ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެސްގޮން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށްނުގެންދެވޭތީ ވެރިކަންކުރާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ބަލައިގަނެފިއެވެ.
ސުޕްރީމް ކޯޓުން އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްގެ ގޮތުގައި އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، މައްސަލަ ހުށަހެޅުމުގެ ހުއްދަ މިއަދު އެ ކޯޓުން ދީފައިވާކަމަށް އެމްޑީޕީގެ ޤާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
މި މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިފަހުން އާދީއްތަދުވަހަށް އެ މައްސަލަ ތާވަލުކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަަންފުޅާ އުޅުއްވާތީ އެ މައްސަލަ ކުރިއަށްނުގެންދެވި މަޑުޖެހުނެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުގައި އެމްޑީޕީން އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހިންގާ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ 5 މެންބަރުންގެ ތެރެއިން ބޭފުޅަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ގޮތަށް މަޖިލީހުގެ ޤަވާއިދު މާނަކޮށްދިނުމަށެވެ.
މަޖިލީހުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގައި އެންމެ ދުވަސްވީ ފަސް މެންބަރުންނަށް ބެލެހެއްޓޭނެކަމަށް ޤަވާއިދުގައި ބުނެފައިވީ ނަމަވެސް، މަޖިލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ހިންގާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ނައިބުރައީސަށްކަމުގައި އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އިތުރަށް އެމްޑީޕީން އެދުނީ ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ގޮތެއް ނުނިންމެނީސް މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް މަޖިލީހުގައި ކުރިއަށްނުގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ.
އެމްޑީޕީން ޤަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ގޮތެއް ނުނިމެނީސް، މަޖިލީހުން ކުރާ އެއްވެސް ކަމަކީ ސައްހަ ކަމެއްކަމުގައި ނުބެލެވޭނެ ކަމަށެވެ. އެގޮތުން އިންތިޚާބީ ރައީސްގެ ހުވައިކުރެއްވުންވެސް ސައްހަނުވާނެ ކަމުގައި އެމްޑީޕީން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ