އިޒްރޭލުން ހިންގާ ލާއިންސާނީ ގަތުލުއާންމު ހުއްޓާލުމަކަށް ގެނެސް، ހަމަލާތައް މެދުކަނޑާލުމަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއެކު އެއްބަސްވުމަކަށް އައިތާ ދެ މަސްފަހުން އިޒްރޭލުން އަނެއްކާ ވެސް ހަމަލާތައް ފަށައިފި އެވެ.
ރެއިން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 326 މީހަކު މަރުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. ހަމަލާތަކުގައި ބިމާހަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންނާއެކު މި އަދަދުތައް މަތިވާނެ ކަމަށް ބެލެވެ އެވެ.
މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. މަރުވެފައިވާ ކުޑަކުދިން ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ގާޒާގެ އިރުމަތީ ސަރަހައްދުތައް ދޫކޮށް މެދަށް ދަތުރުކުރުމަށް ގާޒާގެ އާންމުންނަށް އިންޒާރުދެމުންނެވެ. މި އިންޒާރުތަކާއެކު ގިނަ ބަޔަކު ދަނީ އިރުމަތީ އަވަށްތައް ދޫކޮށް ގާޒާގެ މެދު ހިސާބުތަކަށް ދަތުރުކުރަމުންނެވެ.
ހަމަލާތައް ހުއްޓާލަން ސޮއި ކުރި އެއްބަސްވުމާ އިޒްރޭލުން ހިލާފުވުމާއެކު ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި ގިނަ ގައުމުތަކަކުން ދަނީ މިކަން ކުށްވެރިކުރަމުންނެވެ.
އިޒްރޭލުން މިފަހަރު ހަމަލާދޭން ފެށީ ހަމާސް އިން ހަމަލާއެއް ދޭން އުޅޭކަމުގެ ބިރު އޮތް ކަމަށް ބުނެ އެވެ. ނަމަވެސް ހަމާސް އިން ބުނަނީ އެއީ ދޮގެއް ކަމަށާއި އެފަދަ ހަމަލާއަކާ ގުޅޭ އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައިނުވާ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތައް ފަށާފައި މިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެއް މައްސަލައެއްގައި ބަޔާން ނަގަން ކުޑަތަންވެފައިވަނިކޮށެވެ. ހަމަލާތަކާއެކު އެ މައްސަލަ ވަނީ މަޑުޖެހިފަ އެވެ.
ފަލަސްތީނުގެ ބިންތަކަށް މީގެ 75 އަހަރަށްވުރެ ގިނަ ދުވަސްކުރި އިޒްރޭލުން އަރައި ހިންގަމުންދާ ޖެނޮސައިޑުގެ ބާރު ގަދަވީ އޮކްޓޯބަރު، 2023، ގަ އެވެ. އެގޮތުން ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއެއްގެ ބަދަލުގައި ކަމަށް ބުނެ މިއަދާ ހަމައަށް އިޒްރޭލުން ވަނީ ގާޒާއަށް ވައިގެ މަގުންނާއި ބިމުގެ މަގުން އެތައް ހަމަލާއެއް ދީފަ އެވެ.
މި ހަމަލާތަކުގައި މަރުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 200،000 އާ ގާތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ގާޒާގެ ގިނަ އިމާރާތްތަކާއި އިންފްރާސްޓަކްޗާ މިހާރު ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ސުންނާފަތިވެފަ އެވެ.
އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް މުޅި ދުނިޔޭގައި ބޮޑެތި މުޒާހަރާތަކެއް ކޮށް އެއްވުންތަކެއް ވަނީ ބާއްވާފަ އެވެ. ރާއްޖޭގައި ވެސް އެފަދަ އެއްވުންތަކެއް ބޭއްވި އެވެ. އަދި އިޒްރޭލުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރަން ގޮވާލި އެވެ. މިހާތަނަށް ސަރުކާރަށް އެކަން ކުރެވިފައެއް ނުވެ އެވެ.
ދެ މަހަށްފަހު އިޒްރޭލުން އަނެއްކާ ވެސް ގާޒާއަށް ހަމަަލާ ދޭން ފަށައި 300 އަށްވުރެ ގިނަ މީހުން މަރާލައިފި ދެ މަހަށްފަހު އިޒްރޭލުން އަނެއްކާ ވެސް ގާޒާއަށް ހަމަަލާ ދޭން ފަށައި 300 އަށްވުރެ ގިނަ މީހުން މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ