ރޯދަ މަހަކީ ވިޔަފާރީގެ ފައިދާ އިތުރަށް ހޯދާ މަހަކަށް ނުހަދާ

ރޯދަ މަހަކީ ވިޔަފާރީގެ ފައިދާ އިތުރަށް ހޯދުމުގެ މަހަކަށް ނުހެދުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
ހުތުބާގައި ބުނީ ހުކުރު ޚުޠުބާގައި ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ރޯދައިގެ ޝަރުޢީ ޙުކުމްތައް ދެނެގަތުން ކަމަށާއި އަދި ރޯދަހިފަން ޖެހޭ ގޮތަށް ރޯދަ ނުހިފާނަމަ، ރޯދައިގެ މަތިވެރި ސަވާބާއި ދަރުމައެއް ނުލިބޭނެ ކަމަށެވެ.
މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ އަހަރެމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވެގެންވާ ހާލު މި މަތިވެރި މައްސަރާ ބައްދަލުކުރުން ކަމަށާއި މި ބަރަކާތްތެރި މައްސަރުގެ ދުވަސްތަކާ ކުރިމަތިލާންވާނީ، ފުރިހަމަ އީމާންކަމާއެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ހާލުގައި ކަމަށް ޚުތުބާގައި ބުންޏެވެ.
"އަހަރެމެން ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އައުކުރުމާއި ކާބޯތަކެތި ގަނެ ޖަމާކުރުމަކުންނޫން. އެ ކަންކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން. ނަމަވެސް ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި، އިސްރާފުކުރާ މީހުން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއް،" ޚުތުބާގައި ބުންޏެވެ.
ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހެދުމަށާއި އޭގެ ބަދަލުގައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
"ރަމަޟާން މަހަކީ، ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ނުހަދާ! އޭގެ ބަދަލުގައި، ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރޭ! ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މުވައްޒަފުންނަށް، މި މަތިވެރި މައްސަރުގެ މަތިވެރި ދަރުމަ ލިބޭނޭ ގޮތަށް، އަޅުކަމަށް ފުށުނާރާނޭހެން، މަސައްކަތުގެ މާހައުލު ބައްޓަންކުރޭ،" ހުތުބާގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ