ގޯތި ޔަގީން ވާނީ ރައީސް ހޮވައިގެން: ޝާހިދު
އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވައިފިނަމަ މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދިން ގޯތި އަތުލައިފާނެ ކަމަށާއި އެ ގޯތި ޔަގީންވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ލިބުމުންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިރޭ އޮތް ކެމްޕޭން ޖަލްސާގައި ޝާހިދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ގޯއްޗާ ގުޅުވައި މިހާރު ޕީޕީއެމުން ދައްކަނީ ތަފާތު ވާހަކައެއް ކަމަށެވެ. އެގޮތުން މިހާރު ބުނަމުން އަންނަނީ އެ ގޯތި ދިނުމަށް ހަމަޖެހިފައިވަނީ މާ ދުރު ސަރަހައްދަކުން ކަމަށެވެ. "މާލޭގެ ރައްޔިތުން އުޅެންވީ މިއޮއް ވާދޫ ކަނޑު ހުރަސްކޮށްފައި ގޮސް މިއޮއް މާދިއްގަރު ފަޅު ތެރޭގައި ތިމަންމެން ހިއްކާ ތަނެއްގައޭ. ޔަގީންކުރައްވައްޗޭ، ޔަގީންކުރައްވައްޗޭ މިހާރު މި އަންނަން އުޅޭ ސަރުކާރުގެ ރައީސަކަށް އެ ބޭފުޅުން ހުށަހަޅުއްވައިގެން އުޅޭ ކެންޑިޑޭޓަކީ ގުޅިފަޅުގައި އަޅުގަނޑުމެން އެމްޑީޕީ ސަރުކާރުން އިމާރާތްކޮށްފައި ފްލެޓް ދިނީމާ އެ ފްލެޓްތަކުން މީހުން ނެރެ އެއްލާލި ސަރުކާރެއްގެ ހައުސިން މިނިސްޓަރު،" ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ގޯތިތައް އަތުނުލާނެ ކަމާމެދު ޝައްކު އުފެދޭކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. "އަތުލާނެކަމަށް ޔަގީންކުރައްވާ ތިޔަ ބޭފުޅުން، އެ ބޭފުޅުން ވަޑައިގެންފިއްޔާ،" ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހަވާލުކުރެއްވި ގޯތި ޔަގީންވާނީ ދެވަނަ ދައުރެއް ރައީސްއަށް ލިބުމުންކަމަށެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އުފާވެރި އަމާން ރާއްޖެއަކަށް ދިއުމަށް ޓަކައި ހުރިހާ ރައްޔިތުން ތިބީ އަތުގުޅައިލައިގެން ކަމަށެވެ. "އަޅުގަނޑުމެން އުފާވެރި އަމާން ރާއްޖޭގެ ވާހަކަދައްކަން ފެށީމާ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުގެ މޭ ގުޑައިފި. ހިތަށް އަސަރުކޮށްފި. ކުރާނެ ކަމެއް ނޭނގުނު. ތަޞައްވުރެއް ނެތް. މި ރާއްޖެ އޮންނަންވީ ގޮތާ ބެހޭ ގޮތުން އެ ބޭފުޅުންގެ ޚިޔާލެއް ނެތް،" ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ވަހަކަދައްކަންވާނީ ހަގީގަތުގެ މައްޗަށްކަމަށެވެ. އެ ހަގީގަތަށް ބަލާއިރު ޕީޕީއެމުން ގެންގުޅެނީ ފިތުނައިގެ ދޮލަނގެއްކަމަށާއި އޭގައި 'އަރިއަރި'އަށް ހުންނަނީ ދޮގުކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމަކު، މުއިއްޒު މީގެ ކުރިން ވަނީ މި ސަރުކާރުން ދޫކުރި އެއްވެސް ގެއެއް އަތުނުލާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެއްވެސް މީހެއްގެ ގޯއްޗެއް ނާތުލާނެ ކަމަށާއި އަދި އޭގެ ބަދަލުގައި ގޯތިތައް އިމާރާތް ކުރުމަށް ލުއި ގޮތެއް ހޯދަން އޭނާގެ ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ