ގައުމީ އެއާލައިން އަށް ކުރިން ވެސް ބޮޑު ބޯޓު ގެނަ އެވެ. އެކަމަކު ފަހުން ބޯޓުތައް ދޫކޮށްލަން ޖެހުނީ އެވެ. އެފަހަރު ކަންތައްވީ ގޮތުން އިބްރަތް ހޯދައިފިނަމަ މިފަހަރު ގެނައި ވައިޑް ބޮޑީ ބޯޓާއެކު ގައުމީ އެއާލައިން ފުޅާވެ އުދުހިގެންނާނެ އެވެ.
ގައުމީ އެއާލައިނެއްގެ ފަހުރުވެރި ހުވަފެން ދިވެހިން ކުރިން ބެލިނަމަވެސް އެ ހުވަފެން މާގިނަ ދުވަސްތަކެއް ނުވެ ވެއްޔާ މޮޑެވި ބިލާކަށްވި އެވެ. މިއީ ދިވެހި ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އެންމެ ހިތްދަތި އަދި ކަޅު ސޮފުހާ ތަކެވެ. އެ ވާހަކަ އާއި އެހަނދާތަކަށް ފަނޑުކަން ގެނެސް ދިނީ 2000 ގެ އަހަރުތަކުގައި އުފެއްދި މޯލްޑިވިއަންގެ ސަބަބުނެވެ. މިއި ދިވެހިންގެ އާ ގައުމީ އެއާލައިންނެވެ. މި އެއާލައިންއަކީ ދިވެހި ގައުމީ އެއާލައިންގެ ގޮތުގައި ނިންމައި ދިވެހި ދިދައާއެކު އުދުހި ގަތެވެ. އާ ގައުމީ އެއާލައިނަށް އެންމެ ފުރަތަމަ ބޯޓެއް ގެނެސްފައިވަނީ 2000 ވަނަ އަހަރު އެވެ. އެއީ މިހާރު ވެސް ބޭނުން ކުރަމުންދާ ޑޭޝް 8، މަރުކާގެ 37 ގޮނޑީގެ ބޯޓެކެވެ. އޭގެފަހުން 2006 އަހަރުގެ ނޮވެމްބަރު މަހު ވެސް 37 ގޮނޑީގެ ބޯޓެއް އިތުރު ބޯޓެއް ގެނަ އެވެ. އޭގެ ފަހުން ޖެހިގެން އައި 2007 ވަނަ އަހަރު އޮކްޓޫބަރު މަހު ފުރަތަމަ ފަހަރަށް ޑޭޝް 8 މަރުކާގެ 50 ގޮނޑީގެ ބޯޓެއް ގެނަ އެވެ. މި ބޯޓަށް އޭރުކީ "ބޮޑު" ބޯޓެވެ. އެކަމަކު އޭގެ އަހަރެއްގެ ފަހުން ޖެހިގެން އައި އަހަރުތައްވީ މޯލްޑިވިއަންގެ ކުރިއެރުން ދަށްވެ "ބުރަކި" ޖެހުނު އަހަރުތަކަށެވެ. ދެން ފެނުނީ ގައުމީ އެއާލައިންގެ ތާރީހުގައި އެ ކުންފުނީގެ ފިޔަގަނޑު އެންމެ ފުޅާކޮށްލުމުގެ ފެށުން އައި ތަނެވެ. އެ ކުންފުނިން 2012 ވަނަ އަހަރު ނޮވެމްބަރު މަހު ފުރަތަމަ ފަހަަރަށް އެއާބަސް ބޯޓެއް ގެނަ އެވެ. މިއީ އޭރުގެ "އެންމެ ބޮޑު" ބޯޓެވެ. ނެރޯ ބޮޑީ - ނުވަތަ ދުރަށް އުދުހެން ޓެކްނިކަލް ސްޓޮޕަށް މަޑުކުރަން ޖެހޭ މި ބޯޓުގައި 150 މީހުން އުފުލެ އެވެ. އަދި އޭގެ ތިން އަހަރުފަހުން 2015 ޖެނުއަރީ މަހު 194 މީހުން އުފުލޭ އެއާބަސް އިތުރު ބޯޓެއް ގެނައުމާއެކު އެއާ މޯލްޑިވްސް ބަނގުރޫޓުވުމުގެ ހިތި ހަނދާންތަކާ ދިވެހި ގައުމު ދުރުވެދާނެކަމުގެ އުންމީދު ތަކެއް ކުރެވުނެވެ.
ގައުމީ އެއާލައިން މި ވަރަށް ކުރި އަރައިގެން ދިޔައިރު އޭރު ހުންގާނުގައި އެމްޑީއަކަށް ހުންނެވީ އެ ކުންފުނީގެ ކުރީގެ އިންސްޓިޓިއުޝަނަލް މެމޮރީ ހުރި ފައިނޭންޝަލް ހެޑް އަބްދުލް ހާރިސް އެވެ. މި ކުންފުނި 2018 ވަނަ އަހަރާ ހަމައަށް މާލީ ކަންކަމާއި ކުންފުނީގެ ސަބަބުން އިގްތިސޯދަށް ލިބެމުން ދިޔަ ކުރިއެރުމުގެ ގްރާފުގެ ލައިންތައް ހުރީ އެންމެ މަތީގަ އެވެ. އ އެ ދުވަސް ވަރު ގައުމީ އެއާލައިންއިން ވަނީ އެއްބައެއްގެ މުށުތެރޭގައި ތާށިވެފައި އޮތް ސީޕްލޭންގެ ވިޔަފާރި އަށް ވެސް ވަދެފަ އެވެ. އޭރު ގައުމީ އެއާލައިން އަށް އަހަރަކު ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ، ގައުމީ އެއާލައިނުން 2018 ވަނަ އަހަރާ ހަމައަށް އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 80 މިލިއަން ރުފިޔާގެ ފައިދާއެއް ދެއްކި އެވެ. އެ ފަހަރު ގެނައި ބޮޑު ދެ ބޯޓާއެކު ކުންފުންޏަށް 1000 ވަޒީފާ އިތުރުވި އެވެ. ހަފުތާއަކު 1300 ޓޫރިސްޓުނާ ގާތަށް ރާއްޖެ ގެނެސް ދިނެވެ. ތައިލެންޑުގައި ޓެކްނިކަލް ސްޓޮޕެއް ޖެހުމަށްފަހު ޗައިނާ އަށް ފެށި ދަތުރު ތަކުން ޗައިނާގެ ހަތް ސިޓީ އަކަށް އެއާލައިން ފުޅާ ކުރި އެވެ. އެ ދުވަސްވަރު އެމްޑީ ހާރިޝް އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގެ މަތިން މިހާރުވެސް ހަނދާން އެބަހުއްޓެވެ. ހާރިޝް ވިދާޅުވެފައިވާ ގޮތުގައި ދެން ގައުމީ އެއާލައިން ފެންނާނީ ޔޫރަޕުންނެވެ. ކުންފުނީގެ މިޝްރާބު ހުރީ ޔޫރަޕާއި ދުނިޔޭގެ ހަތަރު ބިތަށެވެ. ސަރުކާރުގެ މިޝްރާބަކީ ވެސް މި އެވެ. އެ ދުވަހު ދިވެއްސެއްގެ ހައިސިއްޔަތުން އުފާވި އެވެ. އެކަމަކު އޭގެފަހުން އައި މެނޭޖުމަންޓުން އެއާލައިން "ބޮޑު" ބޯޓު ގެނެސް ކުރިއެރުވުމުގެ ބަދަލުގައި ފެނުނީ މުޅިން އެހެން "ކުޅިވަރެއް" ގައި ގައުމީ އެއާލައިން އުދުއްސި ތަނެވެ.
ކުންފުނީގެ އަސްލު ބޮޑު ތަަސައްވަރު އޮތްތަނުގައި އޮއްވައި އެހެން ކަމެއްގައި ކުންފުނީގެ މަސްހޫލު ކުރުމުގެ ނަތީޖާއަކީ ކުންފުނީގެ މިޝްރާބު ގެއްލުނެވެ. ބޮޑު ބޯޓެއް ގެނެސްގެން މުޅި އޮޕަރޭޝަން އެންމެ ދިމާލަކަށް ފޯކަސްކޮށްފައި އޮތް ގޮތަށް އޮތީ އެވެ. ހަމައެކަނި ޓޫރިސްޓުން ގެނަނީ ޗައިނާ އިން ނެވެ. ޓޫރިޒަމް އެނދުތައް އަހަރު 10 ޕަސެންޓުގެ ކުރިއެރުމެއްގައި ހުއްޓަސް ހަމައެކަނި ޗައިނާ އަށް ފޯކަސްކޮށްފައި ބޭއްވުމުގެ ނަތީޖާއަކީ ބޭނުންވާ ޓާގެޓަށް ކުންފުނި ވާސިލް ނުވުމެވެ ކޮވިޑާއެކު ޗައިނާ ބަންދުވެ ދުނިޔެ ހުޅުވުނުއިރު ގައުމީ އެއާލައިން އަށް އިތުރު ބާޒާރެއް ޓޫރިސްޓުން ގެންނާކަށް ނުހޯދުނެވެ. ނަތީޖާއަކީ ބޮޑު ބޯޓު ގެނެސްގެން އޭރު އުފަލުން އަތްޖެހުމުގެ ހަގީގީ އުފައެއް ދިވެހިންނަށް ނުލިބުމެވެ. ކޮންމެހެން އެ ކުންފުނީގެ މާލީ ކަރުދާސް ތަކުން ފެންނަ މަންޒަރު މި ރިޕޯޓުގައި މިފަހަރު ނުލިޔުނަސް ގައުމީ އެއާލައިން އޮތީ ރަނގަޅު ހާލަތެއްގައި ނޫންކަން އެނގެ އެވެ. ގައުމީ އެއާލައިންގެ މިއަދުގެ ހާލަތަށް ބަލާއިރު ސަރުކާރުގައި އެލި ގަނެގެން އޮތުމުން އޮވެނީ އެވެ. މިހާރު ރާއްޖޭގެ 16 އެއާޕޯޓަށް ޓޫރިސްޓުން އުފުލާ އަހަރު މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭ އަހަރެއްގެ މައްޗަށް 50،000 ފްލައިޓް ރައުންޑް އަޅާ އެއާލައިނެއް އޮންނަން ޖެހޭނީ މި ހާލަތުގައެއް ނޫނެވެ. ގައުމީ އެއާލައިން އަށް ސީޕްލޭން އެންމެ ފުނަށް ވަދެ ވާދަ ކުރުމުގެ ފުރުސަތު ލިބުނެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފުރުސަތު ގެއްލުވައިލީ އެވެ. މީގެ ބަދަލުގައި ގައުމީ އެއާލައިނަށް ކުރިއަރަން ޖެހޭ މިޝްރާބު ސަރުކާރަށް ދެއްކިފަައެއް ނެތެވެ. ސަރުކާރު ކުންފުނިތަކުގެ އިސްލާހީ ޖާޑީގެ އެންމެ ފުނުގައި ގައުމީ އެއާލަައިން އުދުއްސާ އައިލެންޑް އޭވިއޭޝަން އޮތީ އެހެންވެ އެވެ. އެ ކުންފުނީގެ އާއްމުކޮށްފައިވާ މާލީ ހިސާބުތަކުން ފެންނަ ހަގީގަތަކީ މި ވަގުތު ކުންފުނި ބޯހިއްލާލައިގެން ތެދުވެ އުޅުނަސް ދެ ފިޔަގަނޑަށް އޮތީ އައިވީ ގުޅާފަ އެވެ. މިހާރުގެ ހާލަތުން މީގެ އެންމެ އައިވީއެއް ނައްޓާލިޔަސް ވިންސު ގެންނަ މެޝިން ޖައްސަން ޖެހޭނެ އެވެ. މިކަމުގައި އަރައިގަންނަން ބޭނުންނަމަ މި ފަހަރު ލިބުނު ފުރުސަތުގެ ބޭނުން ސަރުކާރުން އެންމެ ފުރިހަމައަށް ހިފަން ޖެހެ އެވެ. ސަރުކާރުން މި ފަހަރު ކުންފުންޏަށް ރަނގަޅު މަގު ދައްކަން ޖެހެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިއީ ހިތްހަމަ ޖެހުމެވެ.
ރާއްޖެ އަށް ވުރެ ކުޑަ އިގްތިސޯދު މާ ފަގީރު ގައުމުތަކުގައި ވެސް ވަރުގަދަ ގައުމީ އެއާލައިން އޮވެ އެވެ. މިއީ ލޭހުރި ދިވެހިން ހިތަށް ތަދުވާ ކަމެކެވެ. އަދި އަވަށްޓެރިންއެއްކަމަކު އެ މީހުންގެ ގައުމީ އެއާލައިން ބޭނުންކޮށްގެން ރާއްޖެއަށް ލިބެން އޮތް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ދިވެހިންގެ އަތުން ކަހާލުމަކީ ގައުމާމެދު ވިސްނާލާ ކޮންމެ މީހެއްގެ ހިތައް ތީރު ޖަހާ ކަމެކެވެ. ގައުމީ އެއާލައިން ބަލިކަށި ވުމަކީ ބޮޑު ދެރަ އެކެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބު ވެވަޑައިގަތުމާ ގުޅިގެން ބޭއްވި ހަފުލާއެއްގައި ޓޫރިޒަމް ވިޔަފާރިވެރިއެއް ކަމަށްވާ ޝާޒް ވަލީދު ވިދާޅުވެފައިވާ ގޮތުގައި ވަރުގަދަ ގައުމީ އެއާލައިނެއް ނެތުމުން އަހަރަކު ޓިކެޓަށް އެކަނި ވެސް ރާއްޖެ އަށް ލިބެން ޖެހޭ 1.5 ބިލިއަން ޑޮލަރު ގެއްލިގެންދެ އެވެ. މިއީ ހަމަ ހަގީގަތެވެ. ގައުމީ އެއާލައިން ފުޅާކުރަން ޖެހޭ މައިގަނޑު ސަބަބަކީމި އެވެ.އެކަމަކު ފުޅާ ކުރަން ބޯޓު ތަކެއް ގެނެސް އެންމެ ބާޒާރަށް ދަތުރުތައް ބާއްވައިގެން "އީޒީ" ކޮށް ތިބުމަކީ މިއަދުގެ ދުނިޔޭގައި ބުއްދިވެރިކަމެއް ކަމަށް ނުފެނެ އެވެ. ދުނިޔޭގެ ސިޔާސީ ވާދަވެރިކަން ނުވަތަ ޖިއޯ ޕޮލިޓިކްސް ދުނިޔޭގައި ދައުރު ކުރާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި ކަންކަން ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.ޓޫރިޒަމް ސިނާއަތުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެންމެ ބާޒާރަކަށް އެއާލައިނެއް ގެނެސްގެންއެންމެ ބާޒާރަށް ދަތުރު ތަކެއް ފެށުމަކީ ބޮޑު ގޯހެކެވެ."ރާއްޖެ އަށް ހަގީގަތުގައި މި ވަގުތު އެންމެ މުހިންމީ ދަތުރުފަތުރު. ކަނެކްޓިވިޓީ. އެނދުތައް އިތުރުވާއިރު އޮކިއުޕެންސީ ހިފަހައްޓަން އެންމެ މުހިންމީ ވައިގެ އުދުހުންތައް ފުޅާ ކުރުން. ރާއްޖެ އަށް މީހުން އަންނަން އެބަތިބި. ބޭނުންވަނީ ފަސޭހަ ކަނެކްޓިވިޓީ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.ރާއްޖެ އަށް ގިނަ އަދަދެއްގެ އެއާލައިން އޮޕަރޭޓް ކުރާ އިނަ މޯލްޑިވްސްގެ އެމްޑީ މުހައްމަދު ފިރާގު ވިދާޅުވެފައިވާ އޭނާ އުންމީދު ކުރަނީ ގައުމީ އިން ޗައިނާ އާއި ޔޫރަޕަށް ކުރާ ބައިނަލްއަގްވާމީ ދަތުރުތައް ޓިކެޓް ގަތުމުގެ ނިޒާމަށް އިތުރު ކުރުމެވެ. އެހެންނޫންނަމަ އެ ދަތުރުތައް ވާނީ ޗާޓަރު ފްލައިޓް ތަކެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.މިއަދުގެ ދުނިޔެ އަށް ބަލާއިރު ޑޮލަރު ދެރަވެދާނެތީ އެމެރިކާ އޮތީ ހާސްވެފަ އެވެ. އެމެރިކާގެ ވަތޮނީ އިންތިހާބީ ރައީސް ޓްރަމްޕްގެ ވަޑައިގަންނަވަނީ ޗައިނާ އާއި އިންޑިއާ ހިމެނޭ ބްރިކްސްގެ ގައުމުތަކާ ދެކޮޅަށް ޓެރިފްގެ ހަނގުރާމައިގެ ބެރި ޖަހަމުންނެވެ. އެހެންވެ މީގެ އަސަރު މި ވަގުތު ދިވެހިރާއްޖެއާ އެންމެ ގާތް ޗައިނާއަށް އަސަރު ކުރާނެ އެވެ. އެހެންނޫނަސް އެންމެ ބާޒާރަކަށް ފްލައިޓް އެޅުމަކީ ފުރުސަތު އޮއްވައި ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެހެން ގައުމުތަކުގެ ގައުމީ އެއާލައިން ރާއްޖެ ޖައްސާއިރު އެ ފުރުސަތު ރާއްޖެ ވެސް "ވިން ވިން" މި ފުރުސަތު އޮވެ އެވެ. އެކަމަކު މިހާތަނަށް ނެތީ އެކަން ކުރަން އުޅޭނެ ބައެކެވެ. ވައިގެ ދަތުރުފަތުގެ މި ގުޅުމުގެ ފައިދާ ޓޫރިޒަމްގެ ތެރޭންލާފައި ދިވެހިރާއްޖެ ނަގަން ޖެހޭ ވަގުތު މިއޮތީ ޖެހިފަ އެވެ.
ސަރުކާރުން ގައުމީ އެއާލައިންއަށް ބޮޑު ބޯޓެއް ގެނައުމަކީ ބޮޑު ކުރިއެރުމެކެވެ. މި ބޯޓާ ކުރިން ގެނައި "ބޮޑެތި" ބޯޓްތަކާ ތަފާތަކީ ކޮބައި ހެއްޔެވެ؟ގައުމީ އެއާލައިން އަށް މި ގެނައި އެއާބަސް އޭ330 ގެ ވައިޑް ބޮޑީ ބޯޓަކީ ރާއްޖެއަށް އާ ބޯޓެއް ނޫނެވެ. ކުރިން ރާއްޖޭގައި ބޭސް ވެގެން އުޅުނު އަމިއްލަ އެއާލައިނަކުން ވެސް މީގެ ބޯޓު އުދުއްސި އެވެ. އެކަމަކު މި ފަހަރު ދިވެހިންނަށް ހާއްސަ އެވެ. މި ފަހަރު ގެނައި މި ބޯޓަކީ ގައުމީ އެއާލައިނުން ގެނައި މި ފަދަ ފުރަތަމަ ބޯޓެވެ. ސުވާލަކީ މި ބޯޓާއި ކުރިން މޯލްޑިވިއަން އިން ގެންގުޅުނު އެއާބަސްގެ ބޯޓާ ތަފާތަކީ ކޮބައި ހެއްޔެވެ؟އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފްލައިޓް ޓެކްނިކަލް ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު އަމްރާހު ހުސެއިން ވިދާޅުވީ މި ބޯޓަކީ ކުރިން ގެނައި ބޯޓުތަކާ ހިލާފަށް ދުރަށް އުދުހުމުގެ ކެޕޭސިޓީ ހުރި ބޯޓަކަށްވުމަކީ އެންމެ ބޮޑު ތަފާތެވެ. "މި ބޯޓް [ވައިޑް ބޮޑީ ] އެބަ ދޭ 13،000 ކިލޯ މީޓަރު ދުރުމިނަށް. އެހެންވެ މި ބޯޓުން ޔޫރަޕުގެ މަންޒިލްތަކަށް ވެސް އުދުހުމުގެ ފުރުސަތު އޮންނާނެ. މި ބޯޓާއެކު ސީފާ މަންޒިލަށް ސްޓޮޕެއް ނެތި ދެވުމުގެ ފުރުސަތު ލިބުމަކީ ޓޫރިޒަމަށް ލިބޭނެ ކުރިއެރުން،" އަމްރާހު ވިދާޅވި އެވެ.މާނައަކީ ކުރިން ގައުމީ އެއާލައިން ޗައިނާ އަށް ދަނީ ތައިލެންޑުގައި މަޑުކޮށްފަ އެވެ. މިހާރު ސީދާ ބީޖިންގަ އަށް ދަތުރުކޮށްލެވޭނެ އެވެ. ކުރިން ގެނައި ބޯޓުގެ ޖާގައަކީ 194 އެވެ. އެކަމަކު މިހާރުގެ ޖާގައަކީ 260 މީހުން އުފުލޭނެ އެވެ. އަދި މިހާރު 10 ޓަނުގެ ކާގޯ ވެސް އުފުލޭނެ އެވެ. މީގެން ވާނެ މޮޅަކީ ކޮބައި ހެއްޔެވެ؟ މިއި އަނެއް ސުވާލެވެ. މި ބޯޓާއެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ ޓޫރިޒަމާއި ދިވެހިންނަށެވެ. މިއީ އިންފްލައިޓް އެންޓައިމަންޓް ހުރި ބޯޓެކެވެ. މާނައަކީ ދިވެހި އަމިއްލަ އުފެއްދުންތައް ދަތުރުވެރިންނަށް ދައްކާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ދިވެހި ސަގާފަތް އިސްތިހާރު ކުރެވޭނެ އެވެ. ސީދާ މަންޒިލަށް ދިއުމުން ވާނެ މޮޅަކީ ހައްޓަށް ކައްޓަށްވާ ލުއިކަމުގެ އިތުރުން ޓިކެޓުގެ އަގު ހެޔޮކުރަން ފުރުސަތު ލިބުމުން ޖީބަށް އަންނަ ލުއިކަމެވެ. ދެން އޮތީ ޔޫރަޕަށް ދިއުމުގެ ވާހަކަ އެވެ. މި ބޯޓަކީ 13،000 ކިލޯމީޓަރަށް އުދުހުމުގެ ގާބިލްކަން ހުރި ބޯޓެކެވެ. މިހާރު މެދުތެރޭ ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އަންނަ މޮސްކޯ އާއި ރާއްޖެއާ ދެމެދު އޮންނަނީ 7،000 ކިލޯ މީޓަރުގެ ރާސްތާ އެވެ. އަދި އިނގިރޭސިވިލާތުގެ ލަންޑަން އާއި ރާއްޖެއާ ދެމެދުގެ ރާސްތާއަކީ 8,577 އެވެ. އަދި ދެކުނު އެފްރިކާ އާއި ރާއްޖެއާ ދެމެދުގެ ރާސްތާއަކީ 6,512 ކިލޯ މީޓަރެވެ. މީގެ ކޮންމެ މަންޒިލަކަށް ވެސް މިހާރު ސީފާ ހުއްޓުމެއް ނެތި ގައުމީ އެއާލައިންއަށް އުދުހެވޭނެ އެވެ. މި ބޯޓުން ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މި އެވެ. ކުރިން ގެންގުޅުނު ބޯޓުން އެފްރިކާ އަށް ޗާޓަރު ފްލައިޓް ތަކެއް އެޅި އެވެ. އެކަމަކު އެފަހަރު މެލޭޝިއާ އަދި ތައިލެންޑުގައި ޓެކްނިކަލް ސްޓޮޕަށް މަޑުކުރަން ޖެހުމެވެ. މިހާރާއި ކުރީގެ ތަފާތަކީ މި އެވެ.ބޮޑު ބޯޓާއެކު ފުރުސަތު ތަކެއް ހުޅުވޭނެ އެވެ. މިހާރުގެ އަންދާޒާއަކީ އެންމެ ބޯޓަކުން އަހަރު 65،000 ޓޫރިސްޓުން އިތުރު ކުރުމެވެ. މި އަދަދު އޮގަސްޓް މަހު ގެންނަ ދެވަނަ ވައިޑް ބޮޑީ ފްލައިޓާއެކު އިތުރު ކުރެވޭނެ އެވެ. އެކަމަކު ބޮޑު ބޯޓެއް ގެނެސްގެން ހަމައެކަނި އަތް ޖަހަން ތިބެވޭކަށް ނެތެވެ. ސަރުކާރުން ގައުމީ އެއާލައިން ދަތުރު ކުރަން އޮތް ސާފު ރާސްތާ ދައްކައިދޭން ޖެހެ އެވެ. އަދި އެ ރާސްތާއިން ކަސިޔާރުވާނަމަ ކޮންޓްރޯލް ޓަވަރަށް އެންމެ މަތީ ވެރިޔާ އަރާ ވަޑައިގެން ނަމަވެސް ގައުމީ އެއާލައިން މިޝްރާބު ސީފާ ކޮށް ދުއްވަން ޖެހެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަތް ޖަހަން ނުތިބޭ | ކުރީގެ ހިތްދަތި ތަޖުރިބާ އިން އިބުރަތް ހޯދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ