ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚުތިޞާޞް ކޯޓަށް ނެތް: ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ އަސްލީ އިޚުތިޞާޞު އެކޯޓަށް ލިބިފައިނުވާކަމަށް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ "ދަ ޑިމޮކްރެޓްސް" ޕާޓީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތު މެދުވެރިވުމާ ގުޅިގެން އެމްޑީޕީއާއި މަޖިލީހުގެ އިދާރާއާމެދު މަޖިލީހުގެ ޤަވާއިދު މާނަކުރުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުނީ އިއްޔެއެވެ.
އެ މައްސަލައަށް ތަދައްޚުލުވި ދަ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު ޢަބްދުﷲ ޝާއިރު ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަމަކާމެދު އުފެދޭ ޚުޞޫމަތެއް ހައްލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅޭނެ އިޖުރާއާތުތައް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ ޤާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ޤާނޫނު އަސަސީގައި އެހެން ގޮތަކަށް ބަޔާންނުކުރާ ހިނދެއްގައި މަޖިލީހުގައި އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ކަށަވަރުކުރުމަށް އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ވަނީ ޤާނޫނުގައި ކަމެއް އޮތް ގޮތަކާމެދު ޚިޔާލުތަފާތުވުމެއް އުފެދޭ ހާލަތުގައި އެކަންކަމާމެދު ޤާނޫނީ ގޮތުން ލަފައެއް ހޯދުމަށް އަމަލުކުރަންޖެހޭ އިޖުރާއާތުތައް ބަޔާންކޮށްފައިވާއިރު، މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެފަދަ މައްސަލައެއް ހުށަހެޅުމުގެ އިޖުރާއާތުގެ ތެރެއިން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށް ޝާއިރު ވިދާޅުވިއެވެ.
އިތުރަށް މައުޟޫއީ ގޮތުން އެ މައްސަލައާމެދު ވާހަކަދައްކަވަމުން ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ޙަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓަވާ ގޮތަށް ޤަވާއިދުގައި އޮންނަނީ އެ މައްސަލައިގެ ޚުތޫރަތްތެރިކަމުގެ ބޮޑުކަމުން ކަމަށެވެ.
އިތުރަށް ޙަސަން ފާހަގަކުރެއްވީ މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އާންމު އިޖުރާއާތުތަކުގެ ތެރެއިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނެ ފަސް ބޭފުޅުންނަކީ މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސަށް ލިބޭ ހުރިހާ ބާރުތައް ލިބިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށެވެ. އެ ބާރުތައް ލިބިވަޑައިގަންނަވާ ހަމައެކަނި ބޭފުޅަކީ މަޖިލީހުގެ ނައިބުރައީސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަަނނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރިޔާސަތުގައި، ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔަރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ.އިބްރާހީމް މުހައްމަދުގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ