އެކި ފަރާތްތަކުން އެކި ކަހަލަ ޝުއޫރުފާޅުކުރާތީ، އުނދަގޫ މާހައުލެއްގައި ކަންކަން ކުރަން ޖެހުނު ނަމަވެސް، ޓީމު ފޯކަސް ގެއްލުވައިނުލައި ކުރި މަސައްކަތް ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ހޭންޑްބޯޅައިގެ ބެލެނިވެރިފަރާތް، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ފާހަގަކުރި ގޮތުގައި، ސަރުކާރުގެ އެހީތެރިކަމާ އެކު، ހޭންޑްބޯލް އެސޯސިއޭޝަންގެ ލީޑަޝިޕުން ކުޅުދުއްފުށީގައި މިކަންކުރަން ނެގި ރިސްކުގެ ސަބަބުން، ހިތްވަރު ހޯދައި، ޓީމު މެޗުން މެޗަށް ކުރިއެރުން ހޯދިކަމަށެވެ.
އަދި، ވާދަކުރި ވަރުގަދަ ޓީމުތަކުގެ ކޯޗުން ވެސް ރާއްޖެ ޓީމުގެ މަސައްކަތާއި ކުރިއެރުމުގެ ވާހަކަ ވަނީ ދައްކައިފަ އެވެ. އެ ގޮތުން، ރާއްޖެ ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަކަން އޮމާން، ފިލިޕީންސް އަދި ޕާކިސްތާންގެ ކޯޗު ވަނީ ފާހަގަކޮށްފަ އެވެ.
ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން ފާހަގަކުރާ ގޮތުގައި، މިއީ ކުޅިވަރު ޑީސެންޓްރަލައިޒްކޮށް، ރަށްރަށަަށް ލިބޭ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރާއި ކުޅިވަރުގެ އިސް ވެރިން ކުރާ މަސައްކަތަށް ލިބިގެންދިޔަ މޮޅެއް ކަމަށެެވެ.
އޭޝިއާ މުބާރާތުން ގައުމީ ބީޗްހޭންޑްބޯޅަ ޓީމަށް ތާރީހީ ކާމިޔާބެއް އޭޝިއާ މުބާރާތުން ގައުމީ ބީޗްހޭންޑްބޯޅަ ޓީމަށް ތާރީހީ ކާމިޔާބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ