ރައީސް
ޔާމީންގެ ސަރުކާރު ވަށްޓާލުމަށްޓަކައި ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ގެންނަން ރޭވި " ޖުޑިޝަލް ކޫ "
ގެތެރޭގައި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމަށްޓަކައި ކޯޓުގެ ފުރާޅުން ޓިނު ނެގި
ވާހަކައަކީ ހަގީގީ ވާހަކައެއް ނޫންކަން ވޮއިސްއަށް އެނގިއްޖެއެވެ. ސުޕްރީމް
ކޯޓުގައި މަސައްކަތް ކުރެއްވި އިސްބޭފުޅުންގެ ފަރާތްޕުޅުން އެނގުނު ގޮތުގައި
ސިފައިން ސުޕްރީމް ކޯޓުގެ ފުރާޅަށް އެރިނަމަވެސް ޓިނެއް ނުނަގައެވެ. ސުޕްރީމް
ކޯޓުގެ ފުރާޅަށް ސިފައިން އަރަންޖެހުނީ ޖުޑިޝަލް ކޫއާއި ގުޅިގެން ރައީސް ޔާމީން އިއުލާންކުރެއްވި ކުލި ނުރައްކަލުގެ ހާލަތުގެތެރޭގައި
ތަހްގީގަށް ހާޒިރުކުރަންޖެހުނު ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ އުއްތަމަ
ފަނޑިޔާރު އަބްދުއްލާ ސައީދުއާއި އަލީ ހަމީދު ހައްޔަރުކުރުމަށްޓަކައި ސިފައިން
ސުޕްރީމް ކޯޓަށް ގޮސް ހޯދަހޯދައި ސުޕްރީމް ކޯޓުތެރެއިން އެދެފަނޑިޔާރުން ނުފެނިގެން
ކުރި މަސައްކަތުގެތެރޭގައެވެ.
އުއްތަމަ
ފަނޑިޔާރާއި އަލީ ހަމީދު ތިއްބަވާ ކޮޓަރި ސިފައިން ގޮސް ދޮރުގައި ތަޅައި
ހަލާކުކޮށް ވަދެބެލިއިރު އެ ދެކޮޓަރީގައި އެދެބޭފުޅުން ނެތެވެ. ސުޕްރީމް ކޯޓުގައި އިންސާނަކު ފިލަން
ވަދެފާނެހެން ހީވި ހުރިހައިތަނެއް ބަލައިގެންވެސް އަލީ ހަމީދާއި ސައީދު ނުފެނުމުން
ސިފައިން ދެން އެޕްރޯޗް ކުރީ ރައީސް މައުމޫން ހަވަހާރަފުޅު ލެއްޕެވި ކޮޓަރިކޮޅާ
ދިމާއަށެވެ. މިހާރު ސުޕްރީމް ކޯޓު ހިނގަމުންދާ އިމާރާތަކީ ރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ރިޔާސީ ގަނޑުވަރުގެގޮތުގައި ހެއްދެވި
ތަނަކަށްވުމާއެކު އެތަން ހުރީ ސަލާމަތީ ގޮތުން ވަރަށް ވަރުގަދައަށެވެ.
ދޮރުތައްވެސް ހުރީ ހަލާކުކޮށްލައިގެން ވަދެވޭ ވަރަށްވުރެ ވަރުގަދަ ކޮށެވެ.
ފަހަރެއްގައިވެސް ރައީސް މައުމޫން އަވަހާރަފުޅު ލެއްޕެވި ކޮޓަރިކޮޅުގައި
ފިއްލަވަން ތިއްބަވަފާނެކަމަކަށް ހީކުރެވިފައެއް ނެތެވެ.
ސުޕްރީމް
ކޯޓްގެ ފުރާޅުން ޓިނު ނެގިކަމަށް ވާހަކަ ފެތުރިގެންދިޔައީ ސިފައިން ސުޕްރީމް
ކޯޓްގެ ފުރާޅަށް އަރައިއުޅެނު މަންޒަރުތަކެއް މީހުންނަށް ފެނުމުންނެވެ. ޓިނު ނުނަގާކަން ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާ ކަމަށް ވެއެވެ. އެކަމަކު މީހުން އެހެން ކިޔަސް އެކަމަކާ އެހާބޮޑަށް އަޅުއްވާ ނުލައްވައި އަދި ޓިނުނެގިކަމަށް ދޭހަވާގޮތަށް ޚުދު އެމަނިކުފާނުވެސް ވާހަކަފުު ދައްކަވައެވެ.
Advertisement
ރައީސް
މައުމޫން އަވަހާރަފުޅު ލެއްޕެވި ކޮޓަރިކޮޅު ހުޅުވޭތޯ ސިފައިން މަސައްކަތްކޮށް ތަޅު
ހަލާކުކޮށްލެވުނީ ވަރަށް މަސައްކަތުންނެވެ. އެކޮޓަރި ހުޅުވައިލިއިރު ފިއްލަވަންވެގެން
އުއްތަމަ ފަނޑިޔާރާއި އަލީހަމީދާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ ގޮތުގައި މަސައްކަތްކުރެއްވި
ހަސަން ސައީދު ތިއްބެވީ އެކޮޓަރިކޮޅުގައެވެ. ކައިބޮއިހެދުމާއި ހުރިހާކަމެއް ކުރައްވަމުންގެންދެވީ
އެކޮޓަރިކޮޅުގެތެރޭގައި ތިއްބަވައިގެންނެވެ. ނިދާން ލާ ހެދުންތަކާއި އެހެން
ހެދުންތައްވެސް އެކޮޓަރިތެރޭގައި ހުއްޓެވެ.
ސުޕްރީމް ކޯޓުން 2018 ފެބްރުއަރީ 1 ގައި އަމުރު ނެރުމުގެ
ކުރިން އުއްތަމަ ފަނޑިޔާރު ސައިދާއި އަލީ ހަމީދު ޔޫރަޕަށް ދަތުރުފުޅެއް
ކުރެއްވިއެވެ. މިދަތުރުފުޅަށްފަހު ތައްޔާރު ކުރި އަމުރުގައި އެހެން ފަނޑިޔާރުން
ސޮއިކުރީ ސޮއި ނުކޮށްފިނަމަ ކުރިމަތިލައްވަންޖެހިވަޑައިގަންނަވާނެ ބިރުވެރިކަން
ތަކުރާރުކޮށް ކިޔުއްވައިދެއްވައިގެން ކަމަށް ވެއެވެ.
ފެބްރުއަރީ
1 ގެ އަމުރަކީ އޭރު އެކި މައްސަލަތަކުގައި ޖަލުގައި ތިއްބެވި 9 ގައިދީއަކު
ދޫކޮށްލުމަށް ނެރުނު އަމުރެކެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާކަމަށް
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުން މަގާމުން
ވަކިވެފައިނުވާކަމަށް ކަނޑައެޅުމެވެ.
ކުއްލިއަކަށް
ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އޭރުގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝޮކް
ލިބިވަޑައިގެންނެވި އަމުރަކަށް ވިއެވެ. އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގަތީ
އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ޕޮލިސް ކޮމިޝަނަރ އަތީފް އެކަމުގެތެރޭގައި
ހިމެނިވަޑައިގަންނަވާކަން އެނގިވަޑައިގަތުމުންނެވެ. އަދި ރައީސް މައުމޫން
އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަން އެނގިވަޑައިގަތުމުންނެވެ. އިތުބާރު
ކުރައްވަންވީ ކާކަށް ކަމެއް އެނގިވަޑައިނުގެން އެޚުތޫރަތްތެރި ދަނޑިވަޅުގައި
ރައީސް ޔާމީން ހިމާޔަތް ހޯއްދެވީ ސިފައިން ގެއަށް ވަޑައިގެންނެވެ. އެދުވަސްކޮޅު
އެމަނިކުފާނު ހުންނެވީ ސިފައިންގޭގައި ސިފައިންގެ ހިޔާމަތުގައެވެ.
2010
ވަނަ އަހަރުގެ މޭމަހުގެ ދިހަވަނަ ދުވަހު ޕީޕީއެމްގެ ކެމްޕޭން ހަރަކާތެއްގައި ޖުޑިޝަލް
ކޫގެ ތަފްސީލަށް ވަޑައިގަންނަވަމުން ރައީސް ޔާމޫން ވިދާޅުވެފައިވަނީ ސުޕްރީމް
ކޯޓުން ނެރުނު އަމުރުގެ ފަހަތުގައި އިސް މޭސްތިރިއަކަށް ހުންނެވީ އެމަނިކުފާނުގެ
ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ. މައުމޫން
ހައްޔަރުކުރަން ކަނޑައެޅީ އެމަނިކުފާނު ނޫންކަމަށާއި އެއީ އޭރު ދައުލަތުގެ
ވަޒީރުންނާއި އެމްއެންޑީއެފްގެ ޗީފާއި ވައިސް ޗީފް ހިމެނިވަޑައިގެންނެވި ގައުމީ
ސަލާމަތާއިބެހޭ ކޮމެޓީން ނިންމި ނިންމުމެއްކަމަށްވެސް ވިދާޅުވެފައި ވެއެވެ.
" އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެންނެއްނޫން. ދައުލަތުގެ
ހައްގަކަށް އަރައިގަނެ، ސުޕްރީމް ކޯޓްތެރެއިން ދައުލަތް ވަށްޓާލަން މަސައްކަތްކުރި
މީހުންގެތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާއެކީ ދައުލަތަށް
މަޖްބޫރުވީ. އެއީ އަޅުގަނޑުގެ ނިންމުމެއްނޫން. އެމައްސަލަ ހުށަހެޅުއްވީވެސް
އަޅުގަނޑެއްނޫން. މައުމޫން ޖަލަށްލާން ނިންމީ އެކޮމެޓީން" މާލޭގެ އަންހެނުންގެ ތަރައްގީއަށް
މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް ޕީޕީއެމުން ވާދަކުރި ކެންޑިޑޭޓެއްގެ
ކެމްޕޭންގައި 2022 ވަނަ އަހަރު ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ފެބްރުއަރީ
1 ވަނައަށްވީ ހުކުރު ވިލޭރޭ ނެރުނު ސުޕްރީމް ކޯޓްގެ އަމުރަށްފަހު ފަސް
ދުވަސްފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށްފަހު ރައީސް ޔާމީން
އޭރު ވިދާޅުވެފައިވަނީ އެފިޔަވަޅު ނޭޅުއްވިނަމަ ވަރަށް ނުރައްކާތެރި ހާލަތެއް
ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށެވެ.
ޖުޑިޝަލް ކޫގައި ސުޕްރީމް ކޯޓު ފުރާޅުން އަސްލު ޓިނުނެގިތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ