ސީރިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަނީ

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އެދިވަޑައިގަތުމުގެ މަތިން ސީރިއާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
މިއީ އެމެރިކާގެ ސިޔާސަތަށް އައި ވަރަށް ބޮޑު ބަދަލެކެވެ.
ޓްރަމްޕް މިއަދު ސައުދީ އަރަބިއްޔާގައި ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާއާ އެކު ވަގުތުކޮޅަކަށް ބައްދަލުކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.
"ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އަޅުގަނޑު އަންގާނަން، އެ މީހުންނަށް ފުރުސަތެއް ދިނުމުގެ ގޮތުން،" މެދުއެރުމަތީގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވަމުން ސައުދީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ޓްރަމްޕް ވިދާޅުވި އެވެ.
"މިއީ އެ މީހުންގެ ވިދުން ހޯދުމުގެ ވަގުތު. އެ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށް މި މަސައްކަތް ކުރަނީ."
ޓްރަމްޕް ވިދާޅުވީ ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގަން ނިންމެވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ތުރުކީގެ ރައީސް ތައްޔިބު އުރުދުގާންއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެ ދެ ގައުމުން ވެސް މަސައްކަތް ކުރަމުން އައީ އެ އެ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށެވެ.
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ދުނިޔޭގެ މާލީ ނިޒާމުން ސީރިއާ އެކަހެރިކޮށްފައިވާ އެކަހެރިވުން ނިމި، ސީރިއާގައި ހަރަކާތްތެރިވާ އިންސާނީ އެހީދޭ ޖަމާއަތްތަކުގެ ބައިވެރިވުން އިތުރުވެގެންދާނެ އެވެ. އަދި ބޭރުގެ އިންވެސްޓްމަންޓަށް ފުރުސަތު ތަނަވަސްވެ، ވިޔަފާރީގެ ފުރުސަތު ތަނަވަސްވެ، ގައުމު އާރަސްތު ކުރުމުގެ ދޮރު ހުޅުވިގެންދާނެ އެވެ.
ޝަރާގެ ސަރުކާރާ މެދު އިޒުރޭލުގެ އިތުބާރު ނެތި އޮއްވައި ޓްރަމްޕް މި އެޅުއްވި ފިޔަވަޅަކީ ހައިރާން ކުރުވާ ފަދަ ފިޔަވަޅެކެވެ. އެކަމާ މީގެ ކުރިން އެމެރިކާގެ އޮފިޝަލުންގެ ކަންބޮޑުވުން އޮތެވެ. އިޒްރޭލުގެ އޮފިޝަލުން އަދިވެސް ޝަރާ ސިފަކުރަނީ ޖިހާދީއެއްގެ ގޮތުގަ އެވެ.
ޝަރާ 2016 ވަނަ އަހަރާ ޖެހެންދެން އަލްގައިދާއާ ގުޅުން ބޭއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލައްވާނެ ކަމަށާއި އެ ފިޔަވަޅުތަކަކީ މުހިންމު ފިޔަވަޅެއް ކަމަށާއި ސީރިއާއަށް ކުރިއެރުން ލިބެން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ސީރިއާއާ އެކު އަލުން އާންމު ގުޅުންތައް ގާއިމުކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މި ހަފުތާގައި ސީރިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވާނެ ކަމަށެވެ.
އަސަދުގެ ޒައާމަތުގައި ސީރިއާ އޮތީ އަވަށްޓެރި އިޒުރޭލާ އިދިކޮޅަށް ހަމަނުޖެހުން އުފެދި، އީރާނާއި ރަޝިއާއާ އެކު ވަރުގަދަ ގުޅުމެއް ދަމަހައްޓައިފަ އެވެ. އަދި ހުޅަނގުގެ ގައުމުތަކާ އެކު އޮތީ ހަލަބޮލި ގުޅުންތަކެކެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ކޮންޓްރޯލް ކުރަމުން އަންނަ ގޯލާން ހައިޓްސް ކައިރީގައިވާ ސޫރިޔާގެ ސަރަހައްދު ހިފައި ކޮންޓްރޯލް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ