ސީޝެލްސްގެ ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ބެއްރީ ފޯރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސީޝެލްސްގެ ޚާރިޖީ ވަޒީރަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ދަތުރުފުޅަކީ ރާއްޖެ އާއި ސީޝެލްސްގެ ގުޅުމުގައި ފާހަގަކޮށްލެވޭ ތާރީޚީ ދަތުރުފުޅެއް ކަމަށެވެ. އަދި މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަންވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި ސީޝެލްގެ ޚާރިޖީ ވަޒީރު، ވަޒީރު އިރުތިޝާމް އާދަމްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ދަތުރުފުޅުން ރާއްޖެ އާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ހާމަވެގެންދާ ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ގޮތުގައި ދެ ގައުމުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދޭ އަހައްމިއްޔަތު މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ