އޮޅުވާލަން ނޫޅުއްވާ، މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރާނެ

ކިތަންމެ ވަރަކަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރިޔަސް މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރައްވާނެ ކަމަށާ އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކަމުގެ ޔަގީންކަން ދެއްވީ މިއަދު ހެނދުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ ނޫސްވެެރީންގެ ބައްދަލްވުމުގަ އެވެ.
އެމްއެމްއޭ އިން ހުޅުމާލެ އިން ބޮޑު ބިމެއް ގަނެ އިގްތިސާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ނެރެން ތައްޔާރުވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި އެއީ ފައިސާ ޗާޕު ކުރުން ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރައީސް ވިދާޅުވީ އެފަދަ ކަމެއް ކުރަން ސަރުކާރުން ވެސް އަދި އެމްއެމްއޭ އިން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި ބިމެއް ގަތުމުގެ މުއާމަލާތް ކުރަން އެމްއެމްއޭ އިން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ބައްލަވާނެ ކަމަށެވެ.
Advertisement
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ޔަގީންކަން ދެއްވީ މި ދައުރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރައްވާނެ ކަމެވެ.
"ފައިސާ ޗާޕުކުރުމުގެ ކަމެއް ކުރާކަށް ސަރުކާރަކުން އަދި އެމްއެމްއޭ އަކުން ވެސް ނުނިންމާ. އަދި ކުރިއަށް އޮތްތާގަ ވެސް ނުނިންމާނެ," ރައީސް ވިދާޅުވި އެވެ.
އަދި ތަކުރާރު ކުރައްވާ ވިދާޅުވީ 'މި ސަރުކާރުން މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރާނެ' ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ