ޔާމީން މައްސަލައިގައި މަލީހުގެ ސުވާލުތަކަށް ޝިއުނާގެ ޖަވާބު

ޕީޕީއެމް ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ތުހުމަތުކޮށް އެ ޕާޓީން އިއްޔެ ވަކިކުރި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެއްވި ތުހުމަތުތަކުގެ ދިފާއުގައި، ކުރިން އެމަނިކުފާނުގެ ދަށުން މާލެ ސިޓީ ކައުންސިލްގައި، ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަރިޔަމް ޝިއުނާ ނުކުންނަވާ ޖަވާބުދެއްވައިފި އެވެ.
މައްސަލައިގެ ފެށުން - ޕީޕީއެމް ހިންގުމަށް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާން ކުރުމާ އެކު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ ކޮމިޓީގައި އިސްކޮށް ހުންނެވި މަލީހު ޖެހިގެން އައި ދުވަހު ޕާޓީން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލައި ވަކިކުރީ އެވެ.
ޔާމީން މިހާރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހިންގަން ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބޭނުން ނުވުމާއި ޔާމީންގެ މަޝްވަރާ އާއި ލަފާ ވެސް އެބޭފުޅުން މިހާރު ބޭނުން ނުވާތީ ކަމަށެެވެ.
ތަފްސީލް- ކުރީގެ ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މަލީހު ވަނީ އެމަނިކުފާނުގެ ދިފާއުގައި ނުކުންނަވައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ކިބައިން ޖަވާބު ހޯދަން ޖެހޭ ސުވާލުތަކެއް ކަމަށް ވިދާޅުވެ އޭނާގެ ފޭސްބުކަށް ސުވާލުތަކެއް ދޫކޮށްލައްވާފަ އެވެ. އެ ސުވާލުތަކުގައި ތުހުމަތުކުރެއްވީ ޕީއެންސީ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒު ޔާމީން އާއި އެމަނިކުފާނަށް ލޯޔަލް މީހުން އެކަހެރިކޮށްލެއްވީ ކަމަށެވެ.
ކުރިން ޔާމީނަށް ތާއީދުކުރެއްވި، އެހެންނަމަވެ ސް މިހާރު ރައީސް މުއިއްޒުއާ އެކު ހުންނެވި ޝިއުނާ ވަނީ ޔާމީން މީޑިއާ ގްރޫޕުގެ ނަމުގައި އުފައްދާފައިވާ ވަޓްސްއެފް ގްރޫޕުގައި މަލީހުގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.
ރައީސް ޔާމީންގެ ފޯނަށް ރައީސް މުއިއްޒު ޖަވާބު ނުދެއްވަނީ ކީއްވެ؟
[ވެރިކަމުގެ] ފުރަތަމަ ދުވަހު [ޔާމީން] މިނިވަން ނުވީ ކީއްވެ؟
ރައީސް ޔާމީން ޕާޓީ އޮފީހަށް ވަޑަގަތީމަ ލީޑާޝިޕު ކިޔާ ބޭފުޅުން ވަޑައިނުގަތީ ކީއްވެ؟
 ޕީޕީއެމް މެމްބަރުން [ޕީއެންސީއަށް] ނުގެންދާނެމޭ ކިޔާ ލ. ފުނަދޫ ކައުންސިލް އެންމެން [އެ ޕާޓީއަށް] ވެއްދީ ކީއްވެ؟
[ޕީޕީއެމް/ޕީއެންސީ] ތިޔަ ލީޑާޝިޕު މީހުން ކޯޓުގެ އަޑުއެހުމަށް ދިއުން ހުއްޓާލީ ކީއްވެ؟
[ޕީއެންސީގެ] ވަކި އޮފީހެއް ހެދީ ކީއްވެ؟
ޑރ. މުއިއްޒުގެ ސްޕީޗްތަކުގައި ރައީސް ޔާމީންގެ ނަން ގެންނެވުން ހުއްޓާލީ ކީއްވެ؟
 ވެރިކަން ލިބުމުގެ އުފާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ސޯޝަލް ސެންޓަރަށް ރައީސް ޔާމީން އެދުމުން ވެސް ނުގެންދެވީ ކީއްވެ؟ އެ ޖަލްސާގައި ރައީސް ޔާމީނަށް ޝުކުރު އަދާނުކުރީ ކީއްވެ؟
ޕީޕީއެމް ހައިޖެކުކުރީ ކީއްވެ؟
[މި ސަރުކާރުގެ ސީނިއާ މިނިސްޓަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް] އަދުރޭ ރައީސް ޔާމީނާއި ތަފާތު އިންޒާރު ދެނީ ކީއްވެ؟
ޕީޕީއެމް އަދި ރައީސް ޔާމީންގެ ލޯޔަލް ބޭފުޅުން [އެ ޕާޓީން] އެކަހެރިކުރީ ކީއްވެ؟
ސަރުކާރު އެކުލަވާލުމުގައި ރައީސް ޔާމީންގެ ލަފަޔާއި މަޝްވަރާ ނުހޯއްދަވަނީ ކީއްވެ؟
ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދަައުވަތު ދެއްވުމުން ވެސް ރައީސް ޔާމީން ރިޖެކްޓް ކުރެއްވީ ނޫންތޯ؟ މަރުހަބާ ޖަލްސާއަށް ދައުވަތު ނުދެއްވީތޯ ނުވަތަ ރިޖެކްޓް ކުރެއްވީތޯ ސުވާލު އުފެދޭ.
ބޮޑު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް އެއް ދުވަހުން މިނިވަން ނުވާނޭކަން އެންމެންނަށް އެނގޭ. އެއީ ޖުޑިޝަރީ ތެރެއިން ވާ ކަމެއް ނޫންތޯ؟ ރައީސް ޑރ. މުއިއްޒުގެ ކެމްޕޭންގައި ވެސް ވިދާޅުވީ ގާނޫނީ އިމުގެ ތެރެެއިން ރައީސް ޔާމީން މިނިވަން ކޮށްދެއްވާނެ ކަމަށް. ހުއްޓިފައިވާ އަޑު އެހުންތައް ފެށި ހުކުމާ ހަމަޔަށް [ހިނގައްޖެ] ނޫންތޯ؟
ޕީޕީއެމް މީހުން ޕީއެންސީއަށް ނުގެނައުމަށް ރައީސް ޑރ. މުއިއްޒު ވަނީ ފާޅުގައި އިއުލާންކުރައްވާފަ. އެހެން ނަމަވެސް ޑިމޮކްރަސީ ނިޒާމެއްގައި އެމީހަކު ބޭނުން ޕާޓީއެއްގައި ހުރެވޭނެއް ނޫންތޯ؟ ރާއްޖޭގެ ތާރީހަށް ބަލާއިރު ޕާޓީ ބަދަލުކުރުން އެއީ އާ ކަމެއް ނޫން. ޕީޕީއެެމްއަކީ ވަނުމަށް ފަހު ނުކެންޑެވޭ ޕާޓީއަކީތޯ؟
ޕީއެންސީއަކީ ވަކި ޕާޓީއެއް ވީމަ ވަކި އޮފީހެއް ހެދުމަކީ މައްސަލައެއްތޯ؟.
ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަން ވާނީ މުޅި ގައުމުގެ މަަސްލަހަތުގައި ނޫންތޯ؟
ސަރުކާރު އެކުލަވާލާއިރު ފެންނަމުންދަނީ ޕީޕީއެމް/ޕީއެންސީއަށް ލޯޔަލް ކަމަށް ބުނާ ބޭފުޅުންނަށް މުހިއްމު މަގާމުތަައް ދެއްވާ މަންޒަރު
ރިޔާސީ އިންތިހާބު ބޮއިކޮޓްނުކޮށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް އެކުލަވާލާ ސަރުކާރަށް އަށް ދުވަސް ވިއިރު ސަރުކާރާ ދެކޮޅަށް ނުކުތުން ސިޔާސީ ގިނަ ބަޔަކު ސިފަކުރަނީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރަން ބަޔަކު ކުރާ ކަމެއްގެ ގޮތުގައި. އަދި މީގެ ކުރިން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ ހޯމް މިނިސްޓަރުކަން ގެއްލުމުގެ ބަދަލު ރައީސް ޔާމީންގެ ކިބައިން ހިފުމަށް ކުރައްވާާ ކަމެއްގެ ކަމަށް ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުން ބުނަމުން ދޭ. ކޮބައިތޯ މިކަމާ މެދު އޮތް ޖަވާބަކީ؟
އަބްދުއްރަހީމް ރައީސް ޔާމީނަށް ދެއްވީ ކޮން އިންޒާރެއްތޯ؟
ފާހަގަކޮށްލެވޭ - މަލީހު އިސްވެ ހުންނަވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭގެ ކުރިން އެ ޕާޓީގެ ލީޑަޝިޕުން ނުފެންނަ ބޭފުޅުންތަކެއް ފެނުނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ މަލީހާއި އައްބާސް އާދިލް ރިޒާ އެވެ.  
އެބޭފުޅުން ވިދާޅުވާ ގޮތުގައި 'ސްޓިއަރިން ކޮމިޓީ' އުފެއްދެވީ، ޕީޕީއެމްގެ ރައީސްކަން ކުރައްވާ ޔާމީނަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމެވެ. އެކަމަކު ޔާމީނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ގާނޫނީ ގޮތުން އެ މަނިކުފާނުގެ އެއްވެސް ހައިސިއްޔަތެއް ޕާޓީ ހިންގެވުމުގައި މިހާރަކު ނެތެވެ.
ނަމަވެސް، މަލީހު ޕާޓީން ވަކިކޮށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ބުނަނީ މަލީހު ޔާމީންގެ ނަމުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. މަލީހު އެކަން ދޮގުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ