މިފެންނަނީ އިސްލާމް ދީނަށް އެންމެ ބޮޑަށް ހުރަސްތައް ކުރިމަތިކުރުވާ ޤައުމުތަކުގައި އިސްލާމް ދީން އެންމެ ބާރަށް ކުރިއަރާތަނެވެ. އެކަމަށް ހަސަދަވެރިވާވަރަކަށް ކުރިއެރުން އިތުރުވާތަނެވެ.
މިއީ ކޮންމެ މުސްލިމަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. ވިސްނާނަމަ ދީނަށް ލޯބިއިތުރުވެގެންދާނެއެވެ. އިން ޝާ ﷲ. އެކަމުގެ ޙަޤީޤަތް، އެކަންވުމަށް މެދުވެރިވާ ސަބަބު ތިރީގައިވާ ލިޔުމުން ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ. އިން ޝާ ﷲ
ކޮންމެ ޙާލަތެއްގައިވެސް އިސްލާމް ދީނަށް ފުރައްސާރަކުރާނެ ދެބައަކު ވެއެވެ. އެއިގެ ތެރެއިން އެއްބައަކީ އެބައިމީހުންނަށް ކިތަންމެ ފުރިހަމައަށް އިސްލާމް ދީން އެނގިފައިވީނަމަވެސް ފުރައްސާރަކުރާނެ މީހުންނެވެ. އެމީހުން ދިރިއުޅޭ ގެއާއި އިންވެގެން ރަސޫލް ﷺ ދިރިއުޅުއްވެވިނަމަވެސް އެމީހުންގެ އެ ޢަމަލު ނުހުއްޓުވޭނެއެވެ. އެއީ އަބޫލަހަބުގެ ދަރިކޮޅުގެ މީހުންނެވެ.
އަނެއްބައަކީ އިސްލާމް ދީނުގެ ޙަޤީޤަތް ނުއެނގިތިބެ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނެވެ. އެމީހުން ފުރައްސާރަކުރަނީ އިސްލާމުންގެ ތެރޭގައި ތިބޭ މޮޔަ ޢަމަލުކުރާ މީހުން ކުރާ އަމަލުތައް ފެނުމުން އެމީހުން އެ އަމަލު އެކުރަނީ އިސްލާމް ދީނުގައި ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރިކަމަށް ޤަބޫލުކުރެވިގެންނެވެ.
މިފަދަ މީހުންނަކީ ޙަޤީޤަތުގައި އިސްލާމް ދީނަށް ފުރައްސާރަކުރާ ބައެއް ނޫނެވެ. އެމީހުންނަކީ މިބުނި ފަދަ މޮޔައަމަލުކުރާ މީހުންނަށް ފުރައްސާރަކުރާ ބައެކެވެ.
ރަސޫލް ﷺ ގެ ޒަމާނުގައި ބައަކު އިސްލާމް ދީނަށް ހަސަދަވެރިވެ ފުރައްސާރަކުރީ އެއިރު ހުރި ނުބައި ޢާދަތައް އިސްލާމް ދީނުގައި މަނާކުރައްވަވާތީއެވެ. ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު ހައްދަވާތީއެވެ. ބަނގުރަލާއި ފާހިޝް ޢަމަލުތައް މަނާކުރެއްވެވުމުންނެވެ. އަދުލު އިންޞާފް ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރެއްވެވީތީއެވެ. އެއްވެސް މީހަކީ މަތިވެރި މީހެއް ނޫންކަމާއި އަޅުންނާއި ޞާޙިބުންވެސް އިސްލާމް ދީނުގައި ހަމަހަމަވެގެންވުމުންނެވެ.
މިކަންކަމަކީ ޤުރައިޝުންގެ މެދުގައި އެއިރު ޢާންމެވެފައިހުރި ކަންކަމެވެ. ރަސޫލް ﷺ އާއި ޞަހާބީން ގެންދެވީ އެކަންކަމާއި ދެކޮޅަށް ވަކާލާތުކުރައްވަވަމުންނެވެ. އެއިގެ އިތުރުން އެއީ ބާޠިލު ކަންކަންކަމުގައި އެބޭކަލުންގެ ޢަމަލުފުޅުތަކުން ދައްކަވަމުންނެވެ. ޤުރައިޝުން ރުޅިގަދަވަމުން ދިއައީ މިކަންކަމުގެ ސަބަބުންނެވެ.
މިއަދުވެސް މުސްލިމުންނާއި ދެކޮޅަށް އެތައް ބައަކު އެބަތިއްބެވެ. ހަމަ އެއް ސަބަބުތަކަށްޓަކައެވެ. އިސްލާމް ދީނުގައި ހުރި ރަނގަޅު ސިފަތަކާއި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. މީސްތަކުންނަށް ފައިދާއެއް ނުކުރާނެ ގެއްލުން ދެނިވި ކަންކަން މަނާކުރާތީއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މުސްލިމުން ކަމުގައި ނުވިނަމަވެސް އިސްލާމް ދީނުގައިވާ ފުރިހަމަ ސިފަތައް އެނގޭ އެންމެންވެސް އިސްލާމް ދީނަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގައި "ޗެމްޕިއަނުން"ކަން ޤަބޫލުކުރެއެވެ. އެންމެ ފުރިހަމަ ނިޒާމް އޮތީ އިސްލާމް ދީނުގައިކަންވެސް ޤަބޫލުކުރެއެވެ.
- ނޫމާން ޢަލީ ޚާން ގެ ދަރުސަކުން
އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާއިރުވެސް އެންމެ ބާރަށް ކުރިއަރަމުންދާ ދީނަކީ އިސްލާމްދީން! ސަބަބަށް ވިސްނާނަމަ ދީނަށް ލޯބިއިތުރުވާނެ!: އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ