ޕާކިސްތާނުގައި ތިބި ދިވެހިންނަށް އެހީތެރިވާން ސަރުކާރުން އޮތީ ތައްޔާރީ ހާލަތުގައި ޕާކިސްތާނުގައި ތިބި ދިވެހިންނަށް އެހީތެރިވާން ސަރުކާރުން އޮތީ ތައްޔާރީ ހާލަތުގައި

ޕާކިސްތާނާއި އެ ގައުމުގެ އަވައްޓެރި އިންޑިއާއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި، ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވާންޖެހިދާނެ ހާލަތަކަށް ދިވެހި ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން މިރޭ ބުނެފި އެވެ.
އިންޑިއަން ކަޝްމީރަށް ދިން ޓެރަރިސްޓު ހަމަލާއަކަށްފަހު އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމުން ދެ ގައުމުގެ ދެމެދުގައި ދަނީ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާނުގެ 31 މަދަނީން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެ އެވެ.
އެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގައި ދިރިއުޅޭ ބައެއް ދިވެހިންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، ސަރުކާރުގެ އެހީއަށް ވަނީ އެދިފަ އެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީއިން މިއަދު ބުނީ ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މި މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މިދަނީ ވަރަށް ގާތުން ބަލަމުން. އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިގެންދަނީ ކުރަމުން،" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ޕާކިސްތާނުގެ ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް އާންމު ހާލަތެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. ނަމަވެސް ހާލަތު ގޯސްވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
"ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވޭ،" ކޮމިޝަނުން ބުންޏެވެ. "ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާ ނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން."
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނަށް ފޮރިން މިނިސްޓްރީއިން އިލްތިމާސް ކުރީ، ދަތުރުފަތުރު ކުރާއިރު ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅުމަށެވެ.
"މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން،" ފޮރިން މިނިސްޓްރީއިން ބުންޏެވެ.
ޕާކިސްތާނާއި އިންޑިއާއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި އިންޑިއާގެ ދެ ފައިޓާ ޖެޓު ވަނީ ޕާކިސްތާނުން ވައްޓާލައިފަ އެވެ. އަދި އިންޑިއާގެ 29 ޑްރޯނަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ