ހާއްސަ ގާނޫނެއް ނެތި ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި ހާއްސަ ގާނޫނެއް ނެތި ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ގައުމީ ހިދުމަތުގެ ޕްރޮގްރާމް ކުރިއަށް ގެންދަން ހާއްސަ ގާނޫނެއް އެކުލަވާނުލައި، އެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އުމުރުން 16 އަހަރު ފުރި، 28 އަހަރު ނުފުރޭ ޒުވާނުންނަށް އަސްކަރީ ތަމްރީނު ދިނުމަށްޓަކައި ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖޫން 1، 2025 ވަނަ ދުވަހުގެ 12:00 އެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމު ފަށާނެ ކަމަށް، މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވުމަށް ފަހު ވިދާޅުވީ "މި ޕްރޮގްރާމު ވެގެންދާނީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން" ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ.
ނަމަވެސް އެފަދަ ގާނޫނެއް ނެތެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކުރެވޭ ފަރާތްތައް ހޮވާނީ މެޑިކަލް އެސެސްމަންޓެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް، ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައި ވެ އެވެ.
ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދޭނެ ކަމަށް އެ އިއުލާނުގައި އޮތަސް، އެއީ ކިހާ ވަރެއްކަން ނެތެވެ. އަދި ތަމްރީންގެ މުއްދަތެއް ވެސް ނެތެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ނޮވެމްބަރު 3، 2024 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ އެ ޕްރޮގްރާމުގައި އުމުރުން 16 އަހަރު ވުމަށް ފަހު، އޯ ލެވެލް ނިންމުމަށް ފަހު، ނުވަތަ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް ބައިވެރިވެވޭނެ ކަމަށެވެ.
އެ ޕްރޮގްރާމުގައި ނިންމައި ސިފައިންގެ މީހަކަށް ނުވަތަ ފުލުހަށް ވަދެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ދަށުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެއަށް ހަތަރު ހާސް ކުދިން، އަދި ފުލުހުންނަށް އެއްހާސް ކުދިން އިތުރު ވެގެންދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ