ނޮޅިވަރަމް ދާއިރާގެ މެމްބަރު އަރީފަށް އެމްޑީއޭއިން ނަސޭހަތްދީފި

ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ޚިލާފުވަމުންދާތީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފަށް އެމްޑީއޭ އިން ނަސޭހަތްދީފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ، ވިޕްލައިނާ ޚިލާފުވާ މައްސަލައިގައި އަރީފަށް އެޕާޓީން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީއޭއިން ފުރަތަމަ މަސައްކަތް ކުރަނީ ވާހަކަދައްކައިގެން ސުލްހަވެރިކަމާ އެކު ކަންކަން ހައްލު ކުރެވޭތޯ ކަމަށާއި ފިޔަވަޅު އަޅާނީ ހައްލު ނުކުރެވިއްޖެނަމަ ކަމަށެވެ. "އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން މީހަކު ކުށެއް ކުރާއިރަށް އޭނަގެ އަތާއި ފަޔާ ބުރިކޮށް އެއްލާލުމަކީ. އެހެންވީމަ އެންމެ ސުލްހަވެރިކަމާ އެކީގައި އެންމެ ފަހު ވަގުތާ ހިސާބަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ އެ މެމްބަރަކު ހިފެހެއްޓުމަށްޓަކައި، އޭނައަށް ވިސްނައި ދިނުމަށްޓަކައި. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" މައުރޫފް ވިދާޅުވިއެވެ. އަރީފަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބު ވި މެމްބަރެކެވެ. ޖުމްހޫރީ ޕާޓީދޫކޮށް އެންމެ ފުރަތަމަ އޭނާ ގުޅިވަޑައިގަތީ ޕީޕީއެމްއާއެވެ. އެއަށްފަހު އެޕާޓީން ވަކިވެވަޑައިގެން މިހާރު އޭނާ ވަނީ އެމްޑީއޭއަށް ސޮއިކުރައްވައިފައެވެ. އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވުމާ ދެކޮޅަށް އަރީފް ވަނީ ވޯޓު ދެއްވައިފައެވެ. މައުރޫފް ވިދާޅުވީ، މެމްބަރު އަރީފާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަކީ ކޮންބައެއްކަން އިތުރު ތައާރަފަކަށް ނުދިޔަޔަސް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. "މެމްބަރު އަރީފް އަޅުގަނޑު އިތުރަށް ތިބޭފުޅުންނަށް ތައާރަފަކަށް ގެންނަން ބޭނުމެއް ނުވާނެ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އިނގޭ މެމްބަރު އަރީފާއި މުސްތަފާ އާއި މިއީ ކޮން ބޭފުޅުންނެއްކަން. އެހެންވީމަ ދައުރުވާ ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން ދައްކާނީ ދައުރުވާގޮތަށް. އެމްޑީއޭގެ ލޯޔަލް އެމްޕީއެއް ނޫން އެމްޕީ އަރީފަކީ،" މައުރޫފް ވިދާޅުވިއެވެ. ވިޕްލައިނާ ޚިލާފުވެފައި ވަނީ އަރީފް އެކަނި ނޫން ކަމަށާއި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެޕާޓީގެ ވިޕްލައިނާ ޚިލާފުވެފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވިޕްލައިނާ ޚިލާފުވާ މެމްބަރުންނާ މެދު އެމްޑީއޭގެ އަސާސީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. "އެބައޮތް އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި އެބޭފުޅުންނާ މެދު އަމަލުކުރަންވާ ގޮތެއް ޕީޖީ ގްރޫޕުން. އެހެންވީމަ އަޅުގަނޑުމެން މިހާރު ވާނީ އަރީފަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެފަ. އަދި އަރީފަށް އިތުރު ފުރުސަތެއްދީފަ. އަދި އަރީފަށް އަޅުގަނޑުމެންގެ ލީޑަރާއި އަޅުގަނޑުމެންގެ ޕީޖީ ގްރޫޕުން އަޅުގަނޑުމެން ފުރުސަތެއްދީފަ. އެ ހައްލު ނުވެއްޖެކަމަށް ވާނަމަ އަޅުގަނޑުމެން ގަވާއިދުން ފިޔަވަޅު އަޅާނެ،" މައުރޫފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ